އަބުރުގެ ދައުވާ މަދަނީ ކުށަކަށް ބަދަލުކުރުން: މަދަނީ ބަދަލުގެ ފައިސާގެ ސީލިންއެއް ކަނޑައެޅުން މުހިންމު: އެމްޖޭއޭ

ގާނޫނުލް އުގޫބާތުގައި އަބުރުގެ ދައުވާ ޖިނާއީ ކުށެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާއިރު، މަދަނީ ބަދަލުގެ ގޮތުގައި ނަގައިދޭ ފައިސާގެ އަދަދު، އާންމު ފަރުދުންނާއި ނޫސްވެރިންނަށް ވެސް ދެއްކޭނެ ފަދަ މިންވަރަކަށް "ސީލިންގް" އެއް ކަނޑައެޅުމަކީ މުހިންމު ކަމެއް ކަމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ބުނެފި އެވެ.
ނޫސްވެރިންގެ ޖަމިއްޔާ އިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ފަހަކަށް އައިސް އަބުރުގެ ދައުވާ، ނޫސްވެރިންގެ އަތްފޯރާ ފަށުން ބޭރުގައި ސިލްސިލާކޮށް ކުރަމުން ދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
"މިއީ ނޫސްވެރިންނަށް ނަފުސާނީ ގޮތުން ފިއްތުންތަކެއް ކުރިމަތިވެ، އަދި ނޫސްވެރިކަން ވެސް އެތައް ފިޔަވަޅެއް ފަހަތަށް ޖެހި، ދިވެހި ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގައި އެޅޭ ބޮޑު ހުރަކަށް ވާތީ ނޫސްވެރިންނާ ދެކޮޅަށް އަބުރުގެ ދައުވާ ކުރާއިރު، ނޫސްވެރިންގެ އަތްފޯރާ ފަށުގައި އެ ދައުވާ ބޭއްވުމަށް މި ޖަމިއްޔާ އިން ގޮވާލަމެވެ،" އެމްޖޭއޭގެ ނޫސްބަޔާނުގައި ވެ އެވެ.
އެމްޖޭއޭ އިން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ގޮވާލާފައި ވަނީ އަބުރުގެ ދައުވާ ޖިނާއީ ކުށެއްގެ ގޮތުގައި އޮތް އޮތުން ވީ އެންމެ އަވަހަކަށް ބަދަލުކޮށް، ގާނޫނުލް އުގޫބާތް އިސްލާހުކޮށް ދެއްވުމަށެވެ.
ނޫސްވެރިންގެ އަތްފޯރާ ފަށަށް އަބުރުގެ ދައުވާގެ ބަދަލު ނަގައިދެވޭ މިންވަރުގެ "ސީލިން" އެއް ކަނޑައެޅުމަށް އެމްޖޭއޭ އިން ގޮވާލިއިރު ނޫސްވެރިން ވެސް އެ މީހުންގެ ވާޖިބު އަދާކުރުމުގައި ސުލޫކީ މިންގަނޑު ތެރޭގައި މަސައްކަތް ކުރުމަށް އެ ޖަމިއްޔާއިން އިލްތިމާސް ކުރެ އެވެ. އެގޮތުން ސައްހަކަން ޔަގީން ނުވާ މައުލޫމާތުތައް ނުފެތުރުމަށާއި މައްސަލައެއްގެ މައުލޫމާތު އާންމުންނާ ހަމައަށް ގެނެސްދޭއިރު އެ ކަމަކާ ގުޅޭ ހުރިހާ ފަރާތްތަކަށް ވެސް، ދިފާއުގައި އެއްޗެއް ބުނެވޭ ގޮތަށް ފުރުސަތު ދިނުމަށް އެމްޖޭއޭ އިން އިލްތިމާސްކޮށްފައި ވެ އެވެ.
އަބުރުގެ ދައުވާ، ޖިނާއީ ކުށެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކުރުމަށް އެމްޖޭއޭއިން ގޮވާލިއިރު އެ ޖަމިއްޔާއިން ވަނީ، މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގަވާއިދާއި މީޑިއާ ކައުންސިލްގެ ގާނޫނާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް މި މަހުގެ އެއްވަނަ ދުވަހުގެ ރޭ ބޭއްވި އެޑިޓަރުންގެ ފޯރަމްގައި ފާހަގަ ކޮށްފައިވާ ކަންތައްތައް ރައީސުލްޖުމްހޫރިއްޔާގެ މުހައްމަދު ނަޝީދުގެ އަރިހަށް މިއަދު ފޮނުވައިފަ އެވެ.
އެމްޖޭއޭއިން ރައީސަށް ފޮނުވި އެ ސިޓީގައި ދައުލަތާއި މުއައްސަސާތަކުން މައުލޫމާތު ހޯދުމުގައި އަދިވެސް ބޮޑެތި ހުރަސްތަކެއް ހުރިކަން އެޑިޓަރުން ފާހަގަކޮށްފައިވާކަން ރައީސްގެ ސަމާލުކަމަށް ގެންނަވާފައި ވެ އެވެ. އެގޮތުން އެ ހުރަސްތައް ނައްތާލުމަށްޓަކައި، އިންފޮމޭޝަން އޮފީހެއް ގާއިމްކޮށް، އެފަދަ މައި އިދާރާއަކުން ނޫސްވެރިންނަށް މައުލޫމާތު ފޯރުކޮށްދެވިދާނެ ކަމަށް އެޑިޓަރުން ފާހަގަ ކޮށްފައިވާކަން އެ ސިޓީގައި އެމްޖޭއޭއިން ބުނެފައި ވެ އެވެ. މީގެ އިތުރުން މައުލޫމާތު ހޯދައި ލިބިގަތުމުގެ ގަވާއިދުގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުން މައުލޫމާތު ފޯރުކޮށްދޭންޖެހޭ ގޮތަށް ނެތްކަން ވެސް އެޑިޓަރުން ފާހަގަކޮށް، ރައީސް ނަޝީދުގެ ސަމާލުކަމަށް ގެންނަވާފައި ވެ އެވެ.
މީގެ އިތުރުން އެ ގަވާއިދުގެ ދަށުން މައުލޫމާތު ފޯރުކޮށްދިނުމަށްޓަކައި 30 ދުވަސް އެއީ އެންމެ ދިގު މުއްދަތެއް ކަމަށް ކަނޑައަޅާފައި އޮތުމުން، ސަރުކާރުން އެ މުއްދަތު ބޭނުންވެއްޖެ ހިނދެއްގައި ދިގު ކުރުމުގެ ފުރުސަތު އޮތުމުން އާންމުންނަށާއި މީޑިއާގެ ފަރާތްތަކަށް އެކަމުގެ ސަބަބުން ހުރަސްތަކެއް ކުރިމަތިވާނެ ކަމަށް ވެސް އެޑިޓަރުން ފާހަގަކޮށްފައިވާ ކަމަށް ރައީސަށް އެމްޖޭއޭއިން ފޮނުވި ސިޓީގައި ބުނެފައި ވެ އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގަވާއިދުގައި ހުރި މައްސަލަތަކުގެ އިތުރުން މީޑިއާ ކައުންސިލްގެ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ވެސް އެމްޖޭއޭ އިން ރައީސްގެ ސަމާލުކަމަށް ގެނެސްފައި ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ