މާޗް 30 ވަނަ ދުވަހު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓު ލިބިވަޑައިގެންފިނަމަ ރިޔާސީ އިންތިހާބް ޕީޕީއެމްއަށް ލިބުމުގެ ފުރުސަތު ވަރަށް ހަނިވާނޭކަމަށް ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރައްވާ އުމަރު ނަސީރު ރޭ ވިދާޅުވެއްޖެ އެވެ.
ދިޓީވީގެ ޙަބަރު ތެރެއިން ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އުމަރު ނަސީރު ރޭ ވިދާޅުވީ ޔާމިންގެ ބަސްމަގު ހުރިގޮތުން ގުޅިގެން މަސައްކަތް ކުރުމުގެބަދަލުގައި އެކަނިމާ އެކަނި އިންތިހާބާއި ދިމާލަށް ދިއުމަކީ ޔާމިން ބޭނުންވާ ގޮތްކަމަށާއި، ނަމަވެސް އެގޮތަށް މަސައްކަތް ކޮށްގެން ޕާޓީއަށްވެސް އަދި ގައުމަށްވެސް ފައިދާ ނުވާނޭކަމަށެވެ.
އަދި ޔާމިން އިންތިހާބް ކުރުމަކީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު ޕީޕީއެމްއަށް ކާމިޔާބް ކުރުމަށް އޮތް ހުރަހެއްކަމަށާއި ޔާމީން ހޮވިއްޖެ ނަމަ ފެންނަނީ ޕީޕީއެމް ފެއިލްވާ މަންޒަރު ކަމަށް ވެސް ޔާމީނަށް ފާޑު ވިދާޅުވެ އުމަރު ނަސީރު ރޭ ދިޓީވީ ޙަބަރު ތެރެއިން ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ވިދާޅުވި އެވެ.
ނަމަވެސް އުމަރު ވިދާޅުވީ ރިޔާސީ ޕްރައިމަރީގައި އޭނާ ބަލިވެވަޑައިގެންފިނަމަ ޔާމީން ފަހަތްޕުޅުގައި ހުންނަވާނެ ކަމަށާއި އޭނާ މޮޅުވެއްޖެ ނަމަ ޔާމީން އޭނާގެ ފަހަތުގައި ހުންނަވާނެ ކަމަށެވެ. އަދި އެޕާޓީ ބައިބައި ނުވާނެ ކަމަށް ވެސް އުމަރު ނަސީރު ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބު ޕީޕީއެމަށް އެކަނި ކާމިޔާބު ނުކުރެވޭނެ ކަމަށާއި އުމަރަށް ރިޔާސީ ޓިކެޓު ލިބިވަޑައިގެންފި ނަމަ އެހެން ޕާޓީތަކަށް "އަތް ދިއްކުރާނަން" ކަމަށް ވެސް އުމަރު ނަސީރު ވިދާޅުވި އެވެ.
"އަޅުގަނޑަށް މި ޓިކެޓް ލިބިއްޖިއްޔާ އަޅުގަނޑު އެހެން ޕާޓީތަކަށް އަތް ދިއްކުރާނަން. އެ މީހުންގެ އަތުގައި ހިފާނަން. ފުރަތަމަ ބުރުގައި ފުޅާ ކޯލިޝަނެއް އުފެއްދޭތޯ ކުރެވުނު ހުރިހާ މަސައްކަތެއް ކުރާނަން. އަދި އަޅުގަނޑަށް ޔަގީންކަން އެބަ އޮތް، " އުމަރު ވިދާޅުވި އެވެ.
ރައީސް ވަހީދާއި، އަދާލަތް ޕާޓީއާއި، ޖުމްހޫރީ ޕާޓީއަކީ ރިޔާސީ އިންތިހާބް ކާމިޔާބް ކުރުމަށްޓަކައި ކޮންމެހެންވެސް ބައިއަތު ހިފަންޖެހޭ އަދި ގުޅެންޖެހޭ ޕާޓީތަކެއްކަމަށް އުމަރު ފާހަގަކުރެއްވިއެވެ.
ޔާމީން ހޮވިއްޖެނަމަ އިންތިހާބު ކާމިޔާބުކުރުމުގެ ފުރުސަތު ހަނިވާނެ - އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ