ކޯނީގެ ރިޕޯޓްގައި ބަޣާވާތެއް ކަމަކަށް ނުބުނާނެ: އުމަރު

ހަތެއް ފެބުރުއަރީގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ބެލުމަށް އުފައްދާފައިވާ ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ (ކޯނީ) ގެ ރިޕޯޓްގައި ބަޣާވާތެއް ކަމަށް ނުބުނާނެ ޕީޕީްއެމްގެ އިންތިގާލީ ނާއިބު ރައީސް އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ހަގީގަތް ހާމަކޮށްދިނުމުގެ ނަމުގައި ޕީޕީއެމުން ރޭ އިމާދުއްދީނު ސްކޫލްގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އުމަރު ވިދާޅުވީ ހަތެއް ފެބުރުއަރީގައި ހިނގައި ދިޔަ ހާދިސާ ބަޣާވާތެއް ނޫން ކަން ހިއުމަން ރައިޓްސް ކޮމިޝަނުން ނެރެފައިވާ ރިޕޯޓުން ވެސް އެނގެން އޮތް ކަމަށާއި އެޗްއާރްސީއެމުން ނެރެފައިވާ ރިޕޯޓާ ތަފާތު ގޮތަކަށް ކޯނީ އިން ވެސް ރިޕޯޓް ނެރޭނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށާއި އަދި ބަޣާވާތެއް ކަމަށް ރިޕޯޓްގައި ނުބުނާނެ ކަމަށެވެ.
"އަނެއްކާ ވެސް މިދަންނަވަނީ ބެޓްކޮށްފައި ކޯނީގެ ރިޕޯޓުގައި ނުބުނާނެ ބަޣާވާތެކޭ. އެމްޑީޕީގެ ބޭފުޅުން މާލެއަށް އައިސް ބޮޑިބަތް ކަންޏާ ކަންކަންވީ. ކޯނީގެ ރިޕޯޓާ މެދު އެއްވެސް މީހަކު ކަންބޮޑުވާން ނުޖެހޭ، ކޯނީގެ ރިޕޯޓް ވެސް އޮންނާނީ އެޗްއާރްސީއެމްގެ ރިޕޯޓް އޮތް ގޮތަށް،" އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ފެބުރުއަރީ ހަތް ވަނަ ދުވަހު ކުރީގެ ރައީސުލްޖުމުހުރިއްޔާ މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމުގެ ކުރިން ފޯނުކުރައްވައި އުމަރު ނަސީރާ ބައްދަލުކުރެއްވުމަށް ހުށައެޅުއްވި ކަމަށާއި ނަމަވެސް ނަޝީދާ ބައްދަލުކުރަން ވަޑައިނުގެންނެވީ އުމަރަށް ލަފާދެއްވި ބޭފުޅުން ނަޝީދާ ބައްދަލު ނުކުރުމަށް ލަފާ ދެއްވުމުން ކަމަށެވެ.
ރޭގެ ޖަލްސާގައި އުމަރު ވަނީ އެޗްއާރްސީއެމުން ނެރެފައިވާ ރިޕޯޓްގައި ރައީސް ނަޝީދު ގާނޫނާ ހިލާފަށް ކުރެއްވި ކަމަށް ބުނެފައިވާ ކަންކަމާދޭތެރޭގައި ވާހަކަދައްކާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ