އަބްދުﷲ ގާޒީ ހައްޔަރުކުރުމުގެ ހުރިހާ އިރުޝާދެއް ދީފައި ވަނީ ކުރީގެ ރައީސް ނަޝީދު: އެޗުއާރްސީއެމް

ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ސިފައިން ބޭނުންކޮށްގެން ގާނޫނާ ހިލާފަށް ހައްޔަރުކުރުމުގެ އިސް ފަރާތަކީ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނު ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)ގެ ތަހުގީގަށް ސާބިތުވެފައިވާ ކަމަށް އެ ކޮމިޝަނުގެ ރިޕޯޓުގައި ބުނެފި އެވެ.
އެޗްއާރްސީއެމުން އިއްޔެ އާއްމު ކުރި 30 ސަފުހާގެ، "ކްރިމިނަލް ކޯޓުގެ އިސް ގާޒީ ... އަބްދުﷲ މުހައްމަދު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ބެލުމުގެ ދަށަށް ގެންދިޔަ މައްސަލައިގެ ތަހުގީގު ރިޕޯޓް"ގައި ބުނެފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހުގެ ރޭ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންގޮސް ގިރިފުށީގައި ބަހައްޓާފައި ވަނީ ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކާއި އިންސާނީ ހައްގުތަކާ ބެހޭ ބައިނަލް އަގުވާމީ މުއާހަދާތަކުން ކަށަވަރުކޮށްދޭ މިނިވަންކަމާއި އިންސާނީ ހައްގުތަކާ ހިލާފަށް ކަމަށް އެކޮމިޝަނަށް ސާބިތުވެފައިވާ ކަމަށެވެ.
"... އަބްދުﷲ މުހައްމަދު ގިރިފުށީގައި ބަންދުކޮށްފައި ހުރި އިރު އޭނާ އަށް ޖިސްމާނީ ގޮތުން އޭނާ އަށް އަނިޔާއެއް ކޮށްފައި ނުވި ނަމަވެސް އެކި ގޮތްގޮތުން އަބްދުﷲ މުހައްމަދުގެ އިންސާނީ ކަރާމަތް ނަގާލައި މަޖުބޫރުކޮށްގެން އޭނާ ލައްވައި ކަންތައް ކުރެވުމަށް މަސައްކަތްކޮށްފައިވާ ކަމާއި އޭނާ މަގާމުން ދުރުކުރުމަށް އަދި ރާއްޖެ އިން ބޭރަށް ފޮނުވާލުމަށް ތަކުރާރުކޮށް މަސައްކަތްކޮށްފައިވާ ކަން އެނގޭ،" އެޗްއާރްސީއެމްގެ ރިޕޯޓުގައިވެ އެވެ.
ރިޕޯޓުގައި ބުނެފައި ވަނީ އަބްދުﷲ ގާޒީ ހައްޔަރުކޮށް، ގިރިފުއްޓަށް ގެންދިއުމުގައި އޭނާ އަށް ގާނޫނު އަސާސީ އިން ލިބިފައިވާ އެންމެހާ ހައްގުތަކުން މަހުރޫމުކުރުމުގެ އަމަލުތައް ހިންގާފައިވާ އިސް ފަރާތަކީ ކުރީގެ ރައީސް ނަޝީދުއާއި އެމަނިކުފާނުގެ ދަށުން އެންމެހާ އަމުރުތައްކޮށްފައި ވަނީ އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު ކަމަށް ތަހުގީގަށް ސާބިތުވާ ކަމަށާއި އަދި އެ އޮޕަރޭޝަން ހިންގާފައި ވަނީ އެމްއެންޑީއެފުން ކަމުން އެ ކަމުގައި ޗީފް ޑިފެންސްފޯސްގެ ހައިސިއްޔަތުން މޫސާ އަލީ ޖަލީލު ވެސް ޒިންމާ ނަންގަވަން ޖެހޭ ކަމަށެވެ.
އަބްދުﷲ ގާޒީ ގާނޫނާއި އިޖުރާތަކާއި ނުލައި އެމްއެންޑީއެފުން ހައްޔަރުކުރި މައްސަލާގައި އޭނާ ވަގުތުން ދޫކޮށްލުމަށް ޖެނުއަރީ 17 ވަނަ ދުވަހު ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުން އެމްއެންޑީއެފުގެ މައްޗަށް ކޮށްފައިވާ ހުކުމަށް ވެސް އެމްއެންޑީއެފުން ތަބާވެފައި ނުވާ ކަމަށާއި އަދި އޭނާ ބަންދުކޮށްފައި ހުރި ތަނެއް ބެލުމަށް ޓަކައި އެޗްއާރްސިއެމުން ރައީސުލްޖުމުހުރިއްޔާ އަށާއި ޑިފެންސް މިނިސްޓަރަށް ވެސް ފޯނުކޮށްގެން އެ މައުލޫމާތު ލިބިފައިނުވާ ކަމަށާއި އަބްދުﷲ ގާޒީ ހައްޔަރުކޮށް 48 ގަޑިއިރު ވާން ކައިރިވެފައިވަނިކޮށް މީޑިއާ އިން ހާމަކުރުމުގެ ކުރިން ގާޒީ ބަންދުގައި ބަހައްޓާފައި ހުރީ ކޮންތަނެއްގައި ކަން ވެސް ކޮމިޝަނަށް އެނގިފައިނުވާ ކަމަށް ރިޕޯޓުގައިވެ އެވެ.
"އަބްދުﷲ މުހައްމަދު ބަންދުކޮށްފައި ހުރިތަނެއް ބެލުމަށް ޓަކައި ރައީސުލްޖުމުހުރިއްޔާ އަށް ފޯނުން ގުޅޭތޯ ތަކުރާރުކޮށް މަސައްކަތް ކުރުމާއި ޑިފެންސް މިނިސްޓްރީގެ އެކި ފެންވަރުގެ ފަރާތްތަކަށް ފޯނުން ގުޅައިގެން މަސައްކަތްކުރުމުގެ އިތުރަށް އޭރުގެ ޑިފެންސް މިނިސްޓަރަށް ފޯނުން ތަކުރާރުކޮށް އެތައް ފަހަރަކު ގުޅައި ފޯނުން ޖަވާބު ދީފައި ނުވުމާއި އަދި ޑިފެންސް މިނިސްޓަރާ ކޮމިޝަނުން ބައްދަލުކުރުމަށް ތަކުރާރުކޮށް އެދިފައިވީ ނަމަވެސް އެ ބައްދަލުވުން ހަމަޖައްސައި ދީފައިނުވާ ކަމާއި އަބްދުﷲ މުހައްމަދު ބަންދުގައި ހުރިތަނެއް މައުލުމާތު ބަންދުކުރިތާ ގާތްގަނޑަކަށް 48 ގަޑިއިރުވާން ކައިރިވެފައިވަނިކޮށް މީޑިޔާ އަށް ހާމަކުރުމުގެ ކުރިން ކޮމިޝަނަށް އެނގިފައި ނުވޭ،" ފަސް މެންބަރުންގެ މަައްޗަށް އެކުލެވޭ ކޮމިޝަނުން ނެރުނު ރިޕޯޓްގައިވެ އެވެ.
އެޗްއާރުސީއެމަށް އަބްދުﷲ ގާޒީ ހައްޔަރުކޮށްފައި ވަނީ ގިރިފުށީގައި ކަން އެނގުމާ އެކު އޭނާގެ ހާލު ބެލުމަށް ޓަކައި 19 ޖެނުއަރީގައި އެ ރަށަށް އެކޮމިޝަނުގެ ޓީމެއް ދިއުމުން ވެސް އެ ރަށަށް އެރުމުގެ ހުއްދަ އެމްއެންޑީއެފުން ދީފައި ނުވާ ކަމަށާއި އަދި އެކަމާ ގުޅޭ އެކި މައުލޫމާތު ހޯދުމަށް ސަރުކާރުގެ އެކި މުއައްސަސާތަކުން އެޗްއާރްސީއެމަށް އެއްބާރުލުން ނުދޭކަން ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
ރިޕޯޓުގައި އަދި ބުނެފައި ވަނީ އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލައިގެ ޒިންމާ ނަންގަވަން ޖެހޭނީ ދައުލަތުން ކަމަށާއި އެއީ ދައުލަތުގެ ދިފާއުގައި ކުރި ކަމެއް ކަމަށާއި އެކަމުގައި ސިފައިންގެ އެއްވެސް އޮފިސަރަކު ޒިންމާވާން ނުޖެހޭނެ ކަމަށް ރައީސުލްޖުމްހުރިއްޔާ ވިދާޅުވި ކަމަށް ޗީފް އޮފް ޑިފެންސްފޯސް ވިދާޅުވެފައިވާ ކަމަށެވެ.
"ސިފައިންގެ މެސްރޫމުގައި ހުރިހާ ކާނަލުންނާއި ޖެނެރަލުންންނާ އެކު ކުރީގެ ރައީސުލްޖުމުހޫރިއްޔާ ބޭއްވި މެންދުރުގެ ފަރިއްކޮޅެއްގައި އަބްދުﷲ މުހައްމަދު ސިފައިންގެ ބެލުމުގެ ދަށަށް ގެނައުމުގެ ހުރިހާ ޒިންމާއެއް އުފުއްލަވާނީ ކުރީގެ ރައީސް ކަމަށް ވިދާޅުވެފައިވާ ކަމަށް، އަދި އެ ބައްދަލުވުމުގައި އެކަމުގެ ޒިންމާ އުފުލާނީ ކުރިގެ ޑިފެންސް މިނިސްޓަރާއި ރައީސުލްޖުމުހުރިއްޔާ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު ބުނެފައިވާ ކަމަށް އެމްއެންޑީއެފުގެ ސީނިއާ އޮފިސަރަކު ބުނެފައިވޭ،"
ރިޕޯޓުގައި ބުނެފައި ވަނީ އަބްދުﷲ ގާޒީ ގިރިފުށީގައި ބަހައްޓާފައި ހުރި އިރު ކުރީގެ ރައީސް ނަޝީދުގެ ފަރާތްޕުޅުން ސަރުކާރުގެ ވަފުދެއް ދެ ފަހަރެއްގެ މަތީން އަބްދުﷲ ގާޒީއާ ބައްދަލުކުރުމަށް ގިރިފުއްޓަށް ފޮނުވައިގެން މިނިވަން ކުރުމަށް ޝަރުތުކުރާ ކަންތައްތަކުގެ ތެރޭގައި ގާޒީކަމުގެ ވަޒީފާ ދޫކޮށްލައި އެހެން ވަޒީފާ އަކަށް ދިއުމަށް ހުށައެޅި ކަމަށާއި އަދި ރާއްޖެ އިން ބޭރަށް ފޮނުވާލުމަށް ތަކުރާރުކޮށް މަސައްކަތްކޮށްފައިވާ ކަމަށް ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
"ގާނޫނު އަސާސީގެ 141 ވަނަ މާއްދާގެ (ނ) ގައި އަމިއްލަ ފަރުދަކު ވިޔަސް ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެފައި ހުރި މީހަކު ވިޔަސް ފަނޑިޔާރުންގެ މަސައްކަތްތަކާ ބެހި ނުފޫޒު ފޯރުވައިހަދައިގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވާ އިރު 2012 ޖެނުއަރީ 16 ވަނަދުވަހުގެ ރޭ އަބްދުﷲ މުހައްމަދު އެމްއެންޑިއެފް ބެލުމުގެ ދަށަށް ގެންގޮސް ބަންދުކޮށްފައި ބެހެއްޓުމަކީ ފަނޑިޔާރެއްގެ ހައިސިއްޔަތުން އޭނާ ކުރަމުން ދިޔަ މަސައްކަތާއި ބެހި ނުފޫޒު ފޯރުވުމުގެ ގޮތުން ކޮށްފައިވާ ކަމެއް ކަމަށް ތަހުގީގަށް ގަބޫލު ކުރެވެ އެވެ،" ރިޕޯޓުގައިވެ އެވެ.
އަބްދުﷲ ގާޒީ ހައްޔަރުކޮށްފައި ވަނީ ގައުމީ ސަލާމަތަށް ނުރައްކާތެރި މީހެއްގެ ގޮތުގައި ކަމަށް ބުނި ނަމަވެސް އޭނާ ހައްޔަރުކުރި މުއްދަތުގެ ތެރޭގައި ގައުމީ ސަލާމަތު ކޮމިޓީގެ ބައްދަލުވުމެއް ބާއްވާފައި ނުވާތީ އެކަން ސާބިތުކޮށްދެވާފައި ނުވާ ކަމަށާއި ގާޒީ ހައްޔަރުކޮށްފައި ވަނީ ގާނޫނު އަސާސީ އާއި އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުތަކާއި ގަވާއިދުތަކުގެ ވެސް ގިނަ މާއްދާތަކެއް އެޗްއާރުސީއެމުން ހެކީގެ ގޮތުގައި އެ ރިޕޯޓުގައި ހިމަނާފައިވެ އެވެ. އަދި އޭނާ ބަންދުކޮށްގެން ގެންގުޅުމުގައި ސިފައިންނާއި ފުލުހުން ވެސް އަމަލުކޮށްފައި ވަނީ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް ކަމަށް ސާބިތުވާ ކަމަށް ވެސް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.
ރިޕޯޓުގައި އެޓަނީ ޖެނެރަލަށް ހުށައަޅާފައިވާ ކަންކަމުގެ ތެރޭގައި ހިމެނެނީ ރައްޔިތެއްގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާ ހާލަތްތަކަކީ ކޮބައިކަމާއި އެފަދަ ހާލެއްގައި އެއްވެސް ރައްޔިތަކު ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށަށް ގެނެވޭނެ އުސޫލާއި ގެންދިއުމަށް ފަހު އެ މީހަކާ މެދު އަމަލު ކުރެވޭނެ ގާނޫނީ އޮނިގަނޑެއް ހެދުމަށެވެ. ޕޮލިސް އިންޓަގްރިޓީ ކޮމިޝަނަށް ހުށައަޅާފައި ވަނީ އަބުދުﷲ މުހައްމަދު އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންދިއުމުގައި ފުލުހުން އަދާކޮށްފައިވާ ދައުރުބަލައި ތަހުގީގުކޮށް ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅު އެޅުމަށެވެ. އެމްއެންޑީއެފަށް ހުށައަޅާފައި ވަނީ އަބްދުﷲ މުހައްމަދު އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންދިއުމުގައި ސިފައިން އަދާ ކޮށްފައިވާ ދައުރުބަލައި ތަހުގީގުކޮށް ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅު އެޅުމަށެވެ.
ޕްރޮސެކިއުޓާ ޖެނެރަލަށް ހުށައަޅާފައި ވަނީ ތަހުގީގު ރިޕޯޓު ދިރާސާކުރުމަށް ފަހު އަބްދުﷲ މުހައްމަދު އެމްއެންޑީއެފްގެ ބަންދުގެ ބެހެއްޓި މައްސަލާގައި ޒިންމާވާން ޖެހޭ ފަރާތްތަކާ މެދު ގާނޫނުގައިވާ ގޮތުގެ މަތިން އަމަލު ކުރުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ