މާލިއްޔަތު ގާނޫނުގެ އިސްލާހު ދެ ވަނަ ފަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުން ވެސް އެ ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ނުކުރައްވާ މަޑު ކުރައްވާތީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއް ހުށަހެޅުއްވި މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުގައި ބުރާސްފަތި ދުވަހު ނިންމާލައިފި އެވެ.
ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އާއި ގަމު ދާއިރާގެ މެންބަރު ޔޫސުފް އަބްދުލްޣަފޫރާއި މާވަށު ދާއިރާގެ މެންބަރު އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރުގެ ފަރާތުން އެ މައްސަލަ ހުށަހަޅުއްވަމުން ކުރީގެ ބަންޑާރަ ނައިބު އައިޝަތި އާޒިމާ ޝަކޫރު ވިދާޅުވީ މާލިއްޔަތު ގާނޫނުގެ އިސްލާހު ރއްޔިތުންގެ މަޖިލީހުން އެންމެ ފުރަތަމަ ފާސްކުރީ ޖޫން ،28 2010 ގައި ކަމަށެވެ. ނަމަވެސް އިތުރަށް ވިސްނުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އެފަހަރު މަޖިލީހަށް އެ ބިލް އަނބުރާ ފޮނުވާލެއްވީ ކަމަށް އާޒިމާ ވިދާޅުވި އެވެ.
އޭގެ ފަހުން ގާނޫނު އަސާސީގެ 91 ވަނަ މާއްދާގެ ށ. ގައި ބުނެފައިވާ ފަދައިން މުޅި މަޖިލީހުގެ އަގުލަބިއްޔަތާ އެކު އޮގަސްޓް ،28 2010 ގައި އެ ބިލު ފާސްކުރުމުން ވެސް މިހާތަނަށް ރައީސް އެ ބިލު ތަސްދީގު ކުރައްވާފައިނުވާ ކަމަށް ވަކީލާ ވިދާޅުވި އެވެ. އަދި އެ ބިލު ތަސްދީގު ކުރެއްވުމަށް ވަކި މުއްދަތުތަކެއް ދީފައިނުވާ ކަމަށް ސަރުކާރުން ބުނެފައިވާ ކަމަށް ވެސް ވަކީލާ ވިދާޅުވި އެވެ.
އާޒިމާ ވިދާޅުވީ ބިލެއް ތަސްދީގު ނުކޮށް މަޑުކުރެއްވޭނީ ދެ ހާލަތެއްގައި ކަމަށާއި އެއީ ގާނޫނު އަސާސީގެ 91 ވަނަ މާއްދާގެ ހ. ގައި ބުނެފައިވާ 15 ދުވަހާއި އަލުން ވިސްނެވުމަށް މަޖިލީހަށް ފޮނުވުމުން ހޭދަވާ ދުވަސްތައް ކަމަށެވެ.
އާޒިމާ އެދިވަޑައިގަތީ ގާނޫނު އަސާސީގެ 91 ވަނަ މާއްދާގެ ށ. ގައިވާ ފަދައިން މަޖިލީހުން ބިލެއް ފާސްކޮށްފި ނަމަ އެ ބިލް ތަސްދީގުނުކޮށް ހިފެހެއްޓުމުގެ ބާރު އެއްވެސް ފަރާތަކަށް ލިބިގެންނުވާ ކަމަށް ކަނޑައަޅުއްވައިދިނުމަށެވެ. އަދި ދައުލަތުން ގާނޫނު އަސާސީގެ 91 ވަނަ މާއްދާ ގޯސްކޮށް މާނަކޮށްފައިވާ ކަމަށް ވިދާޅުވެ ސުޕްރީމް ކޯޓުން އެ މާއްދާ މާނަކުރެއްވުމަށް ވެސް އާޒިމާ އެދިވަޑައިގަތެވެ.
ދައުލަތަށް ލިބުނު ފުރުސަތުގައި ސޮލިސިޓާ ޖެނެރަލް އަބްދުﷲ މުއިއްޒު އެންމެ ފުރަތަމަ ވެސް ފާހަގަކުރެއްވީ އިޖްރާއީ ނުކުތާއެކެވެ. މުއިއްޒު ވިދާޅުވީ އެ މައްސަލަ ހުށަހަޅުއްވަނީ ގާނޫނު އަސާސީގެ 43 ވަނަ މާއްދާގެ ދަށުން ކަމަށް ބުނެފައިވާ ކަމަށެވެ. އެ މާއްދާގައި ބަޔާންކޮށްފައި ވަނީ އިދާރީ ގޮތުން އަޅާ ފިޔަވަޅުން އެއްވެސް މީހެއްގެ ހައްގެއް އުނިވެފައިވާ ނަމަ އެ މައްސަލައެއް ކޯޓަށް ހުށަހެޅިދާނެ ކަމަށް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ދައުވާ ހުށަހެޅުއްވި ފަރާތްތަކުން އުނިވީ ކޮން ހައްގެއް ކަމާއި އޭގެ ސަބަބުން ލިބުނު ގެއްލުން ބަޔާންކޮށްފައި ނުވާ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
އެއަށް ރައްދު ދެއްވަމުން އާޒިމާ ވިދާޅުވީ އިދާރީ ފިޔަވަޅެއް ކަމަށް އޭނާ މާނަކުރައްވަނީ ކަމެއް ކުރުން ނުވަތަ ކުރަން ޖެހޭ ކަމެއް ނުކޮށް ދޫކޮށްލުން ކަމަށެވެ. އެހެންކަމުން މި ހާލަތުގައި ރައީސް އެ އިސްލާހު ތަސްދީގުނުކުރައްވާ ދޫކޮށްލެއްވުމުން ރައްޔިތުންނަށް ފައިދާ ލިބޭނެ ފަދަ ބިލެއް ތަސްދީގުނުކުރެއްވުނީ ކަމަށް އޭނާ ވިދާޅުވި އެވެ.
ސީދާ މައްސަލައިގައި ވަކާލާތު ކުރައްވަމުން މުއިއްޒު ވިދާޅުވީ މަޖިލީހުގެ އަގުލަބިއްޔަތުން ބިލެއް ފާސްކުރާ ހާލަތެއްގައި އެ ބިލެއް ތަސްދީގު ކުރަން ޖެހޭ މުއްދަތެއް ގާނޫނު އަސާސީގައި ބަޔާންކޮށްފައި ނުވާ ކަމަށެވެ. އަދި ވިދާޅުވީ އެ މާއްދާގެ އަސްލަށް ވިސްނާއިރު އެ މާއްދާ އެވަނީ އެ މާއްދާ ހުށަހެޅި، ފާސްކުރެވި އަދި ތަސްދީގު ކުރެވުނު ގޮތަށް ކަމަށް މުއިއްޒު ވިދާޅުވި އެވެ. އެހެންކަމުން މާއްދާ ފާސްކުރި ފަރާތުގެ ވިސްނުމަކީ އެފަދަ ހާލަތެއްގައި ބިލެއް ތަސްދީގު ކުރުމަށް ވަކި މުއްދަތެއް ނުދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން މުއިއްޒު ވިދާޅުވީ ދައުވާ ކުރައްވާ ފަރާތުގެ ވާހަކަތަކުން ދޭހަ ވަނީ ގާނޫނު އަސާސީގެ 91 ވަނަ މާއްދާ އަށް ބަދަލު ގެންނަން އުޅޭ ފަދަ ގޮތަކަށް ކަމަށެވެ. ނަމަވެސް އެކަން ކުރެވޭނީ މުޅިން އެހެން ގޮތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ދައުލަތުގެ ފަރާތުން އެދިވަޑައިގަތީ ދައުވާ ހުށަހަޅުއްވާފައިވާ ގޮތަށް ހުށަހެޅުމުގެ ހައްގު ލިބިގެން ނުވާ ކަމަށް ކަނޑައެޅުއްވުމަށެވެ.
އެ މައްސަލައިގެ އަޑުއެހުން ނިންމާލެއްވިކަން އިއުލާން ކުރައްވަމުން އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސެއިން ވިދާޅުވީ ދެން މި މައްސަލައިގެ ޝަރީއަތެއް ބާއްވަވާނީ ހުކުމް ކުރެއްވުމަށް ކަމަށެވެ.
މާލިއްޔަތު ގާނޫނުގެ އިސްލާހު ތަސްދީގު ނުކުރައްވާ މައްސަލައިގެ އަޑުއެހުން ސުޕްރީމް ކޯޓުގައި ނިންމާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ