ސަރުކާރުން ރިޝްވަތުގެ ތުހުމަތު ކުރާ އިދިކޮޅު މެމްބަރު ގާސިމް އިބްރާހީމްގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކުރުމުން އޭނާގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުން މިއަދު ހަވީރު ނިންމާލައިފި އެވެ.
މިއަދު ހެނދުނު ފެށި ޝަރީއަތުގެ މަޖިލިހަށް ގާސިމްގެ ފަރާތުން ހުށަހެޅި ނުކުތާތަކަށް ރިއާޔަތްކުރުމަށް އެ މަޖިލިސް މެދުކަނޑާލުމަށް ފަހު މެންދުރު ފަހު ކުރިއަށް ގެންދިޔަ އަޑުއެހުމުގައި މައިގަނޑު ގޮތެއްގައި އޮތީ ފުލުހުން ރައްދު ދިނުމެވެ.
އެގޮތުން ފުލުހުން ބުނީ ގާސިމް ހައްޔަރު ކޮށްފައި ވާނީ ގާނޫނު އަސާސީ އާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށާއި ގަވާއިދުތަކުން ފުލުހުންނަށް ލިބިފައިވާ ބާރުގެ ދަށުން ކަމަށެވެ.
ގާސިމްގެ މައްޗަށް ތަހުގީގު ފެށުނީ ކޮން ގޮތަކުންތޯ ފަނޑިޔާރުން ސުވާލު ކުރެއްވުމުން ފުލުހުން ބުނީ ރައީސް އޮފީހުން މައްސަލަ ހުށަހެޅުމުން ކަމަށެވެ.
ގާސިމް ބަންދުގައި ބަހައްޓަން ބޭނުންވަނީ ހެކިންނަށް ނުފޫޒު ފޯރުވާފާނެތީ ކަމަށް ފުލުހުން ބުނެފައި ވާއިރު އޭނާ ގޭ ބަންދުގައި ހުންނެވި ނަމަވެސް ބޭނުން މީހަކާ ބައްދަލުކޮށް މަޝްވަރާކުރެއްވޭނެ ކަމަށް ވިދާޅުވެ ދިފާއީ ވަކީލު ޑރ. ހަސަން ސައީދު ފާހަގަ ކުރެއްވި ނުކުތާއާ މެދު ފުލުހުން ބުނީ ގާސިމް ހެކިންނަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތް ކަމަށް އޭނާގެ ފަރާތުން އެއްބަސްވާކަން އެއިން އެނގޭ ކަމަށެވެ. އަދި ގާސިމް ޖަލު ބަންދަށް ބަދަލު ކުރުމަށް ފުލުހުން ހުށަހެޅި އެވެ.
މި މައްސަލައިގައި ހުކުމް ކުރާނެ ދުވަހެއް ސުޕްރީމް ކޯޓަކުން ނުބުނެ އެވެ.
ގާސިމާ އެކުގައި، އެއް ތުހުމަތުތަކެއްގައި ހައްޔަރު ކުރި މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ހުށަހެޅުއްވި މައްސަލައިގެ ޝަރީއަތް މިރޭ ބާއްވަން ވަނީ ހަމަޖައްސާފަ އެވެ.
ގާސިމް ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ އަޑުއެހުން ނިންމާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ