މޯލްޑިވިއަނަށް 50 ސީޓުގެ އާ ބޯޓެއް ގެނެސްފި

މޯލްޑިވިއަނަށް ޑޭޝް 8 ގެ 50 ސީޓުގެ އާ ބޯޓެއް މާލެ ގެނެސްފި އެވެ.
ހަތަރު ދިވެހިންނާ އެކު އޮސްޓްރޭލިއާގެ ކެއިންސް އިން މި މަހުގެ 11 ވަނަ ދުވަހު ފުރި "މޯލްޑިވިއަން" މާލެ ޖައްސާފައިވަނީ އިއްޔެ ހަވީރު އެވެ. ބޯޓުގައި ތިބި ދިވެހިންނަކީ އެކުންފުނީގެ ދެ ޕައިލެޓުން ކަމަށްވާ ކެޕްޓަން ފަތުހުﷲ ޖަމީލާއި ކެޕްޓަން މުހަންމަދު ސުނޫސީ ޒާހިރު އަދި އެކުންފުނީގެ ދެ އިންޖިނޭރުން ކަމަށްވާ އަލީ ފިރާގާއި އަބްދުލް ހާދީ އަބްދުﷲ އެވެ.
ކުރިން މި މަހުގެ ދިހަ ވަނަ ދުވަހު ރާއްޖެ ގެންނަން ހަމަޖެއްސި ބޯޓުގެ ކެޕްޓަން ފަތުހުﷲ ޖަމީލު އިއްޔެ ވިދާޅުވީ ކުރިން ކަނޑައަޅާފައިވާ ދުވަހަށް މާލެ ނުގެނެވުނީ މޫސުން ގޯސްވުމުގެ ސަބަބުން ބޯޓު އަންޑަމަން އެއާޕޯޓު ބަންދުކުރުމުން ކަމަށެވެ.
އެ ކުންފުނިން ބުނެފައިވަނީ ޖަރުމަންވިލާތުގެ އެއާކްރާފްޓް އެސެޓް މެނޭޖްމަންޓުން 110 މިލިއަން ރުފިޔާ އަށް ގަނެފައިވާ މިބޯޓަކީ މިހާރު އެކުންފުނީގެ އާ ބްރޭންޑް "މޯލްޑިވިއަން"ގެ ލޯގޯ އާއި ކުރެހުން ޖަހާފައިވާ ހަމައެކަނި އުޅަނދު ކަމަށެވެ. މިބޯޓު އޮސްޓްރޭލިއާ އަށް ގެންދިޔައީ ބައެއް މަރާމާތުތަކަށާއި މޯލްޑިވިއަންގެ ލޯގޯ ކުރެހުމަށް ކަމަށް ވެސް އެކުންފުނިން ބުނެ އެވެ.
އެކުންފުނީގެ އެސިސްޓެންޓް ޑިރެކްޓަރު ހިއުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޝަން އިސްމާއިލް ޝުޖާއު ވިދާޅުވީ އާ ބޯޓުގެ ދަތުރުތައް އަންނަ ހަފްތާގައި ފަށާނެ ކަމަށެވެ.
"އިންޖިނޭރުންނާ މަޝްވަރާކޮށް އަންނަ ހަފްތާގައި ދަތުރުތައް ފެށުމަށް ވަނީ ހަމަޖައްސާފައި. ވަކި ތާރީހެއް ކަނޑަނޭޅިއަސް އަންނަ ހަފްތާގައި ދަތުރުތަކުގައި ބޭނުން ކުރަން ފަށާނަން،" އޭނާ ވިދާޅުވި އެވެ.
މޯލްޑިވިއަންގެ އާ ބޯޓު ގެނައުމަށް ފަހު، އެ އެއާލައިނުން އިންޑިޔާ އަށް ކުރާ ދަތުރުތައް ސެޕްޓެމްބަރު 23 އިން ފެށިގެން ދުވާލަކު ދެ ފްލައިޓަށް އިތުރުކޮށް ސްރީ ލަންކާ އަށް ވެސް ދަތުރުތައް ފަށަން އައިއޭއެސް އިން ވަނީ ނިންމައިފަ އެވެ.
އަލަށް ގެނައި ބޯޓާ އެކު މޯލްޑިވިއަންގެ ސީޓްގެ އަދަދު ވަނީ 190 އަށް އަރައިފަ އެވެ. އެއީ 50 ގޮނޑީގެ ދެ ބޯޓާއި 37 ގޮނޑީގެ ދެ ބޯޓާއި 16 ގޮނޑީގެ ބޯޓެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ