ރައީސްގެ މެމްބަރު ހުރަސްއަޅުއްވަނިކޮށް ފަނޑިޔާރުން ހުވާކުރައްވައިފި

ފަނޑިޔާރުން ހުވާ ކުރެއްވިއަ ނުދޭން، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި ހުންނަވާ ރައީސުލްޖުމްހޫރިއްޔާގެ މެންބަރު އައިޝަތު ވެލެޒިނީ ތަކުރާރުކޮށް މަސައްކަތް ކުރައްވަމުން ދަނިކޮށް، ހުވާކުރުމަށް ހަމަޖެހިފައިވާ 57 ފަނޑިޔާރުން ބުދަ ދުވަހުގެ ރޭ ހުވާކުރައްވައިފި އެވެ.
ޝަރުތު ފުރިހަމަވެފައިވާ ކަމަށް ޖޭއެސްސީން ކަނޑައަޅާފައިވާ 160 އަށް ވުރެ ގިނަ ފަނޑިޔާރުންގެ ތެރެއިން 57 ފަނޑިޔާރުން ހުވައިކުރައްވައި ހުވައިގެ ލިޔުމުގައި ސޮއިކުރެއްވި އިރު އެ ފަނޑިޔާރުންނަށް ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒް އަބްދުﷲ އަރީފެވެ.
ފަނޑިޔާރުން ހުވައިކުރުމުގެ ރަސްމިއްޔާތު ފެށުމަށް ހަމަޖެހިފައި އޮތީ ބުދަ ދުވަހުގެ ރޭ ހަތެއް ޖެހިއިރެވެ. އެ ގަޑި ޖެހުނު އިރު ވެލެޒިނީ ހައި ކޯޓަށް ވަޑައެއްނުގަންނަވަ އެވެ. ނަމަވެސް ރަސްމިއްޔާތު ނުފެށި ލަސްވެ ގާތްގަނޑަކަށް 30: 7 ވީ ތަނާ ވެލްޒިނީ އެ ތަނަށް ވަޑައިގެން ރަސްމިއްޔާތު ބާއްވަން ހަމަޖެހިފައި އޮތް ހޯލްގެ ބޭރުގައި ހުންނަވައިގެން، ހުވާކުރުމުގެ ކަންތައްތަކަށް ހުރަސް އަޅުއްވަމުން ގެންދެވި އެވެ.
ހުވާކުރުމުގެ ކަންތައް ކުރިއަށް ގެންދަން ހަމަޖެހިފައި އޮތް ހައި ކޯޓުގެ ކޯޓް ރޫމްގެ ބޭރުގައި ހުންނަވައިގެން ވެލެޒިނީ ވިދާޅުވަމުން ގެންދިޔައީ ފަނޑިޔާރުން ހުވާކުރައްވަން އުޅުއްވަނީ ގާނޫނާ ހިލާފަށް ކަމަށާއި ހުރިހާ ފަނޑިޔާރުން އަވަހަށް އެ ތަނުން ވަޑައިގަތުމަށެވެ. އޭރު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ހުވާކުރައްވަން ހަމަޖެހިފައިވާ 57 ފަނޑިޔާރުންގެ ތެރެއިން ގިނަ އަދަދެއްގެ ފަނޑިޔާރުން ވެސް ތިއްބެވީ ކޯޓް ރޫމްގެ ބޭރުގަ އެވެ.
ވެލެޒިނީ ވަރަށް ބާރަށް އެހެން ވިދާޅުވަމުން ދިޔަ ނަމަވެސް، ބޭރުގައި ތިއްބެވި ފަނޑިޔާރުންނާއި އުއްތަމަ ފަނޑިޔާރު ވެސް ގާތްގަނޑަކަށް 10 ވަރަކަށް މިނެޓު ތެރޭގައި އެތެރެއަށް ވަދެވަޑައިގަތެވެ. އޭރު ރައީސް އޮފީހުގެ ލީގަލް އެފެއާޒް ސެކްރެޓަރީ ހިސާން ހުސެއިން ވެސް ކޯޓް ރޫމް ބޭރުގައި ހުންނެވި އެވެ.
އެ ފަނޑިޔާރުން އެތެރެއަށް ވަދެވަޑައިގަތުމުން ވެލެޒިނީ ވެސް އެތެރެއަށް ވަޑައިގެން އަނެއްކާ ވެސް ވަރަށް ބާރަށް ވިދާޅުވަމުން ގެންދެވީ ހުރިހާ ފަނޑިޔާރުން ނުކުންނެވުމަށާއި އެއީ ގާނޫނާ ހިލާފަށް ކުރެވޭ ހުވައެއް ކަމަށެވެ. އަދި ފަނޑިޔާރުންގެ ގާނޫނެއް ނެތި ފަނޑިޔާރުން އައްޔަންނުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވަމުން ގެންދެވި އެވެ. އެކަމަކު ޓިވީ ޕްރޮގްރާމެއްގައި ވެލެޒިނީ ކުރިން ވިދާޅުވެފައިވަނީ އޭނާ ދެކިވަޑައިގަންނަވާ ގޮތުގައި ފަނޑިޔާރުންގެ ގާނޫނެއް ނެތި ވެސް ފަނޑިޔާރުން އައްޔަންކުރެވޭނެ ކަމަށެވެ.
ބޭރުގައި ތިއްބެވި ފަނޑިޔާރުން އެތެރެއަށް ވަދެވަޑައިގެންނެވި ނަމަވެސް ގިނަ އަދަދެއްގެ ފަނޑިޔާރުން ވެދެ ވަޑައިނުގެން ބޭރުގައި ތިއްބެވި އެވެ. އެ ފަނޑިޔާރުން ޖޭއެސްސީގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުޖްތާޒް ފަހުމީއާ އެކު ކޯޓް ރޫމަށް ވަދެވަޑައިގަންނަވަން އުޅުއްވުމުން، އެ ބޭފުޅުންނަށް ނުވަދެވޭ ގޮތަށް ވެލެޒިނީ ކޯޓް ރޫމްގެ ދޮރުމަތީ ހުއްޓި ދޮރުގައި އަތް އެޅުއްވި އެވެ. އަދި އެހެން ނުހެއްދެވުމަށާއި އެއީ ޣައިރު ގާނޫނީ ކަމެއްކަމަށް މުޖްތާޒް އެ ވަގުތު ވިދާޅުވި އެވެ.
ވެލެޒިނީ އަތް އަޅުވައިގެން ހުންނެވި ދޮރުގެ އަނެއް ފަޅި ހުޅުވުމަށް ޖޭއެސްސީގެ މުވައްޒަފަކު އުޅުމުން އެ ކަންނުކުރުމަށް ވެލެޒިނީ އެދުނެވެ. ނަމަވެސް އެ މުވައްޒަފު ދޮރުގެ އެ ބައި ހުޅުވުމުން ހުރިހާ ފަނޑިޔާރުން އެތެރެއަށް ވަދެވަޑައިގަތެވެ.
އެ ހުރިހާ ބޭފުޅުން ވަދެވަޑައިގަތުމުން ވެސް ވެލެޒިނީ އަނެއްކާ ވެސް އެތެރެއަށް ވަންނަވައި ވަރަށް ބާރަށް ހަޅޭއްލަވަމުން ގެންދެވި އެވެ. އަދި ހުރިހާ މީޑިޔާއެއްގެ ކުރިމަތީގައި އެ ގޮތަށް އުޅުއްވުމަކީ އޭނާ ބޭނުންވާ ގޮތެއް ނޫން ކަމަށާއި ނަމަވެސް އެގޮތަށް އުޅުއްވުމަށް މަޖުބޫރިވީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ ވަގުތު ފުލުހަކު އެތެރެއަށް ވަދެ ވެލެޒިނީ ބޭރަށް ވަޑައިގަތުމަށް އެދުނެވެ. އެކަމަކު އޭނާ ވަނީ އެކަމަށް ދެކޮޅު ހަދައިފަ އެވެ.
އެންމެފަހުން ވެލެޒިނީ އެކަން ނުހުއްޓުމުން ރަސްމިއްޔާތު ފެށުމަށްޓަކައި ޖޭއެސްސީގެ މުވައްޒަފަކު ޕޯޑިއަމް ކައިރި އަށް ހުއްޓި މައިކުން ވާހަކަ ދައްކަން ފެށުމުން، އޭރު ވެސް ހަޅޭއްލަވަން ހުންނެވި ވެލެޒިނީ މައިކުގައި ހިފައި ތިރިކޮށް އޭނާ އަށް ހުރަސް އެޅުއްވުމަށް މަސައްކަތްކުރެއްވި އެވެ. އަދި ވެލެޒިނީ އޭނާގެ ގައިގައި ނުޖެހުމަށް އެ މުވައްޒަފު ތަކުރާރުކޮށް އެދެމުންދިޔަ އެވެ. ވެލެޒިނީ ކޯޓް ރޫމުން ނުކުމެވަޑައިގަތީ އޭނާ ހަޅޭއްލަވަނިކޮށް ވެސް ރަސްމިއްޔާތު ފެށުމުންނެވެ. ރަސްމިއްޔާތު ކުރިއަށް ގެންދިޔައީ ވެލެޒިނީ ނުކުމެވަޑައިގަތުމުން ކޯޓް ރޫމްގެ ދޮރު ތަޅުލައިގެންނެވެ.
ހުރިހާ ކޯޓެއްގެ ފަނޑިޔާރުން ވަކިވަކިން ހުވާކުރެއްވުމަށް ކުރިން ހަމަޖެހިފައި އޮތް ނަމަވެސް ހުވާކުރުމުގެ ކަންތައްތައް ކުރިއަށް ގެންދެވީ ހުރިހާ ފަނޑިޔާރުން ވެސް އެކީގަ އެވެ.
ފަނޑިޔާރުން ހުވާކުރެއްވުމަށް ފަހު، ޑރ. އަފްރާޝީމް ވާހަކަ ދައްކަވަމުން ދަނިކޮށް ތީމުގޭ ހުޅަނގު ފަރާތު ގޭޓުން އެތެރެއަށް ވަދެ ކޯޓް ރޫމް ބޭރުގައި ތިބެގެން އެމްޑީޕީގެ އެކްޓިވިސްޓުންތަކެއް ހަޅޭއްލަވަމުން ދިޔަ އެވެ. އެ މީހުން ގޮވަމުން ދިޔައީ ހުރިހާ ފަނޑިޔާރުން މެރުމަށާއި އެ ތަނުން ބޭރަށް ނެރުމަށެވެ. އެ ވަގުތު ތީމުގޭ ގޭޓު ވެސް ހުރީ ހުޅުވާފަ އެވެ. ނަމަވެސް ކުޑަ އިރުކޮޅެއްގެ ތެރޭގައި ފުލުހުން އައިސް އެ މީހުން ބޭރަށް ނެރެ ގޭޓު ތަޅުލި އެވެ.
ކުޑައިރުކޮޅެއްގެ ތެރޭގައި ތީމުގޭ ހުޅަނގު ފަރާތު ގޭޓު ކައިރިއަށް ވެސް މީހުން އެއްވެ ފަނޑިޔާރުން މެރުމަށް ގޮވަމުންދިޔަ އެވެ. އެކަމަކު ގާތްގަނޑަކަށް 15 ވަރަކަށް މިނެޓު ތެރޭގައި އެ އެންމެން ދިޔައީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ