ޔާމީނަކީ ވަރަށް ގާބިލް، އިލްމީ ބޭފުޅެއް - މައުމޫން

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަކީ ވަރަށް އިލްމީ، މައުލޫމާތު މުއްސަނދި، ގާބިލު ބޭފުޅެއް ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ރޭ ވިދާޅުވެ ޔާމީނަށް ވަރަށް ބޮޑަށް ތައުރީފްކުރައްވާ ވާހަކަފުޅުދައްކަވައިފި އެވެ.
ޔާމީންގެ ކެމްޕޭން ރަސްމީކޮށް ފެށުމަށް ރޭ ފުވައްމުލަކު ހާފިޒް އަހުމަދު ސުކޫލުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ޔާމީނަކީ ވިޝަނެއް ގެންގުޅުއްވާ ބޭފުޅެއް ކަމަށާއި އެގޮތުން ރައީސްކަމަށް ކުރިމަތިލައްވާފައިވާ ބޭފުޅެއްގައި ތަސައްވަރެއް އޮންނަން ޖެހޭނެ ކަމަށެވެ.
"އޭނަ ބޭނުންވަނީ ކީއްތޯ ރައްޔިތުންނަށް ކޮށްދޭން، އަދި އެވާހަކަ ދައްކަންޖެހޭނެ މީހުންނަށް އެކަން އޮޅުން ފިލުވާދޭންޖެހޭނެ، އެއީ އެހެންމަ ވަރަށް މުހިންމު ކަމެއް، ހަމައެކަނި މައުލޫމާތު ހުރެގެން ނުވަތަ ތަޖުރިބާ ހުރެގެން ނުވަތަ ގާބިލުކަން ހުރެގެން އެކަމެއް ނުވާނެ، އޭގެއިތުރުން ވިޝަނެއް އޮންނަންޖެހޭނެ، ތަސައްވުރެއްވެސް އޮންނަން ޖެހޭނެ، އެހެންވީމަ އަބްދުﷲ ޔާމީނަކީ އެފަދަ ބޭފުޅެއްކަމަށް އަޅުގަނޑަށް އެނގޭތީ ތިބޭފުޅުންގެ މައުލޫމާތަށްޓަކައި އަދި ތިބޭފުޅުންގެ ތާއީދަށްޓަކައި އެވާހަކަ ދަންނަވާލީ." މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމްގެ އެއްބައިވަންތަކަމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި ޕާޓީގެ އެއްބައިވަންތަކަމަށް މިހާރަށް ވުރެން ބޮޑަށް ވަކިން ބޭނުން ވަގުތެއް ނުދާ ކަމަށެވެ. އަދި ޕީޕީއެމްގެ ހުރިހާ މެންބަރުނަށް ވެސް އަބަދުވެސް ގޮވާލައްވަމުން ގެންދަވާނީ ހުރިހާ މެންބަރުން ވެސް އެކަތިގަނޑަކަށްވެ އެއްބައިވަންތަވުމަށް ކަމަށެވެ.
"އަޅުގަނޑުމެންގެ ތެރެއިން އެއްވެސް ބޭފުޅަކު އެގޮތަށް އެހެން ދިމާއަށް ވަޑައިނުގަންނަވަމާތޯއޭ، އެކީގައި ތިބެގެން މިމަސައްކަތުގައި އެންމެން އިހްލާސްތެރިކަމާއިއެކީގައި ބައިވެރިވަމާތޯއޭ، އެހެންވީމަ އެއީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އުންމީދެއް، ޕީޕީއެމްގެ ހުރިހާ މެންބަރުން ޕީޕީއެމްގައި ތިއްބެވުން، އަދި ޕީޕީއެމްއަށް ހިދުމަތްކޮށްދިނުން، އަދި ޕީޕީއެމް ގަބޫލުކުރާ އުސޫލުތަކަށް އިހްތިރާމްކުރެއްވުން." ރައީސް މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މަޖުބޫރަކުން އެއްވެސް މެންބަރަކު ޕާޓީގައި ނުބެހެއްޓޭނެ ކަމަށާއި އެއީކީ ކުރެވޭނެ އަދި ކުރަންޖެހޭ ކަމެއް ވެސް ނޫން ކަމަށެވެ. އަދި ކޮންމެ މެންބަރަކީ ވެސް މިނިވަން މެންބަރެއް ކަމަށާއި މިނިވަންކަމާއިއެކީގައި ހިޔާލު ފާޅުކުރެއްވުމަކީ އެމެންބަރެއްގެ ހައްގެއް ކަމަށެވެ.
ޕީޕީއެމްއިން ރިޔާސީ ކެމްޕެއިން ފެށުމާއި ގުޅިގެން އެކަމަށް އިޝާރާތްކުރައްވާ ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމްއިން ފެށީ ވަރަށް ބުރަ މަސައްކަތެއް ކަމަށާއި މިމަސައްކަތަކީ ލުއި މަސައްކަތެއް ނޫން ކަމަށެވެ.
އަދި މިމަސައްކަތަކީ ވަރަށް އިހްލާސްތެރިކަމާއި ވަރަށް ސާބިތުކަމާއިއެކީ ވަރަށް ބޮޑު އަޒުމަކާއި ވެސް އެކީ ކޮށްގެން ނޫނީ ކާމިޔާބު ނުކުރެވޭނެ މަސައްކަތެއް ކަމަށެވެ.
ރޭގެ ޖަލްސާގައި ވެސް ވަނީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުކަން ވެސް ކުރައްވާ ޔާމީނަށް ތާއީދާއި އެހީތެރިކަން ދެއްވުމަށް ރައީސް މައުމޫން އިލްތިމާސްކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ