ހޯމް މިނިސްޓަރު ގާސިމް އިބްރާހީމް އިސްތިއުފާ ދެއްވައިފި

42: 18
މީގެ 23 ދުވަސް ކުރިން ރާއްޖޭގެ ވެރިކަން ހިންގުމާ ހަވާލުވި، އެމްޑީޕީ އިއްތިހާދުގެ ސަރުކާރުގެ ހޯމް މިނިސްޓަރު ގާސިމް އިބްރާހީމް މިއަދު ހަވީރު އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
އެކަން ހަވީރަށް ކަށަވަރުކޮށްދެއްވަމުން މީގެ ކުޑައިރުކޮޅެއް ކުރިން ގާސިމް ވިދާޅުވި ގޮތުގައި އޭނާ އިސްތިއުފާ ދެއްވީ ޖަލުގެ ކަންތައްތައް ރަނގަޅުކުރުމަށް އޭނާ ކުރެއްވި މަސައްކަތްތަކަށް ސަރުކާރުގެ ތެރެއިން އެކަށީގެންވާ އެއްބާރުލުން ލިބިވަޑައިނުގަތުމުންނެވެ. އަދި ޖަލުގެ ކަންތައްތައް ރަނގަޅުކުރުމަށް އޭނާ އަށް ފެނިވަޑައިގަންނަވާ ކަންތަކުގެ ވާހަކަ، ނާއިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާ މިއަދުގެ މެންދުރުގެ ފަހުގެ ވަގުތެއްގައި ރައީސް އޮފީހުގައި ބައްދަލުކުރައްވައި ދެންނެވުމަށް ފަހު އެވެ.
ހޯމް މިނިސްޓަރު ވިދާޅުވި ގޮތުގައި އެމްޑީޕީ އިއްތިހާދުގެ ކެމްޕޭނުގައި ވައުދުވެފައިވާ ގޮތަށް ޖަލުގެ ކަންތައްތައް ރަނގަޅުކުރުމަށް ބޭނުންވާ އެއްބާރުލެއްވުން ނުލިބި އެ ކަންކަން ރަނގަޅު ނުކުރެވުމުން ގާނޫނު އަސާސީގައިވާ ގޮތުން ޒިންމާ އުފުއްލަވަން ޖެހިވަޑައިގަންނަވާނީ އެ މަނިކުފާނު ކަމަށާއި އެ ބަދުނާމު ބޮލުގައި އަޅުއްވަން ބޭނުންފުޅުނުވާތީ އިސްތިއުފާ ދެއްވީ ކަމަށެވެ.
ހޯމް މިނިސްޓަރު ވިދާޅުވީ ޖަލުގައި ތިބި ކުށްވެރިންނަށް މައާފު ދެއްވުމުގެ ވާހަކައެއް ރައީސްގެ ޚާއްސަ މަންދޫބު އިބްރާހީމް ހުސައިން ޒަކީ މިދިޔަ މަހު 14 ވަނަ ދުވަހު ޖަލަށް ވަޑައިގެން ވިދާޅުވެފައިވާ ކަމަށާއި އަދި އެއީ އެމްޑީޕީ އިއްތިހާދުގެ ކެމްޕެއިންގެ ތެރޭގައި ވެސް ވަރަށް ބޮޑަށް ދައްކާފައިވާ ވާހަކައެއް ކަމަށެވެ. ނަމަވެސް އެކަން ކުރެއްވޭނީ މަޖިލީހަށް ބިލެއް ހުށަހަޅައި ގާނޫނެއްގެ ދަށުން ކަމަށްވާތީ އެ މައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި މަޖިލީހަށް ހުށަހެޅުމަށް ރައީސް އޮފީހުގައި ދަންނަވާފައިވީ ނަމަވެސް އެ މައްސަލަ އަދި މިހާތަނަށް ހުށަހެޅުއްވާފައި ނުވާކަމަށް ގާސިމް ވިދާޅުވި އެވެ.
ކުރީގެ ސަރުކާރުގެ ފައިނޭންސް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ، ޖުމްހޫރީ ޕާޓީގެ ރައީސް ވިދާޅުވީ ޖަލު މީހުންގެ ކެއުންބުއިމުގެ ކަންތައް ރަނގަޅުކުރުމަށް ފައިސާ ބޭނުންވާ ކަމަށާއި ނަމަވެސް ފައިސާ ލިބެނީ ރައީސް އޮފީހުގަ އާއި ފައިނޭންސް މިނިސްޓްރީގައި ދަންނަވައިގެން ވަަރަށް ތާށި ގޮތަކަށް ކަމަށެވެ. އަދި ބަޖެޓްގެ ތާށިކަން އިހުސާސް ކުރެއްވޭ ކަމަށާއި ނަމަވެސް ޖަލުގެ ކަންތައްތައް ކޮންމެހެން ވެސް ރަނގަޅުކުރައްވަން ޖެހިފައިވާ ކަމަށެވެ.
"އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހުން ވަނީ ކަންކަން ރަނގަޅުކުރުމަށް މުއްދަތެއް ދީފައި. އެއީ މި މަހުގެ 7 ނޫނީ 10 ވަނަ ދުވަހާ ހަމައަށް. އެއިރަށް އެ ކަންކަން ނުކޮށްފި ނަމަ އިންޒާރުތަކެއް ވެސް އެ މީހުން ދީފައިވާ ކަމަށް ވަނީ،" ގާސިމް ވިދާޅުވި އެވެ.
ހޯމް މިނިސްޓަރު ވިދާޅުވީ ސަރުކާރުން ވެފައިވާ ވައުދާ އެއްގޮތަށް ކަންތައްތައް ނުކުރެވުމުން އެ ކަމުގައި "ބަދުނާމުވެ އަގުވެއްޓެނީ" އެ މަނިކުފާނު ކަމަށާއި އެ ހިއުމިލިއޭޝަނާ ކުރިމަތިލައްވަން ބޭނުންފުޅުނުވާ ކަމަށާއި ކަންކަން ފެންނަ ގޮތުން، އެކަން ކަމަށް ހުރަސްތަކެއް ހުރި ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
މި އަހަރުގެ ނޮވެމްބަރު 11 އިން ފެށިގެން ގައުމު ހިންގަން އަލަށް ހަވާލުވި ސަރުކާރުގެ ހޯމް މިނިސްޓަރު ގާސިމް ވިދާޅުވީ، އާ ސަރުކާރަށް މަސް ދުވަސް ވެސް ނުވަނީސް އޭނާ އިސްތިއުފާ ދެއްވީ ފަރުދީ ގޮތުން ކަމަށާއި އޭނާގެ އިސްތިއުފާ އާއި ޖުމްހޫރީ ގުޅުމުގެ ކޯލިޝަނުގެ އެހެން ބޭފުޅުންނާ އެއްވެސް ގުޅުމެއް ނުވާ ކަމަށެވެ. އަދި އެކަމާ ބެހޭ ގޮތުން ގޮތެއް ނިންމަވާނީ އެ ޕާޓީގެ ކައުންސިލް މީޓިންއެއް ބޭއްވުމަށް ފަހު ކަމަށެވެ.
15: 18
ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނެވި ގާސިމް އިބްރާހީމް މިއަދު މެންދުރު ފަހު އިސްތިއުފާ ދެއްވައިފި އެވެ. އެ މަނިކުފާނު އެކަން ހަވީރަށް ކަށަވަރުކޮށްދެއްވި އެވެ.
އެ މަނިކުފާނު މި އިސްތިއުފާ ދެއްވީ، ވަޒީފާއާ ބެހޭ ގާނޫނުގައި ކަނޑައަޅާފައިވާ ހައްގުތައް ނުލިބުމުގެ މައްސަލައިގައި ރީތި ރަށް ރިސޯޓްގެ މުވައްޒަފުން މި ދިޔަ ހުކުރު ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ކުރި ހަޅުތާލުގައި ވަޒީފާ އިން ވަކިކުރި ބަޔަކު އެ ރަށުން ބޭލުމަށް ފުލުހުން ފޮނުވި މައްސަލައިގައި ސަރުކާރުގެ ތެރެއިންނާއި ބޭރުން އެ މަނިކުފާނަށް ފާޑުކިޔުންތައް ރައްދުވެފައި ވަނިކޮށެވެ.
ނަމަވެސް އެކަން ހިނގައި ދިޔަ ގޮތް އޮޅުންފިލުވައި ދެއްވަމުން އިއްޔެ އިރު އޮއްސުނު އިރު ބޭއްވި ނޫސް ކޮންފަރެންސެއްގައި ގާސިމް ވިދާޅުވީ ރީތި ރަށް ރިސޯޓުގެ ވަޒީފާ އިން ވަކިކުރި 13 މީހުން އެ ރިސޯޓުން ބޭލުމަށް ފުލުހުން ފޮނުވީ، ގާނޫނު އަސާސީގެ ދަށުން ހޯމް މިނިސްޓަރުގެ މައްޗަށް ވާޖިބުވެގެންވާ ކަމަކަށް ވާތީ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން އިސްތިއުފާ ދެއްވަން ގަސްދުނުކުރައްވާ ކަމަށް ވެސް ގާސިމް އިއްޔެ ވިދާޅުވި އެވެ.
46: 17
ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނެވި ގާސިމް އިބްރާހީމް އެ މަނިކުފާނުގެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
(އިތުރު ތަފްސީލު އަންނަނީ...)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ