މެމްބަރު ލަތީފް 100،000ރ. ދޭ ގުރުއާން މުބާރާތް ފަށައިފި

ހއ. ދިއްދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަބްދުއްލަތީފު މުހައްމަދު 100،000ރ. ގެ ފައިސާ އިނާމު ހުށަހަޅުއްވައިގެން އެ އަތޮޅަށް ބާއްވާ ގުރުއާން މުބާރާތް މިއަދު ފަށައިފި އެވެ.
މިއީ، އެ މުބާރާތް މެދުނުކެނޑި ބާއްވާތާ ތިން ވަނަ އަހަރެވެ.
ހއ. އަތޮޅުގެ އެކި ރަށްތަކުން 188 ދަރިވަރުން ވާދަކުރާ، މި މުބާރާތުގައި ބަލައިގެންނާއި ނުބަލައި ކިޔެވުމުގެ ހުރިހާ އުމުރުފުރާތަކެއް އެއްކޮށް ހޮވޭ އެއް ވަނަ ދަރިވަރަށް 100،000ރ. ލިބޭނެ އެވެ. ހަ އަހަރުން ދަށުގެ އުމުރު ފުރައިން ފެށިގެން އުމުރުން 21 އަހަރުން މައްޗަށް މި މުބާރާތުގައި މީހުން ވާދަކުރެ އެވެ.
މެމްބަރު ލަތީފް ދިއްދޫގައި ބާއްވާ ގުރުއާން މުބާރާތުގައި ކުއްޖަކު ކިޔަވަނީ.
ލަތީފް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ކުރީ އަހަރުތަކާ ހިލާފަށް އާ ވަނަތަކެއް ވެސް މި އަހަރު ހޮވަން ނިންމާފައިވާ ކަމަށެވެ. އެއީ، މުބާރާތުގެ އެންމެ މޮޅު ފަސް އަންހެން ބައިވެރިންނާއި ފިރިހެން ބައިވެރިން ކަމަށާއި މި ވަނަތަކަށް ހާއްސަ އިނާމްތަކެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި މުބާރާތް ބާއްވަނީ ގުރުއާން ކިޔެވުމަށް ލޯބި ޖައްސައި ދީނީ ކަންކަމަށް ހޭލުންތެރިކަން އިތުރުކުރުމަށެވެ.
ދިއްދޫ ގުރުއާން މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ފަނޑިޔާރަކު ވާހަކަ ދައްކަވަނީ
މުބާރާތް ކުރިއަށް ގެންދަނީ މިއަދުން ފެށިގެން އަންނަ އަންގާރަ ދުވަހުގެ ނިޔަަލަށް ދިއްދޫގަ އެވެ. މުބާރާތުގައި ފަނޑިޔާރުކަން ކުރައްވަނީ، އިބްރާހިމް ޝިފާއު އާއި އަބްދުލް ޖަލީލް އިސްމާއިލްގެ އިތުރުން އަހްމަދު ހާޝިމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ