ޕީޕީއެމް ޓިކެޓު ފަދަ އެހެން ޓިކެޓެއް އިންތިހާބުގައި ނުފެންނާނެ - މައުމޫން

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ހަމަޖެއްސި ރިޔާސީ ޓިކެޓަކީ އިލްމީ ގޮތުންނާއި ތަޖުރިބާގެ ގޮތުންނާއި ގާބިލުކަމުގެ ގޮތުން މިއަހަރުގެ ރިޔާސީ އިންތިހާބުގައި އެއަށްވުރެ މޮޅު ޓިކެޓެއް ނުފެންނާނެ ފަދަ ލާމަސީލު މުއްސަނދި ޓިކެޓެއް ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްއިން ރޭ ދަރުބާރުގޭ ރަންނަބަނޑޭރިމާލަމުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ޓިކެޓުގައި ހިމެނިވަޑައިގަންނަވާ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ރަނިންމޭޓު އަދި ހޯމް މިނިސްޓަރު ޑރ.މުހައްމަދު ޖަމީލް އަހުމަދަކީ ރާއްޖޭގެ ތަރައްގީގެ ވަރަށް ހާއްސަ ތަސައްވުރެއް ގެންގުޅުއްވާ ދެބޭފުޅުން ކަމަށެވެ.
އަދި އެ ތަސައްވުރު ހާސިލްކުރުމަށް ބޭނުންވާ ދުރު ވިސްނުމާއި ހިތްވަރާއި ކެރުން ދެބޭފުޅުންގެ ކިބައިގައި ހުރި ކަމަށާއި އަދި ތަސައްވުރު އަމަލީ ގޮތުން ހަގީގަތަކަށް ހެއްދެވުމުގެ ގާބިލިއްޔަތާއި ވިސްނުމާއި ކެރުން ވެސް އެބަހުރި ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ.
"އެހެންކަމުން އަޅުގަނޑުމެން މި ހަމަޖެއްސި ރިޔާސީ ޓިކެޓަކީ، އިލްމީ ގޮތުންނާއި ތަޖުރިބާގެ ގޮތުންނާއި ގާބިލުކަމުގެ ގޮތުން މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެއަށްވުރެ މޮޅު ޓިކެޓެއް ނުފެންނާނެ ފަދަ ލާމަސީލު މުއްސަނދި ޓިކެޓެއްގައި ކަމުގައި އަޅުގަނޑު ދަންނަވަން." މައުމޫން ވިދާޅުވި އެވެ.
ޔާމީނަކީ ވަރަށް ހާއްސަކޮށް އިގްތިސޯދީ ގޮތުން މަތީ ފެންވަރަކަށް ތައުލީމް ހާސިލްކުރައްވައިގެން ހުންނެވި ބޭފުޅެއް ކަން ފާހަގަކުރައްވަމުން ރައީސް މައުމޫން ވިދާޅުވީ ޔާމީން ވަޒީރުކަމުގެ ބުރަ މަސްއޫލިއްޔަތު އެތައް އަހަރެއް ވަންދެން ކާމިޔާބުކަމާއިއެކު އުފުއްލަވާފައިވާ ކަމަށާއި އަދި ސަރުކާރުގެ މުހިންމު ކުންފުނިތަކުގެ ޗެއާމަންކަން ވެސް ކުރައްވާ ވަރަށް އެކަށީގެންވާ ފައިދާތަކެއް ހޯއްދަވާދެއްވާފައިވާ ކަމަށެވެ.
އަދި އަމަލީ ގޮތުން ހިންގުމުގެ ދާއިރާގައި ވަރަށް މަތީ ހުނަރުތަކެއް ރައްޔިތުންނަށް ޔާމީން ސާބިތުކޮށްދެއްވާފައިވާ ކަމަށް މައުމޫން ވިދާޅުވި އެވެ.
ހޯމް މިނިސްޓަރު ޖަމީލަކީ އިނގިރޭސިވިލާތުން 2008 ވަނަ އަހަރު ކްރިމިނަލް ޖަސްޓިސް ސިސްޓަމް ރޮނގުން ޑޮކްޓަރ އޮފް ފިލޯސަފީ (ޕީއެޗްޑީ) ހާސިލުކުރައްވާފައިވާ ބޭފުޅެއްކަން ފާހަގަކުރައްވަމުން ރައީސް މައުމޫން ވިދާޅުވީ ޖަމީލަކީ ފަހަކަށް އައިސް ރައްޔިތުން ދުއް ރިޔާސީ ތިން ދައުރުގައި ވެސް ވަޒީރުކުރަން ކުރައްވާފައިވާ ބޭފުޅެއް ކަމަށާއި ފަހަރެއްގައި ދުނިޔޭގެ ތާރީހުގައި މިއީ ވަރަށް މަތީ ރިކޯޑަކަށް ވެސް ވެދާނެ ކަމަށެވެ.
"އެހެންކަމުން އަޅުގަނޑު ދެކޭ ގޮތުގައި މިދެބޭފުޅުންގެ މަސައްކަތްޕުޅާއި އަދި މުޅި ޕާޓީ މެންބަރުންގެ ތާއީދާއި އެއްބާރުލުމާއި މަސައްކަތުން މާތް ﷲ ގެ ވާގިފުޅާއިއެކު މިއަހަރުގެ ރިޔާސީ އިންތިހާބު ޕީޕީއެމްއިން ކާމިޔާބުކުރާނެ ކަމާއި މެދަކު ޝައްކެއް ނުކުރަން." ރައީސް މައުމޫން ވިދާޅުވި އެވެ.
މައުމޫން އިތުރަށް ވިދާޅުވީ ޕީޕީއެމްއިން ރިޔާސީ އިންތިހާބު ކާމިޔާބުކުރަން ބޭނުންވާ ސަބަބަކީ ދިވެހި ރައްޔިތުން މިހާރު ތަޖުރިބާކުރަމުންދާ ހިތްދަތި ހާލަތުން އުފާވެރި ހާލަތަކަށް ބަދަލުކުރުން ކަމަށާއި ރާއްޖެ މިއަދު ތަޖުރިބާކުރަމުންދާ ހިތްދަތި ނުތަނަވަސް ހާލަތުން ވަރަށް އުފާވެރި، ހަމަޖެހޭ، އަދި ތަރައްގީގެ ކުލަތައް ފެންނަ ހާލަތަކަށް ބަދަލުކުރުން އެއީ އިންތިހާބު ކާމިޔާބުކުރަން ބޭނުންވާ އެންމެ މުހިންމު އެއް ސަބަބު ކަމަށެވެ.
އިގްތިސޯދީ ގޮތުން ވަރަށް ދަތި ހާލެއްގައި ރައްޔިތުން ތިބި ކަމަށާއި އެގޮތުން ދައުލަތުގެ ދަރަނި ވަރަށް ބޮޑުވެ މީހުންނަށް ލިބޭ އާމްދަނީ އެތައް ގުނައަކުން ކުޑަވެ ކުދި ވިޔަފާރިތައް ހުއްޓިފައިވާ ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ. އަދި އިޖުތިމާއީ ގޮތުން ވެސް ވަރަށް ބޮޑެތި ހަމަނުޖެހުންތަކެއް އުފެދިފައިވާ ކަމަށާއި ރާއްޖޭގައި ދުވަހަކުވެސް ނުދެކޭ ފަދަ ބޮޑެތި މާރާމާރީ އާއި ކުށް ކުރުމާއި ޖަރީމާތައް އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބޭނުންވަނީ މިކަން ބަދަލުކުރަން، އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމް ދީނުގެ އަހުލުވެރިން ކަމަށް ވެފައި ރާއްޖޭގައި އަށަގެންފައިވާ ވަރަށް ރީތި އާދަކާދަ ހުރުމާއި އެކު, އަހުލާގު ވަރަށް މަތީ ފެންވަރުތަކެއް ހާސިލްކޮށްފައިވާތީ އަޅުގަނޑުމެން ބޭނުންވަނީ އެ މަންޒިލަށް އަނބުރާ ދާން،" މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ ރާއްޖޭގައި މީހުންމެރުމާއި މާރާމާރީ އާންމުވުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި އެމަނިކުފާނުގެ ވެރިކަމުގެ މިހާރު އޮތް ދަރަޖައަށް މާރާމާރީއާއި މީހުން މެރުން އާންމު މުވެފައި ނުވާ ކަމަށެވެ.
ރައީސް މައުމޫނު ރޭވަނީ އެޕާޓީގެ މެމްބަރުންނަށް އެހެން ރޭ ތަކުގައި ވެސް ވިދާޅުވެފައިވާ ދެ އިލްތިމާސްއެއް ރޭ ވެސް ތަކުރާރުކުރައްވާފައެވެ. އެއީ ޕީޕީއެމްގެ މެމްބަރުން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތް އިތުރަށް ފުޅާކުރުމަށާއި ޕީޕީއެމް ބައިބައިވެގެންދާނެ އެއްވެސްކަމެއް ނުކުރުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ