ށ. އަތޮޅު އޮފީހުގެ ސާމާނު މިލަންދު އަށް ބަދަލުކުރަން އުޅުމުން ރައްޔިތުން ރުޅިގަދަވެއްޖެ

ށ. ފުނަދޫގައި ހުންނަ އެ އަތޮޅުގެ އަތޮޅު އޮފީހުގެ ސާމާނު މިލަންދު އަށް ބަދަލު ކުރަން އުޅުމުން އެކަމާ ފުނަދޫ ރައްޔިތުން ރުޅިގަދަވެ ހިތްހަމަނުޖެހުން ފާޅުކުރަން ފަށައިފި އެވެ.
އެ ރަށުން ވާހަކަ ދެއްކި މީހަކު ބުރާސްފަތި ދުވަހު ބުނީ (މިއަދުގެ) މެންދުރުގެ ވަގުތުގައި އޮފީހުގެ ސާމާނު މިލަންދު އަށް ބަދަލުކުރަން ފުލުހުން ދިއުމުން އެތަނަން ގިނަ އަދަދެއްގެ ބަޔަކު އެއްވެ އެ އެއްޗެހި އަތޮޅު އޮފީހުން ބޭރުކުރުމަށް ދެކޮޅު ހަދާފައިވާ ކަމަށާއި އެކަމާ ދެކޮޅަށް ޝުއޫރުތައް ފާޅުކޮށްފައިވާ ކަމަށެވެ. އޭނާ އަދި ބުނީ އެ ތަކެތި މިލަންދު އަށް ގެންދަން ފުލުހުން ދިޔައީ އަތޮޅު ކައުންސިލަރު އަބްދުލް ހަންނާން ވިދާޅުވެގެން ކަމަށެވެ.
"ފުލުހުން ބުނީ މިކަމުގައި އެއްބާރުލުން ދެއްވާށޭ. އެތަނުގައި އިސްކޮށް ހުރި ރައްޔިތަކު ބުނީ އެއްބާރުލުން ދެވޭނީ އެ އެއްޗެހިތައް މިލަންދުއަށް ގެންދަނީ ކޮން ގާނޫނެއްގެ ދަށުންކަން ބުނެދިނީމާއޭ،" އޭނާ ބުންޏެވެ. "ފުލުހުން ބުނީ އެއަށް ޖަވާބެއް ނުދެވޭނޭ އެބޭފުޅުންނަކަށް. ދެން ރައްޔިތުން ބުނީ އެހެންވިއްޔާ ޖަވާބު ދެވޭވަރު ބަޔަކު މިތަނަށް ގެންނާށޭ."
އަތޮޅު އޮފީހުގެ ސެކްޝަނެއް ބަދަލު ކުރުމަށް ރަށު ކައުންސެލަރަށް ބުދަ ދުވަހު އަތޮޅު ކައުންސެލަރު އެންގެވި ކަމަށް ވެ އެވެ. އެހެންވެ ރައްޔިތުންގެ ތެރެއިން ބަޔަކު ވަނީ އެކަން ނުކުރެވޭނެ ކަމަށް ބުނެ އަތޮޅު އޮފީސް ދޮށަށް އެއްވެ އަތޮޅު އޮފީހަށް ނުވަދެވޭ ގޮތަށް އޮފީހުގައި ތަޅު އަޅުވައިފަ އެވެ.
އަތޮޅުވެރިކަން މިލަންދު އަށް ބަދަލުކުރަން އުޅޭ ވާހަކަތަކާ ގުޅިގެން އެ ރަށުގެ 10 ވަރަކަށް މީހުން ހިމެނޭ ޓީމެއް މިހާރު ވަނީ މާލެ އައިސްފަ އެވެ. ދަރުބާރުގޭ ފަންސަވީހުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ޓީމުގައި ހިމެނޭ އެ ރަށު ޒުވާނުންގެ ޖަމިއްޔާގެ އަހުމަދު އައްބާސް ވިދާޅުވީ އަތޮޅުވެރިކަން އެހެން ރަށަކަށް ބަދަލުކުރަން އުޅޭ ކަމަށް ވާހަކަ ދެކެވޭތީ އެކަމާ ވަރަށް ކަންބޮޑުވާ ކަމަށެވެ. އަދި އަތޮޅުވެރިކަން ބަދަލުކުރަން އުޅެނީ އަތޮޅު ކައުންސިލަރު ރަށުން ބޭރުކުރި ކަމަށް ބުނެ ކަމަށް ވާހަކަތައް ދެކެވޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު އޭނާ ވިދާޅުވީ އެ މައްސަލައިގައި އަތޮޅު ކައުންސިލަރު ދައްކަވާފައި ވަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށާއި ކައުންސިލަރު ރަށުން ބޭރުކޮށްފައި ނުވާނެ ކަމަށެވެ.
"މިކަމުގައި ރައްކާތެރިވުމަށް ރައްޔިތުންގެ ބޭނުމެއް ވެސް ފުލުހުން ބޭނުން ވެސް ނުހިއްޕަވާ ފައިބާ ވަޑައިގަންނަވާފައި ފުނަދޫ މުޅި ރާއްޖެއަށް ބަދުނާމުވާ ގޮތަށް މި ވާހަކަ ދެކެވޭތީ މީ އަޅުގަނޑުމެން ދެރަވާ ކަމަކީ،" އަހުމަދު އައްބާސް ވިދާޅުވި އެވެ.
އެރަށު އެއިޑް ޖަމިއްޔާގެ ފަރާތުން ވާހަކަ ދެއްކެވި އީސާ އިސްމާއިލް ވިދާޅުވީ އެކަމަކީ ރޭވިގެން ހިނގި ކަމެއް ކަމަށް ބެލެވޭ ކަމަށެވެ.
"ފުނަދޫން ފުރައިގެން ކައުންސިލަރު ޅައިމަގުގައި ފަސްމިނެޓް މަޑުކޮށްފައި މިލަންދުއަށް ވަޑައިގެންނެވި އިރު އަށް ސަތޭކައެއްހާ މީހުން އެއްވެ އޭނަ އަށް މަރުހަބާ ކިއުމަށް ޖެޓީ މަތީގައި ތިބި. ނުރޭވި އޮތް ނަމަ އެ 800 މީހުން އެހާ ކުޑަވަގުތު ކޮޅެއްގައި ދިދަ ޖަހައި މަރުހަބާ ކިޔަން [އެއްވެ] ނުތިބޭނެ،" އީސަ ވިދާޅުވި އެވެ.
އަތޮޅު ކައުންސިލަރު މިލަންދު އަށް ވަޑައިގެންނެވުމުން އޭނާގެ މަސައްކަތްތައް ވަނީ އެ ރަށަށް ބަދަލުކޮށްފަ އެވެ. އަދި ޕްރޮވިންސް އޮފީހުން ވަކި އެއްޗެއް އަންގަންދެން އޮފީސް ބަންދުކޮށްފައި ބެހެއްޓުމަށް ވެސް ވަނީ އަންގައިފަ އެވެ. މިލަންދޫގައި މިހާރު ދަނީ އެކަމާ އުފާފާޅު ކުރަމުންނެވެ.
މި މައްސަލައިގައި އަތޮޅު ކައުންސެލަރު އެއްވެސް ވާހަކައެއް "ހަވީރަ"ށް ދައްކަވާކަށް ބޭނުމެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ