މިހާރު އަމަލުކުރާ ގާނޫނު އަސާސީގެ ދަށުން ބާއްވާ ފުރަތަމަ ރިޔާސީ އިންތިހާބުގައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫނު އަބުދުލްގައްޔޫމަށް ކުރިމަތިނުލެއްވޭނެ ކަމަށް ބުނެ ސޯޝަލް ލިބަރަލް ޕާޓީން އިލެކްޝަން ކޮމިޝަންސްގެ މައްޗަށް އުފުލާ ދައުވާގެ ޝަރީއަތް ސުޕްރީމް ކޯޓުގައި މިއަދު ފައްޓައިފި އެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ބެއްލެވުމުގެ ދަށުން އެ ކޯޓުގެ އެހެން ފަނޑިޔާރުންނާ އެކު ކުރިޔަށް ގެންދެވި ޝަރީތުގައި ފުރަތަމަ އޮތީ ދައުވާ ހުށަހެޅުމެވެ.
ސޯޝަލް ލިބަރަލް ޕާޓީން ހުށަހެޅި ދައުވާގައި އެ ޕާޓީން ބުނީ ގާނޫނު އަސާސީގެ 107 ވަނަ މާއްދާގެ ބޭނުމަކީ ޑިމޮކްރަސީއެއްގައި އެކަކު ގިނަ ދުވަހު ވެރިކަމުގައި ހުރިޔަނުދިނުން ކަމަށާއި އެ މާއްދާ އެނޫން ގޮތަކަށް ތަރުޖަމާ ނުކުރެއްވޭނެ ކަމަށެވެ. އަދި އެ މާއްދާގެ ދަށުން ރައީސް މައުމޫނަށް ދެން ވެރިކަމަށް ކުރިމަތިނުލެއްވޭނެ ކަމަށާއި މައުމޫނަކީ ގާނޫނު އަސާސީގެ ދަށުން ވެރިކަމުގެ ހަ ދައުރު ފުރިހަމަކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ.
މީގެ އިތުރުން ވިދާޅުވީ ގާނޫނު އަސާސީގައި ހިމަނައިފައިވާ އިންތިގާލީ ބާބަކީ ގާނޫނު އަސާސީގެ މުޅިން ތަފާތު ބައެއް ކަމަށާއި އެ ބާބުގައިވާ ކަންތަކެއް ވެސް މި ކަމުގައި ތަރުޖަމާ ނުކުރެއްވޭނެ ކަމަށެވެ.
ސޯޝަލް ލިބަރަލް ޕާޓީން ދައުވާ ހުށަހެޅުއްވީ ގާނޫނީ ވަކީލު އަހްމަދު އަބްދުﷲ އަފީފެވެ. ދައުވާގައި، ގާނޫނު އަސާސީގެ 107 ވަނަ މާއްދާ ބިނާކޮށްފައިވާ ގޮތާއި ގާނޫނު އަސާސީގައި އޭގެ އިސްތިސްނާ އަންނަ ގޮތާއި އުސޫލުތަކުގެ ފަރުމާ އޮތް ގޮތުގެ މައްޗަށް ވެސް ވާހަކަ ދެއްކެވި އެވެ.
މިއަދުގެ ޝަރީއަތަށް ސޯޝަލް ލިބަރަލް ޕާޓީން ވަޑައިގަތީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް އިސްމާއިލް (އިބުރާ) ގެ އިތުރުން އަހްމަދު އަބްދުﷲ އަފީފާއި ހަސަން ލަތީފާއި އަބުދުﷲ ޝާއިރާއި މަޒުލާން ރަޝީދެވެ. ކޯޓުގައި ވާހަކަ ދެއްކެވީ އަހުމަދާއި އިބުރާއާ ދެ ބޭފުޅުންނެވެ.
ދައުވާ އަށް ޖަވާބުދާރީވުމަށް އިލެކްޝަންސް ކޮމިޝަނަށް ފުރުސަތު ދެއްވުމުން އެ މުއައްސަސާގެ ފަރާތުން ވަޑައިގެންނެވި ގާނޫނީ ވަކީލުންގެ ޓީމުގެ އިސް ވަކީލު ޝާހީން ހަމީދު ވިދާޅުވީ، ސޯޝަލް ލިބަރަލް ޕާޓީގެ ދައުވާ ބިނާކޮށްފައިވާއިރު ގާނޫނު އަސާސީގެ 107 ވަނަ މާއްދާއިން ތިން ޖުމްލައެއް ދޫކޮށްލައިފައިވާ ކަމަށާއި ގާނޫނު އަސާސީ ތަރުޖަމާ ކުރުމުގައި އަކުރެއް ވެސް ފިއްޔެއް ވެސް ވައްޓާނުލެވޭނެ ކަމަށެވެ. އެގޮތުން 107 ވަނަ މާއްދާގައި ހިމެނޭ "މި ގާނޫނު އަސާސީ" އޭ ބުނެފައި ހުރި ހުރިހާ ތަނެއް ސޯޝަލް ލިބަރަލް ޕާޓީން ދޫކޮށްލާފައިވާ ކަމަށް ޝާހީން ވިދާޅުވި އެވެ.
"އިތުރު މަރުހަލާއަކަށް ދާކަށް ވެސް ނުޖެހޭ. މި ގާނޫނު އަސާސީއަކު ނޯންނާނެ ހިމަނަން ނުޖެހޭ އެއްވެސް ބައެއް،" ޝާހީން ވިދާޅުވި އެވެ.
ޝާހީން ވިދާޅުވީ މި ގާނޫނު އަސާސީ ހެދުމުގައި އުސޫލުތައް ބިނާކޮށްފައި ވަނީ ދައުވާކުރާ ފަރާތުން ވިދާޅުވާ ގޮތަށް ނޫން ކަމަށާއި އެހެންކަމުން އެ ފަރާތުން ހުށަހެޅި ދައުވާ އެގޮތަށް ސާބިތުނުވާނެ ކަމަށެވެ.
ޝާހީން ދެއްކެވި ވާހަކައިގައި އިންތިގާލީ ބާބު އެއީ މުހިންމު ބައެއް ނޫން ކަމަށް ސޯޝަލް ލިބަރަލް ޕާޓީން ދެއްކި ވާހަކަ އަށް ވެސް ރައްދު ދެއްވި އެވެ. ވިދާޅުވީ އެ ފަރާތުން އެހެން ބުނަނީ އެ ބާބުގެ 293 ގެ (ށ) ގައި ކުރީގެ ގާނޫނު އަސާސީ އުވުނީ ކަމަށް އޮންނާތީ ކަމަށާއި އެ ވާހަކަ އެނޫން އެއްވެސް މާއްދާއެއްގައި ނޯންނާނެތީ އާއި ގާނޫނު އަސާސީގައި މުހިންމު ނޫން އެއްވެސް ބައެއް އެ ގާނޫނު އަސާސީގައި ހިމަނައިފައި ނޯންނާނެތީ ގާނޫނު އަސާސީ ތަރުޖަމާ ކުރުމުގައި އެ ބާބު ނުހިމަނާ އެކަން ނުކުރެވޭނެ ކަމަށެވެ.
ގާނޫނު އަސާސީގައި "މި ގާނޫނު އަސާސީ" އޭ ހުރި ތަންތަނުގައި އެހެން ލިޔެފައި ވަނީ ވަކި ބޭނުންމެއްގައި ކަމަށާއި އެގޮތުން ވަރަށް ގިނަ ތަންތަނުގައި އެހެން އޮތުމާއެކު އެކަމުގެ މިސާލުތައް ވެސް އޭނާ ދެއްކެވި އެވެ. އަދި އެ ނޫން ގޮތަކަށް ތަރުޖަމާކޮށްފި ނަމަ ނުކުންނާނެ މައްސަލަތަކުގެ މައްޗަށް ވެސް އޭނާ ވާހަކަ ދައްކަވައި، ރައީސް މައުމޫނަށް އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ބުނާ ވާހަކައަކީ ބުރަދަނެއް ނެތް ވާހަކަތަކެއް ކަމަށް ވިދާޅުވި އެވެ. އަދި އެކަމުގައި އިބުރާ އާއި އެ ޕާޓީގެ ވަކީލުގެ ބަސްތައް ތައާރަޒުވާ ކަމަށް ވެސް ޝާހީން ވިދާޅުވި އެވެ.
ޝާހީނުގެ ވާހަކަތަކަށް ފަހު އުއްތަމަ ފަނޑިޔާރު ވިދާޅުވީ މި މައްސަލައިގައި ތިން ވަނަ ފަރާތެއްގެ ގޮތުން މައުމޫނު އަބުދުލްގައްޔޫމުގެ މަސްލަހަތު ހިމެނޭ ކަމަށާއި އެހެންވެ މި ޝަރީއަތުގައި މައުމޫނު ބައިވެރިވާން ބޭނުންފުޅުވެވަޑައިގަތުމުން މައުމޫނުގެ ވަކީލަކަށް ފުރުސަތު ދެއްވައިފައިވާ ކަމަށާއި އެ ވަކީލުގެ ފަރާތުން ޝަރީއަތަށް ބަޔާން ހުށަހެޅުއްވުމަށެވެ. ރައީސް މައުމޫނުގެ ވަކީލު މުހައްމަދު ފިޒާން ވިދާޅުވީ އިންތިހާބުގައި މައުމޫނަށް ކުރިމަތިނުލެއްވޭނެ ކަމަށް ކޮށްފައިވާ ދައުވާއަށް އިލެކްޝަންސް ކޮމިޝަނުގެ ވަކީލު ވަރަށް ފުރިހަމަށް ޖަވާބެއް ދެއްވައިފައިވާ ކަމަށެވެ. ނަމަވެސް އޭނާ ވެސް ބައެއް ވާހަކަތައް ދައްކަވައި ވިދާޅުވީ، ގާނޫނަކަށް އަމަލުކުރަން ފަށަނީ އެ ގާނޫނެއް އުފަންވުމުން ކަމަށާއި އެގޮތުން ގާނޫނު އަސާސީ އަށް އަމަލުކުރަން ފެށި ދުވަހަކީ 7 އޯގަސްޓު 2008 އަށް ވުމުން އޭގެ ކުރީގައި ހިނގައިދިޔަ ކަމެއް މި ކަމުގައި ޝާމިލުނުވާނެ ކަމަށެވެ.
ފިޒާންގެ ވާހަކަތަކަށް ފަހު ވެސް ސޯޝަލް ލިބަރަލް ޕާޓީން އިބުރާ އާއި އިލެކްޝަން ކޮމިޝަނުން ޝާހީނު ވެސް ވަނީ ދެ ފަރާތުން ގިނަ ހުއްޖަތުތަކެއް ދައްކަވައި ވާހަކަފުޅު ދައްކަވައިފަ އެވެ.
މިއަދު 30: 11 ގައި ފެށި ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ނިމުނީ 30: 1 އަށް ވުރެ ބޮޑުވީ ފަހުންނެވެ. އުއްތަމަ ފަނޑިޔާރު ވިދާޅުވީ ދެވަނަ އަޑުއެހުމެއް ބާއްވަވާނެ ދުވަހެއް ފަހުން އިއުލާން ކުރައްވާނެ ކަމަށެވެ.
މިއަދުގެ ޝަރީއަތް އަޑުއެހުމަށް ބަންޑާރަ ނައިބާއި ގާނޫނީ ވަކީލުންނާއި ނޫސްވެރިންނާއި ސިޔާސީ ދާއިރާގެ ބައެއް ބޭފުޅުންނާއި އާންމުން ވަދެ ސުޕްރީމް ކޯޓުގައި އޮންނަ 60 ޖާގަ ވަނީ ފުރާލައިފަ އެވެ.
ސުޕްރީމް ކޯޓުގައި މިއަދު އެހެން ޝަރީއަތެއް ވެސް ވަނީ ފައްޓައިފަ އެވެ. އެއީ ރިޔާސީ އިންތިހާބުގެ ގާނޫނު ހަދައިފައި ވަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ވިދާޅުވެ އިދުހާމް މުއިއްޒު އަދުނާނު ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ އަޑުއެހުމެކެވެ. ހެނދުނު 10 ޖެހިއިރު އެ ޝަރީއަތް ފައްޓަވަމުން އުއްތަމަފަނޑިޔާރު ވިދާޅުވީ، މިއީ އެ މައްސަލަ ފެށުމުގެ ކުރިން އުސޫލީ ބައެއް ކަންތައްތައް ސާފުކުރެއްވުމަށް ބާއްވަވާ ޕްރިލިމިނަރީ އަޑުއެހުމެއް ކަމަށެވެ. ވީމާ މި މަޖިލީހުގައި އޮންނާނީ ދައުވާ ހުށަހަޅަން ޖެހުނު ސަބަބު އިދުހާމް ބަޔާން ކޮށްދެއްވުން ކަމަށެވެ. ރައްޔިތުންގެ މަޖިލީހުން ހާޒިރުވެފައިނުވާ މި ޝަރިއަތުގައި އިދުހާމް ވިދާޅުވީ ގާނޫނު ހަދަނީ ރައްޔިތުންގެ މަޖިލީހުން ކަމަށާއި އެ މަޖިލީހުން ހެދި ގާނޫނެއްގެ ސަބަބުން ގާނޫނު އަސާސީ އޭނާއަށް ލިބިދޭ ހައްގަކަށް ހުރަސްއެޅިފައި ވާތީ ދައުވާ ކުރައްވަނީ ކަމަށެވެ.
މި މައްސަލަ ވެސް ދެން ބާއްވަވާނެ ދުވަހެއް އުއްތަމަ ފަނިޑޔާރު ވިދާޅެއްނުވެ އެވެ.
އިދުހާމްގެ ދައުވާއަކީ އިންތިހާބަށް ކުރިމަތިލާ ކެންޑިޑޭޓުންގެ މެދުގައި ރިޔާސީ އިންތިހާބުގެ ގާނޫނުން ތަފާތުތަކެއް ހުރުމެވެ. މިގޮތުން އަމިއްލަ ކެންޑިޑޭޓަކު ނަމަ އެ މީހަކަށް ތާއީދުކުރާ 1،500 މީހުންގެ ސޮއެ ހުށަޅަންޖެހުން އެއީ ގާނޫނޫ އަސާސީގެ 109 ވަނަ މާއްދާއާ ހިލާފު ކަމެއް ކަމުގައި އޭނާ ފާހަގަކުރައްވަ އެވެ.
ރިޔާސީ އިންތިހާބުގައި ރައީސް މައުމޫނަށް ވާދަނުކުރެއްވޭނެ ކަމަށް ބުނާ ދައުވާގެ ޝަރީއަތް ސުޕްރީމް ކޯޓުގައި ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ