ކުށްކުރާ ކޮރަޕްޓް ގޭންގުތަކުގެ މީހުން 14 ދުވަސް ތެރޭ ފުނޑުފުނޑުކޮށްލާނެ ކަމުގެ އިންޒާރު ގޭންގުތައް ކޮންޓްރޯލްކުރާ މީހުންނަށާއި ގޭންގްތަކުގައި ހަރަކާތްތެރިވާ މީހުންނަށް ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރައްވާ އެޕާޓީގެ ކުރީގެ އިންތިގާލީ ނައިބު ރައީސް އުމަރު ނަސީރު ރޭ ދެއްވައިފި އެވެ.
"ދިވެހި ރާއްޖޭގެ ކުށް ކުރާ ގޭންގުތައް ކޮންޓްރޯލްކުރާ މީހުންނަށް ވެސް އަޅުގަނޑު ދަންނަވާނީ 14 ދުވަހޭ ދެން އޮތީ އިރާދަކުރެއްވިއްޔާ، ރާއްޖޭގެ ގޭންގުތަކާއި ކޮރަޕްޓް ނެޓްވޯކްތައް ފުނޑު ފުނޑުކޮށްލާނަމޭ އަޅުގަނޑު، ހުއްޓުވަންޏާ ހުއްޓުވާށޭ މިހާރު، ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑު މިއަންނަނީ ތިހުރިހާ ނެޓްވޯކުތައް ފުނޑު ފުނޑުކޮށްލަން." އާޓިފިޝަލް ބީޗުގައި ރޭ އުމަރުގެ ޓީމުން ބޭއްވި ޖަލްސާގައި އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ރާއްޖޭގައި މީހުން މެރުމާއި އަންހެން ކުދިންގެ އިއްފަތްތެރިކަން ފޭރުން އިތުރުވަމުންދާވާހަކަ ދައްކާތާ ފަސް އަހަރުވެއްޖެ ކަމަށާއި މިއަދާއި ހަމައަށް އައިއިރުގައި އެކަންތަކަށް ހައްލެއް ގެނެވިފައިނުވާ ކަމަށެވެ. ނަމަވެސް އިންތިހާބު ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް މިކަންކަން ހައްލުކޮށްދީ ރާއްޖޭގައި އަމަން އަމާންކަން ގާއިމުކޮށްދެއްވާނެ ކަމަށެވެ.
މިކަންކަން ކުރާނެކަން އެނގޭތީ ރާއްޖޭގައި ތިބި ބޮޑެތި މަސްތުވާތަކެތި ވިއްކާ ގޭންގުތަކާއި އެގޭންގުތަކާއި ގުޅިފައި ތިބި ސިޔާސީ މީހުންނާއި ރައްޔިތުންގެ މަޖިލިސް މެންބަރުންގެ ގޮތުގައި އެގޭންގުތަކާއި ގުޅިފައި ތިބި ބޭފުޅުންނާއި ރާއްޖޭގެ ބޮޑެތި ހުރިހާ ކުންފުނިތަކުގެ ތެރެއަށް އަތް ބާނައިގެން ބޮޑެތި ކޮރަޕްޓު ގޭންގުތަކާއި ގުޅިގެން ވަރަށް ވަރުގަދަ ހަމަލާއެއް އޭނާއަށް ދެމުންދާ ކަމަށް ވެސް އުމަރު ނަސީރު ރޭ ވިދާޅުވި އެވެ.
"ދާދި ފަހުން އަޅުގަނޑަށް ވަރަށް ބޮޑު ލަނޑެއް ދޭން މިމީހުން މަސައްކަތްކޮށްފި، އަޅުގަނޑުގެ ވިޔަފާރިކުރާ އޮފީހެއްގެ ތެރޭގައި މަސްތުވާތަކެތި ރައްކާކޮށްފައި އެތަނަށް ފުލުހުން ވައްދަން މި މީހުން މަސައްކަތްކޮށްފި، މި މީހުންގެ ބޭނުމަކީ އަޅުގަނޑު ދައްކަމުން އައި ވާހަކައިގެ އަޑު ކަނޑުވާލުން، " އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ޔާމީން އަމިއްލަ ފުޅަށް އެމަނިކުފާނަކީ ރައީސް މައުމޫނުގެ ކޮއްކޯފުޅު ކަމަށް ވިދާޅުވެފައިވާ ކަމަށާއި އަދި އަނެއް ކޮޅުން ތި ހުރީ ދޮންޖޭމުގޭ އުމަރު ނަސީރޭ ވެސް ވިދާޅުވި ކަމަށެވެ. އެއީ ތެދުފުޅެއްކަން ހާމަކުރައްވަމުން އުމަރު ވިދާޅުވީ އޭނާއަކީ "މަތީ ފެމިލީ" އަކުން އައިސްފައި ހުރި ބޭފުޅެއް ނޫން ކަމަށާއި އޭނާއަކީ ވަރަށް އާދައިގެ ނިކަމެތި އާއިލާއަކުން އައިސްފައިހުރި ބޭފުޅެއް ކަމަށެވެ.
"އަޅުގަނޑު މަދަރުސާއަށް ނުގޮސް 1 ހަފްތާ ހުރިން އަޅުގަނޑު އަރާނެ ބޫޓެއް ނުލިބިގެން. އަޅުގަނޑުގެ މައިންބަފައިންނަށް ބޫޓެއް ނުގަނެވިގެން، އަޅުގަނޑުމެން ތިންއިރު ހަމައަކަށް ނުކަން، އަޅުގަނޑުމެން ގޭގައި ކާން އޭރު ހުންނަނީ ބަހާފައި، ހުރިހާ ކުދިންނަށް ބަތް ވެސް ހަމަހަމައަށް، އެކަހަލަ ނިކަމެތި އާއިލާއަކުން އައިސްފައިހުރި މީހެއް އުމަރު ނަސީރަކީ." އޭނާ ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ މިގައުމުގެ ތާރީހު ބަދަލުކުރީ ނިކަމެތިން ނިކުމެ ކަމަށާއި ހަމަ އެގޮތަށް މިގައުމު އަމާން ގައުމަކަށް ހަދާ ދޭނީ ވެސް މިފަހަރު އޭނާ ނިކުމެ ކަމަށެވެ.
އުމަރު ވިދާޅުވީ ޔާމީނަކީ ރައީސް މައުމޫނުގެ ކޮކޯފުޅަށްވުމުން އޭނާއަށް ވޯޓުދެއްވާނެ މީހުން ތިބޭނެ ކަމަށާއި ނަމަވެސް ރައީސް މައުމޫންގެ ކޮއްކޯފުޅަށް ވިޔަސް އަމާނާތްތެރި ކަމާއި މިފަދަ ކަންކަމަށްވެސް މީހުން ބަލާނެ ކަމަށެވެ. އަދި ރައީސް މައުމޫން ރައީސް މައުމޫނަށްވީ އެމަނިކުފާނު ގެންގުޅުއްވާ އަމާނާތްތެރި ކަމާއި މަޑުމައިތިރި ކަމުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ.
ޔާމީނަކީ ރައީސް މައުމޫންގެ ކޮއްކޯފުޅު ކަމަށާއި އަދި ދެން ޕްރައިމަރީގައި ވާދަކުރައްވަނީ ދޮންޖޭމުގޭ އުމަރު ނަސީރު ކަމަށް ޔާމީން ވިދާޅުވި ކަމަށް ބުނެ އުމަރު ނަސީރު ރޭގެ ޖަލްސާގައި ހެއްދެވީ އިތުރުފުޅެއް ކަމަށް ޔަގީން ޓީމުން ވަނީ ބުނެފައެވެ.
އެޓީމުން ބުނީ ޔާމީން ކެމްޕެއިން ލޯންޗުކުރުމަށް އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގެ ރިކޯޑިންގ އަޑު އަހާލުމުން ޔާމީން އެފަދަ ވާހަކަފުޅެއް ދައްކަވާފައިނުވާކަން ޔަގީން ވާނެ ކަމަށާއި އެކަމާއި ގުޅިގެން ވެސް އުމަރު ހެއްދެވީ ރޯ ބުހުތާނު ދޮގެއް ކަމަށެވެ.
ކުށްކުރާ ކޮރަޕްޓް ގޭންގުތަކުގެ މީހުން 14 ދުވަސް ތެރޭ ފުނޑުފުނޑުކޮށްލާނެ ކަމަށް އުމަރު ނަސީރު ރޭ ވިދާޅުވިއިރު އުމަރު ނަސީރުގެ ކާރުގެ ތެރެއަށް މިރޭ ބަނގުރާފުޅިއެއް ލީ ކަމުގެ މައްސަލައެއް ވަނީ ފެންމަތިވެފައެވެ.
އުމުރު ނަސީރުގެ ކެމްޕޭން މެނޭޖަރު މާޒް އަހުމަދު ސަލީމް ވިދާޅުވީ ކާރު ތެރެއިން ފެނުނު ރާ ފުޅިއަކީ ފުލުހުން ކާރު ހުއްޓުވުމުގެ 10 ވަރަކަށް މިނެޓް ކުރިން ނޫރު މިސްކިތް ކައިރިން ތިން މީހަކު ކާރު ހުއްޓުވައި ހުރަސް އެޅުމުން ކާރު ގެ ދޮރުހުޅުވި ވަގުތު ކާރަށް ލި ފުޅިއެއް ކަމަށާއި މިއީ އުމަރުގެ ވާދަވެރި ފަރާތުން ކުރި ކަމެއް ކަމަށް ގަބޫލުކުރެއްވޭ ކަމަށެވެ.
ކުށްކުރާ ކޮރަޕްޓް ގޭންގުތަކުގެ މީހުން 14 ދުވަސް ތެރޭ ފުނޑުފުނޑުކޮށްލާނަން - އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ