މެމްބަރު އިލްހާމްގެ ކޮއްކޮއަށް ބަޔަކު ހަމަލާ ދީފި

ސަރުކާރު ހިންގާ ޕީޕީއެމް ދޫކޮށްދިއުމަށް ފަހު ސަރުކާރަށް ފާޑުވިދާޅުވަމުން ގެންދަވާ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހްމަދުގެ ކޮއްކޮއަކަށް ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ބަޔަކު ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.
 
އިސްލާމިކް މިނިސްޓްރީގެ ކޯޑިނޭޓަރުގެ މަގާމުގައި ކުރިން ހުންނެވި މައުރޫފު ހުސައިން އަށް ގްރޫޕަކުން ހަމަލާ ދިނީ، އޭނާ ވިދާޅުވި ގޮތުގައި، ރޭ ދަންވަރު 12:00 ހާއިރު އޭނާ ދިރިއުޅޭ ގެއިން ނުކުމެގެން އަމިއްލަ އޮފީހަށް ވަޑައިގަތުމަށް ނުކުންނެވި ވަގުތު އެވެ.
 
"އެވަގުތު ސައިކަލްގައި އައި ދެ މީހަކު ހަޅޭއްލަވައިގަނެފައި އަޅުގަނޑުގެ ގައިގައި އެތައް ފަހަރަކު އެއްޗަކުން ޖެހީ، ކަރުމަތީގައި ޖަހަން އުޅުނީ. އެކަމަކު އަޅުގަނޑު އަތް އެޅުމުން ކިރިޔާ ސަލާމަތްވީ،" އޭނާ ވިދާޅުވި އެވެ.
ހަށިގަނޑުގެ ބައެއް ތަންތަން ކަފައިގެން ގޮސް، އަދި ބައެއް ތަންތަން ހަން މަށައިގެން ގޮސްފައިވާ ކަމަށް މައުރޫފު ވިދާޅުވި އެވެ.
 
މިހަމަލާއަކީ މައުރޫފު ވިދާޅުވި ގޮތުގައި، އޭނާގެ ބޭބެއަށް ބިރު ދެއްކުމުގެ ގޮތުން ބަޔަކު ދިން ހަމަލާއެކެވެ.
 
މި މައްސަލަ އޭނާ ވަނީ ޕޮލިހަށް ހުށަހަޅައިފަ އެވެ. 
 
މިކަމާ ގުޅޭ ގޮތުން ޕޮލިހުންގެ ބަހެއް އަދި ނުލިބެ އެވެ. 
މައުރޫފުގެ އިތުރުން އިލްހާމްގެ ހަތަރު ކޮއްކޮއަކު ސަރުކާރުގެ މަގާމުތަކުން ދުރުކުރީ، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއިކުރެއްވާ ގުޅިގެންނެވެ.
 
އިލްހާމް ވިދާޅުވެފައި ވަނީ ކިތަންމެ ބިރެއް ދެއްކިޔަސް، އަޒުމަކަށް ބަދަލެއް ނާންނާނެ ކަމަށާއި އެނބުރި ޕީޕީއެމްއަށް ދާނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ.
ކޮސް ވެއްޖެ
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ