އެއާޕޯޓްސް ކޮމްޕެނީއަށް ތަކެތި ގަތުމުގައި މާލިއްޔަތުގެ ގަވައިދާ އެއްގޮތަށް އަމަލު ކުރުމަށް އެންޓިކޮރަޕްޝަނުން އަންގައިފި

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީއަށް ބޭނުންވާ ތަކެތި ގަތުމުގައި ދައުލަތުގެ މާލިއްޔަތުގެ ގަވައިދާ އެއްގޮތަށް ކަންތައްތައް ކުރުމަށް އެންޓިކޮރަޕްޝަން ކޮމިޝަނުން އެ ކޮމްޕެނީއަށް އަންގައިފި އެވެ.
ކޮމިޝަނުން ބުނީ އެއާޕޯޓްސް ކޮމްޕެނީއަށް އެފަދަ އިން އަންގަންޖެހުނީ އެ ކުންފުނީ ފިއުލް ސާވިސް ޔުނިޓަށް ތަކެތި ގަތުމުގައި އަމަލުކޮށްފައިވާ ގޮތް ބެލިއިރު ގަވައިދާ ހިލާފު ކަންތައްތަކެއް ފާހަގަ ކުރެވިގެން ކަމަށެވެ.
ކޮމިޝަނުން ބުނި ގޮތުގައި 2006 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ ޖުލައި މަހާ ހަމައަށް އެއާޕޯޓްސް ކޮމްޕެނީގެ ފިއުލް ސާވިސް ޔުނިޓަށް ރާއްޖޭން ބޭރުން 77،299.43 8ރ.ގެ ތަކެތި ހޯދާފައި ވަނީ އިއުލާނު ނުކޮށެވެ. އަދި ތަކެތި ހޯދާއިރު ތިން ފަރާތުގެ އަންދާސީ ހިސާބު ވެސް ހޯދާފައި ވަނީ ވަރަށް މަދުފަހަރެއްގައި ކަމަށެވެ.
މީގެ އިތުރުން ކޮމިޝަނުން ބުނީ އެއާޕޯޓްސް ކޮމްޕެނީގެ "ތަކެތި ގަތުމާއި ހިދުމަތް ހޯދުމާއި މަސައްކަތް ކުރުވުމަށް އަމަލު ކުރާނެ ގޮތުގެ ގަވައިދަ"ކީ މިހާރު އަމަލު ކުރަމުންދާ މާލިއްޔަތުގެ ގަވައިދާ ތައާރުޒުވާ ގޮތަށް ހަދާފައިވާ ގަވައިދަކަށްވާތީ މާލިއްޔަތުގެ ގަވައިދާ ތައާރުޒު ނުވާނެ ގޮތަށް ގަވައިދު އިސްލާހުކޮށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ފާސް ކުރުމަށް ވެސް އަންގާފައިވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ