ކުރީގެ ހަޔާ އެޑިއުކޭޝަން މިނިސްޓަރު އަދި ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމްގެ ކޮއްކޯފުޅު އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން ސިޔާސީ ޕާޓީއެއް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނަރުގެ އޮފީހަށް މިއަދު ހުށަހަޅުއްވައިފި އެވެ.
އިލެކްޝަންސް ކޮމިޝަނަރު އޮފީހުން ވެސް މިއަދު ވަނީ އެކަން ކަށަވަރު ކޮށްދެއްވައިފަ އެވެ.
"ޕީޕަލްސް އެލަޔަންސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ހޯދުމަށްޓަކައި 50 އަށް ވުރެ ގިނަ މީހުންގެ ސޮއި މިއަދު ވަނީ ހުށަހަޅައިފައި. އަޅުގަނޑުމެން މިހާރު މިދަނީ އެ ނަންތައް ސައްހަތޯ ބަލަމުން. ނަންތައް ސައްހަތޯ ބެލުމަށް ފަހު އެ ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދަ އަޅުގަނޑުމެން ދޭނީ،" އިލެކްޝަންސް އޮފީހުގެ އެސިސްޓެންޓް ޑިރެކްޓަރު ޖެނެރަލް މުހައްމަދު ތޮލާލް ވިދާޅުވި އެވެ.
ޕީޕަލްސް އެލަޔަންސްގެ ފަރާތުން ވާހަކަ ދެއްކެވި ޑީއާރުޕީގެ ކުރީގެ މެމްބަރު ހިޔަލީ މުހައްމަދު ރަޝީދު މިއަދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ނ. އަތޮޅުގެ ގޮނޑި ވެސް ފުރުއްވަމުން ގެންދަވާ ކުރީގެ ޑީއާރްޕީގެ މެމްބަރެއް ކަމުގައި ޔާމީންގެ ނަމުގައި ސިޔާސީ ޕާޓީ އުފެއްދުމަށްޓަކައި 55 މީހުންގެ ނަން އިލެކްޝަންސް އޮފީހަށް މިއަދު ހުށަހަޅުއްވާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ޕީޕަލްސް އެސޯސިއޭޝަންގެ ކައުންސިލްގެ ގިނަ މެމްބަރުންތަކެއް ވެސް ހިމެނޭ ކަމަށް، ކުރިން އައްޑު އަތޮޅުގެ މެމްބަރުކަން ވެސް ކުރައްވައިފައިވާ ހިޔަލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޕާޓީ އުފެއްދުމަށްޓަކައި އިލެކްޝަންސަށް ހުށަހެޅުއްވި ފުރަތަމަ 55 މީހުންގެ ތެރޭގައި ޔާމީންގެ އިތުރުން ކުރީގެ މިނިސްޓަ އޮފް ސްޓޭޓް ފޯ ހަޔާ އެޑިއުކޭޝަންގެ މަގާމު ފުރުއްވި އަދި ޕީޕަލްސް އެސޯސިއޭޝަންގެ ނާއިބު ރައީސް އަހުމަދު ނާޒިމާއި ރައްޔިތުންގެ މަޖިލީހުގެ ހއ. މެމްބަރު ޖައުފަރު އީސާ އާދަމް (ޖައުސާ ޖައުފަރު) ގެ އިތުރުން ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މ. މެމްބަރު އަހުމަދު ސުލެއިމާނާއި ބަންޑާރަ ނާއިބު އޮފީހުގެ ޑިރެކްޓަ ޖެނެރަލް މުހައްމަދު ސަލީމް (ރޭނީސް ސަލީމް) ވެސް ސޮއި ކުރައްވައިފައިވާނެ އެވެ. އޭގެ ތެރެއިން ޔާމީނާއި ނާޒިމް ފިޔަވައި ދެން ތިއްބެވި ބޭފުޅުންނަކީ ޕީޕަލްސް އެސޯސިއޭޝަންގެ ހިންގާ ކޮމެޓީގެ މެމްބަރުންނެވެ.
"ޖާބިރު (ޕީޕަލްސް އެސޯސިއޭޝަންގެ ނާއިބު ރައީސް) އާއި ގައްދޫ ޒާހިރު (ރައްޔިތުންގެ މަޖިލީހުގެ ގދ. މެމްބަރު މިވަގުތު ރަށުގައި ނޫޅުއްވާ. އެހެންވެ އެ ބޭފުޅުންގެ ސޮއި އަދި ނެތް. އެކަމަކު އެއީ އަޅުގަނޑުމެން ޕާޓީގެ ބޭފުޅުން. ޕީޕަލްސް އެސޯސިއޭޝަންގެ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ތެރެއިން ސިވިލް ސާވިސްގައި ހިމެނިވަޑައިނުގަންނަވާ ހުރިހާ ފަރާތްތަކެއް ވަނީ މި ޕާޓީއަށް ސޮއިކުރައްވައިފައި،" ހިޔަލީ ވިދާޅުވި އެވެ.
މި ބޭފުޅުންނަކީ ކުރިން ޑީއާރްޕީގައި ތިއްބެވި ބޭފުޅުންނެވެ. އެ ޕާޓީން މިއަދު ބުނީ ޕާޓީން ވަކިވި ކަމަށް އެ ބޭފުޅުން ނާންގަވާ ކަމަށާއި އަންގަވައިފައި ވަނީ ވަކިވެވަޑައިގަތުމަށް ގަސްދުކުރައްވާ ކަމަށް ކަމަށެވެ.
"އެހެންވެ އަދި އެ ބޭފުޅުން ތިއްބެވީ ޑީއާރްޕީގެ ރަޖިސްޓްރީގައި،" އެ ޕާޓީގެ އިސް ތަރުޖަމާނު އަދި ރަޖިސްޓްރާ އިބްރާހިމް ޝާފިއު މިއަދު ވިދާޅުވި އެވެ.
ޔާމީން އިސްކޮށް ހުންނަވައިގެން ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުށަހަޅުއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ