އެމްޑީޕީގެ ރިޔާސީ ޕްރައިމަރީސް: ތިން ކެންޑިޑޭޓުން އެކުގައި ބަހުސަކާއި ސުވާލާއި ޖަވާބުގެ ސެޝަނެއް ބާއްވާ ގޮތަށް ނިންމައިފި

އަންނަ މަހުގެ 25 ގައި ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީސްގައި ވާދަކުރާ ކެންޑިޑޭޓުން އެކުގައި ތިއްބަވައިގެން ޑިބޭޓަކާއި ސުވާލާއި ޖަވާބުގެ ސެޝަނެއް ބާއްވާ ގޮތަށް އެމްޑީޕީން ހަމަޖައްސައިފި އެވެ.
އަމީން އާންމު ހާމިދު އަބްދުލް ޣަފޫރު މިއަދު ވިދާޅުވީ ރިޔާސީ ޕްރައިމަރީގައި ވާދަކުރާ އެމްޑީޕީގެ ރައީސް ޑރ. މުހައްމަދު މުނައްވަރާއި ކުރީގެ ޗެއާޕާސަން މުހައްމަދު ނަޝީދު (އަންނި) އާއި ރައްޔިތުންގެ މަޖިލީހުގެ ލ. މެމްބަރު ރީކޯ މޫސާ މަނިކު އެކުގައި ތިއްބަވައިގެން ބާއްވާ ޑިބޭޓާއި ސުވާލާއި ޖަވާބުގެ ސެޝަންގެ ތެރެއިން ސުވާލާއި ޖަވާބުގެ ސެޝަން އޮންނާނީ އަންނަ ބުދަ ދުވަހުގެ ރޭ ކަމަށެވެ. ޑިބޭޓް އޮންނާނީ އަންނަ މަހުގެ 23 ވަނަ ދުވަހުގެ ރެ އެވެ.
އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ފަރާތުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ރޭހަށް ނިކުމެ ވަޑައިގަންނަވާނެ ކެންޑިޑޭޓެއް ހޮވުމަށް ބާއްވާ ރިޔާސީ ޕްރައިމަރީސްގެ ތިން ކެންޑިޑޭޓުން އެކުގައި ތިއްބަވައިގެން އަންނަ ބުދަ ދުވަހުގެ ރޭގެ ސުވާލާއި ޖަވާބުގެ ސެޝަން ބާއްވަނީ މޯލްޑިވްސް މީޑިއާ އެސޯސިއޭޝަން މެދުވެރިވެގެން ހާމަ ނޫހާއި ޖަޒީރާ ނޫހާ ގުޅިގެންނެވެ. އަން މަހުގެ 23 ވަނަ ދުވަހުގެ ރޭ ބާއްވާ ޑިބޭޓް ކުރިއަށްގެންދަނީ ދި އެފްމުންނެވެ.
މީޑިއާ އެސޯސިއޭޝަންގެ ރައީސް ތޮއްޔިބު މުހައްމަދު މިއަދު ވިދާޅުވީ އަންނަ ބުދަ ދުވަހުގެ ރޭ ބާއްވާ ސުވާލާއި ޖަވާބުގެ ސެޝަން ކުރިއަށް ގެންދަން ވިސްނައިފައި އޮތީ ދެ ގަޑިއިރަށް ކަމަށާއި ދި އެފްއެމުންނާއި ކެޕިޓަލް ރޭޑިއޯއިން ވަގުތުން އެ ސެޝަން ގެނެސްދޭނެ ކަމަށް އަނގަބަހުން ބުނެފައިވާ ކަމަށެވެ.
"އަޅުގަނޑުމެން (މީޑިއާ އެސޯސިއޭޝަން) މެދުވެރިވެގެން މި ބާއްވަނީ ސުވާލާއި ޖަވާބުގެ ސެޝަނެއް. ޓީވީ މޯލްޑިވްސްއިން ވެސް އެކަން ލައިވްކޮށްދޭތޯ އަޅުގަނޑުމެން ވާހަކަ ދައްކާނަން. އަޅުގަނޑުމެން ދެކޭ ގޮތުގައި މި ކަންތައް، ޓީވީން ވަގުތުން ނުދައްކަންވީ ސަބަބެއް ނެތް. ހަވީރު ބަހުސް ވެސް ޓީވީން ލައިވްކޮށްދިން. އެހެންވެ އަޅުގަނޑުމެން ވަރަށް ބޮޑަށް އުއްމީދުކުރަނީ ޓީވީން މި ސުވާލާއި ޖަވާބުގެ ސެޝަން ވެސް ލައިވްކުރާނެ ކަމަށް. ސުވާލާއި ޖަވާބުގެ އެއް ސެޝަން ކުރިއަށް ދާއިރު އެއްކޮޅުގައި ތިބޭނީ ތިން ކެންޑިޑޭޓުން. އަނެއް ކޮޅުގައި ތިބޭނީ ނޫސްވެރިން. އާންމުންނަކަށް ނުވަދެވޭނެ. އެކަމަކު ދި އެފްއެމާއި ކެޕިޓަލް ރޭޑިޔޯއިން ލައިވްކޮށް ފޮނުވާނެ،" ތޮއްޔިބު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޖަޒީރާ އާއި ހާމަ ނޫސް ގުޅިގެން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީޒްގެ ކެންޑިޑޭޓުންގެ މެދުގައި ސުވާލާއި ޖަވާބުގެ ސެޝަން ކުރިއަށް ގެންދިއުމުގައި މީޑިއާ އެސޯސިއޭޝަނުން ކުޅެނީ މެދުވެރިއެއްގެ ރޯލު ކަމަށެވެ. ތޮއްޔިބު ވިދާޅުވީ އެ ސެޝަން ބާއްވާނެ ތަނެއް އަދި މުޅިން ކަނޑަނޭޅޭ ކަމަށާއި އެހެން ނަމަވެސް އެ ހަރަކާތް ބޭއްވުމަށް ރާވަމުންދަނީ ބުދަ ދުވަހުގެ ރޭ 9 އިން 11 އަށް ކަމަށެވެ.
އަންނަ މަހުގެ 23 ވަނަ ދުވަހުގެ ރޭ ބާއްވާ ޑިބޭޓް އިންތިޒާމްކުރާ ދި އެފްއެމްގެ ސީއީއޯ އިބްރާހިމް ހަލީލް މިއަދު ވިދާޅުވީ ދަރުބާރުގޭގައި ކުރިއަށް ގެންދިއުމަށް ވިސްނަމުންދާ އެ ޑިބޭޓްގައި ނޫސްވެރިންގެ އިތުރުން އޯޑިއަންސަށް ރިޔާސީ ޕްރައިމަރީސްގެ ކެންޑިޑޭޓުންނާ ސުވާލު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
"އަޅުގަނޑުމެން މި ބަލަނީ މި ޑިބޭޓް 90 މިނިޓަށް ކުރިއަށް ގެންދަން. ޑިބޭޓްގައި ނޫސްވެރިންގެ ޕެނަލެއް އޮންނާނެ. އަދި އޯޑިއަންސަށް ވެސް ވަދެވޭނެ. އެކަމަކު އޯޑިއަންސަށް ފުރުސަތު އޮންނާނީ ކިހާވަރަކަށް ކަމެއް އަދި ނޭނގޭ. މުޅިން ހުރިހާ ކަމެއް އަދި ހަމައެއް ނުޖެހޭ،" ރާއްޖޭގެ އަމިއްލަ ފުރަތަމަ ރޭޑިޔޯ ސްޓޭޝަންގެ ސީއީއޯ ވިދާޅުވި އެވެ.
ހަލީލު ވެސް ވިދާޅުވީ ދި އެފްމުން އިންތިޒާރުކުރާ ޑިބޭޓް ޓީވީ މޯލްޑިވްސް އިން ވަގުތު ދެއްކޭތޯ އެ ފަރާތުގައި އެދިފައިވާ ކަމަށެވެ.
"ޓީވީގެ ސީ.އީ.އޯއަށް މިހާރު ވާނީ ސިޓީއެއް ފޮނުވައިފައި. އަޅުގަނޑު ފޯނުން ވެސް ޓީވީގެ ސީ.އީ.އޯއާ ވާހަކަ ދެއްކިން. ހަމަ ގައިމު ވެސް ލައިވްނުކޮށްދޭނަމެކޭ ވިދާޅެއް ނުވޭ. އަޅުގަނޑުމެން އުއްމީދުކުރަނީ ލައިވްކޮށްދޭނެ ކަމަށް،" ހަލީލު ވިދާޅުވި އެވެ.
ޓީވީގެ ސީ.އީ.އޯ އަލީ ހާލިދު މިއަދު ވިދާޅުވީ ދި. އެފްއެމުން އިންތިޒާމްކުރާ ޑިބޭޓް ޓީވީ މޯލްޑިވްސް އިން ވަގުތުން ގެނެސްދިނުމާ މެދު އަދި ވަކި ގޮތެއް ނުނިންމަވާ ނެތް ކަމަށެވެ.
"މި ނޭޗާގެ ކަންތައްތައް އަޅުގަނޑުމެން މިހާތަނަށް ވާނީ ލައިވްކޮށްފައި. ރިޔާސީ ބަރުލަމާނީ ނިޒާމުގެ ވޯޓުގެ ޑިބޭޓް ވެސް ލައިވްކުރިން. އަދި މި ނޭޗާގެ އެހެން ޑިބޭޓްތައް ވެސް ހުންނާނެ ލައިވްކޮށްފައި. މި ޑިބޭޓްގައި ތަފާތަކީ ޕާޓީއެއްގެ ރިޔާސީ ޕްރައިމަރީސްއަކަށްވުން. އަދި މި ޑިބޭޓާ ބެހޭ ގޮތުން އަދި މާ ބޮޑު ތަފުސީލަކަށް ވެސް އަޅުގަނޑުމެން ނުދަން. އެހެންވެ އަދި ވަކި ގޮތެއް ނުނިމޭ،" ޓީވީ މޯލްޑިވްސްގެ ސީ.އީ.އޯ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މީޑިއާ އެސޯސިއޭޝަން މެދުވެރިވެގެން އަންނަ ބުދަ ދުވަހުގެ ރޭ ބާއްވާ ސުވާލާއި ޖަވާބުގެ ސެޝަން ވަގުތުން ދެއްކުމާ ބެހޭ ގޮތުން އަދި ރަސްމީކޮށް އެއްވެސް ފަރާތަކުން އެދިފައި ނެތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ