ދިނީ އިލްމުވެރިންގެ މަހާސިންތާ އަށް އަޅުގަނޑަށް ދައުވަތެއް ނުދޭ: މައުމޫން

ދީނީ ކަންކަމުގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތައް ކުޑަކުރުމަށްޓަކައި އިއްޔެ ފެށި ދީނީ އިލްމުވެރިންގެ މަހާސިންތާ އަށް ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމަށް ދައުވަތު ދިން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނި ނަމަވެސް، އެކަން އެމަނިކުފާނު ދޮގުކުރައްވައިފި އެވެ.
ކުރީގެ ރައީސް މިއަދު ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ މަހާސިންތާ އަށް އެ މަނިކުފާނަށް ދައުވަތު ދެއްވި ކަމަށާއި މަހާސިންތާގައި އެމަނިކުފާނު ބައިވެރިވެވަޑައިނުގެންނެވި ކަމަށް އިސްލާމިކު މިނިސްޓްރީން ބުނުމުން ވަރަށް ބޮޑަށް ހިތާމަކުރައްވާ ކަމަށެވެ.
މަހާސިންތާއަށް މައުމޫނަށް ދައުވަތު ދެއްވި ކަމަށް ވިދާޅުވީ އިސްލާމިކް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު އަހްމަދުﷲ ޖަމީލެވެ.
އޭނާ މިރޭ ވިދާޅުވީ މައުމޫނަށް ދައުވަތު ދެއްވީ އެހެން އިލްމުވެރިންނަށް ވެސް ދައުވަތު ދެއްވި އުސޫލުން ކަމަށާއި އެގޮތުން ފުރަތަމަ ދައުވަތު ފޮނުވީ އެސްއެމްއެސްއަކުން ކަމަށެވެ.
"ކުރީގެ ރައީސް މާލެ ވަޑައިގެންނެވިކަން އެނގުމުން އެރޭ އަޅުގަނޑުމެން އެމަނިކުފާނަށް އެސްއެމްއެސްއިން ދައުވަތު ދިނިން. އަޅުގަނޑުމެން އެހެން އިލްމުވެރިންނަށް ވެސް ފުރަތަމަ ދައުވަތު ދިނީ އެގޮތަށް. އެ ބޭފުޅަކު [އެސްއެމްއެސް އަށް] ޖަވާބު ދެއްވުމުން ލިޔުމުން ދައުވަތު ފޮނުވަނީ. އަޅުގަނޑުމެން ފޮނުވި އެސްއެމްއެސް މައުމޫނަށް ލިބިވަޑައިގެންނެވި ކަމެއް ނުވަތަ ނޫން ކަމެއް އަޅުގަނޑަކަށް ބުނާކަށް ނޭނގޭ. ނަމަވެސް އެ އެސްއެމްއެސް ފޮނުވި ނަންބަރަކީ މިތަނުން ކުރިން އެމަނިކުފާނާ މުއާމަލާތްކޮށްފައިވާ ނަންބަރެއް،" އަހްމަދުﷲ ވިދާޅުވި އެވެ.
ކުރީގެ ރައީސް މެލޭޝިޔާއިން ރާއްޖެ ވަޑައިގެންނެވީ ހުކުރު ދުވަހުގެ ރޭގަ އެވެ.
ފަސްދޮޅަހަށް ވުރެ ގިނަ ދީނީ އިލްމުވެރިން ބައިވެރިވެވަޑައިގެން، ދެ ދުވަހުގެ މުއްދަތަށް ބާއްވާ މަހާސިންތާގައި، ދީނީ ހިލާފު އުފެދިފައިވާ މައްސަލަތަކާ މެދު އަމަލުކުރާނެ ގޮތާއި ކޮންމެ އިހްތިލާފީ މައްސަލައެއްގައި ދެގޮތް ހުއްދަތޯ އާއި މިސްކިތުގެ ތަނބުތަކުގެ ދޭތެރޭގައި ނަމާދުކުރުމާއި ފައިސާއިން ފިތުރު ޒަކާތް ދެއްކުމާއި ގުނޫތު ކިޔުމާ ބެހޭ ގޮތުން މަޝްވަރާކުރާނެ އެވެ. އަދި އިސްލާމީ ޝަރީއަތުގެ ދެ ވަނަ މަސްދަރުކަމުގައިވާ ރަސޫލާގެ ސުންނަތާ ބެހޭ ގޮތުން ވެސް މަޝްވަރާކުރާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ