ތައުލީމީ، ގާބިލް މީހުން ހިމަނައިގެން ނޫނީ ރައްޔިތުން އެދޭ ފަދަ ސަރުކާރެއް ނުހިންގޭނެ: ރައީސް

ތަޢުލީމީ އަދި ގާބިލު
ބޭފުޅުން ހިމަނުއްވައިގެން މެނުވީ ރައްޔިތުން އެދޭފަދަ ސަރުކާރެއް
ނުހިންގެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ވަހީދު މިއަދު ހެނދުނު
ވިދާޅުވެއްޖެއެވެ. ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި
އެ އަތޮޅު ގާދިއްފުއްޓަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ
ބައްދަލުކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ސަރުކާރަށް ތާއީދުކޮށްގެން މަސައްކަތްކުރަމުން ގެންދަނީ އެމްޑީޕީ ފިޔަވައި
ސިޔާސީ ބޮޑެތި ޕާޓީތައް ކަން ވެސް ފާހަގަކުރެއްވިއެވެ. ﷲ
އިރާދަކުރެއްވިއްޔާ މި ސަރުކާރަށް ރައްޔިތުންގެ ލޯތްބާއި ތާއީދާއި
ރައްޔިތުންގެ ޔަގީންކަން އޮންނާނެ ކަމަށާއި ރައްޔިތުންގެ އުންމީދުތައް މި
ސަރުކާރުން ފުއްދައިދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. ރައީސް ވަހީދު ވިދާޅުވީ ކޮންމެ ޕާޓީއަކަށް ނިސްބަތްވި
ކަމުގައިވީ ނަމަވެސް ހުރިހާ ރައްޔިތުންނަކީ ވެސް އެއްބައެއް ކަމަށާއި
އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާނީ ވެސް މި
ވިސްނުންފުޅުގައި ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކުދި ރަށްރަށުގައި ސިޔާސީ
ބައިބައިވުން އުފެދުމަކީ މިއަދު އަޅުގަނޑުމެން ކަންބޮޑުވާންޖެހިފައިވާ
ކަމެއް ކަމަށާއި އާއިލާގެ ތެރޭގައި ވެސް ބައިބައިވުން ވަނީ އުފެދިފައި
ކަމަށް ވިދާޅުވިއެވެ. ކޮންމެ ރަށަކުން މި މަންޒަރު ފެނިވަޑައިގަންނަވާ
ކަމަށާއި މިކަން ރަނގަޅުކުރަން އެބަޖެހޭ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވިގޮތުގައި އެކަން
ރަނގަޅުކުރެވޭނީ އަޅުގަނޑުމެންނަކީ އެއް ދީނަކަށް ތަބާވެގެން ތިބި އެއް ގައުމެއްގެ، އެއް ރަށެއްގެ، އެއްބަނޑުއެއްބަފާ ބައެއް ކަމަށް
އަޅުގަނޑުމެންނަށް ގަބޫލުކުރެވިގެންނެވެ. މުހިންމު ކަމަކީ
އަޅުގަނޑުމެންގެ ތެރޭގައި ހަމަޖެހުމާއި ސުލްހަމަސްލަހަތު ގާއިމުވެފައިއޮތުން ކަމަށާއި ހިތްހަމަނުޖެހުންތަކެއް ހުރި ނަމަވެސް އެ ހިތްހަމަނުޖެހުންތައް އުފެދިފައިވާ ސަބަބުތަކާ
ދޭތެރޭގައި ވިސްނާލުމަށް ފަހު، އެކަންކަމުގެ ސަބަބުން ގެއްލުންވާ ކަހަލަ
ކަންތައް ވިޔަ ނުދިނުމަށް ރައީސް ވަހީދު އިލްތިމާސްކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ