މާޗު 1 އަދި މާޗު 19 ގައި ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވަން ބޭއްވި ދެ ޖަލްސާގައި އެމްޑީޕީގެ މެމްބަރުން ހިންގި އަމަލުތަކާ މެދު ޖިނާއީ ދައުވާ ކުރަން ޖެހޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެ އެވެ.
ކާށިދޫ ދާއިރާގެ ބައި އިލެކްޝަންގައި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް އަބްދުﷲ ޖާބިރުގެ ކެމްޕޭން ޖަލްސާގައި ގާފަރުގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި އެމްޑީޕީގެ މެމްބަރުން ހިންގި ކަންކަން ޕްރޮސެކިއުޓަ ޖެނެރަލް ބައްލަވައި ވަގުތުން ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ.
"މާދަމާގެ މުސްތަގުބަލުގެ އަމާންކަމަށްޓަކައި މާދަމާގެ ޖީލުތަކުގެ ސަލާމަތަށްޓަކައި، އަޅުގަނޑުމެންގެ ގައުމު އަމާންކަމާ އެކު ދެމި އޮތުމަށްޓަކައި ކޮންމެ ސިފައަކުން ބެލިޔަސް މިކަން ކުރަން ޖެހޭނެ. އެހެން ނޫނީވިއްޔާ އަނެއް ދުވަހަކު ރައްޔިތުންގެ މަޖިލީހެއް ވެސް ނޯންނާނެ،" ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމްޑީޕީގެ މަޖިލިސް މެމްބަރުންނާ މެދު ފިޔަވަޅު އަޅަން ޖެހެނީ، ވަކި މީހަކަށް އަދަބެއް ދިނުމަށް ނުވަތަ ވަކި މީހަކަށް ދެރައެއް ދިނުމަށް ނޫން ކަމަށެވެ.
"މި ގައުމު ބޮޑު ހުރިހާ ކަމަކަށް ވުރެ. އެންމެ ރައްޔިތަކަށް ވުރެ، ދެ މީހަކަށް ވުރެ، ޕާޓީއަކަށް ވުރެ އަދި ކިތަންމެ ވަރުގަދަ މީހަކަށް ވުރެ ވެސް މި ގައުމު ބޮޑު. އަދި ހަމަ އެހެންމެ އަޅުގަނޑުމެންގެ ގައުމަށް ވުރެ މުހިންމު އެއްޗެއް، އަޅުގަނޑުމެންގެ ދީނަށް ވުރެ މަތިވެރިވެގެންވާ އެއްޗެއް އަޅުގަނޑުމެންގެ ކުރިމައްޗަކު ނެތް،" ގާސިމް ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ ގާނޫނު އަސާސީ އަށް ވުރެ މާތްކޮށް ކަންތައް ކުރަން ޖެހޭ ގާނޫނެއް ވެސް ނެތް. އެހެންވީމަ މި ސަބަބުތަކަށްޓަކައި އެ ކޮންޕްރޮމައިޒް ކުރަން ޖެހޭ ހާލަތެއް އަތުވެއްޖެ ނަމަ އަޅުގަނޑު ދަންނަވާނީ އެ ދަނީ އަޅުގަނޑުމެން ހަލާކުގެ ތެރެއަށޭ. އެއްގޮތަކަށް ވެސް އެކަން ކޮށްގެން ނުވާނެ."
ގާފަރުގައި ބޭއްވި މި ޖަލްސާގައި ރައީސް މުހަންމަދު ވަހީދާއި ޖާބިރު ވެސް ބައިވެރިވެވަޑައިގަތެވެ. މިއަދު ހަވީރު ރައީސް ކާށިދު އަށް ވަޑައިގަންނަވާނެ އެވެ.
އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ މައްޗަށް ޖިނާއީ ދައުވާ ކުރަން ޖެހޭ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ