ރައީސް މައުމޫނު ކޯޓަށް ގެންދިޔަސް އަޅުގަނޑުމެން ދެކޮޅެއް ނުހަދާނަން:ޕީޕީއެމް

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމު ކޯޓަށް ގެންދިޔަސް ޕީޕީއެމުން އެކަމާ ދެކޮޅު ނުހަދާނެ ކަމަށް އެޕާޓީން މިއަދު ބުނެފިއެވެ.
ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްކޮންފަރެންސެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެޕާޓީގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބުދުއް ރަހީމް އަބުދުﷲ ވިދާޅުވީ ރައީސް މައުމޫނުގެ މައްސަލައެއް އޮތް ނަމަ ކޯޓަށް އެމައްސަލަ ހުށަހެޅުމަކީ ޕީޕީއެމުން މަރުހަބާ ކިޔާނެ ކަމެއް ކަމަށެވެ.
"...ރައީސް މައުމޫނުގެ މައްސަލައެއް އޮތަސް ހަމަ ވަޑައިގަންނަވަންވީ ކޯޓަށް އިނގޭތޯ. އަޅުގަނޑުމެން ހަމަ މަރުހަބާ ކިޔާނަން. އަޅުގަނޑުމެންނެއް އެއް ގޮތަކަށް ވެސް ރައީސް މައުމޫނު ކޯޓަށް ގެންދާތީއޭ ކިޔާފަކާ، އެ އުސޫލުގެ ތެރޭން ގެންދާ ކަމަށް ވަންޏަކާ އެކަމާ ދެކޮޅެއް ނަހަދާނަން. އެއްގޮތަކަށް ވެސް އަޅުގަނޑުމެން މި ދަންނަވަނީކީ ރައީސް މައުމޫނު ގޮވައިގެން ކޯޓަށް ވަޑައި ނުގަންނަވާށެކޭ ނޫން. ހަމަ ރައީސް މައުމޫނު ކުށެއް ކުރައްވާފައި އޮތް ކަމަށް ވިޔަސް އެ މައްސަލަ ޝަރީއަތަށް ފޮނުއްވަންވީ،" އަބުދުއް ރަހީމް ވިދާޅުވިއެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރައީސް މައުމޫނު ފުލުސް އޮފީހަށް ހާރިޒު ކުރެއްވި ކަމަށާއި، އެކަމާ އެއްވެސް މައްސަލައެއް ނެތް ކަމަށް ވެސް އަބުދުއް ރަހީމް ވިދާޅުވިއެވެ.
"...ރައީސް ނަޝީދުގެ ވެރިކަމުގައި ވެސް ރައީސް މައުމޫނު ފުލުސް އޮފީހަށް ހާޒިރުކުރެއްވި، ވަޑައިގެންނެވި. އެހެންވީމާ ހަމަ އެކަމާ އަޅުގަނޑުމެންގެ ނެތް އެއްވެސް މައްސަލައެއް. އެއޮންނަ އުސޫލެއްގެ ތެރެއިން ހަމަ ގެންދަންވީ ކޮންމެ ބޭފުޅެއްގެ މައްސަލައެއް ވިޔަސް،" އަބުދުއް ރަޙީމް ވިދާޅުވިއެވެ.
ޕީޕީއެމުން މިއަދު ނޫސް ކޮންފަރެންސެއް ބޭއްވީ މިހާރު ކުރިއަށްދާ ޝަރީއަތަކާ ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު ބަންދުގައި ބަހައްޓާފައި ހުންނަވާ މައްސަލައާ ގުޅިގެން ދުނިޔޭގެ ބައެއް ގައުމުތަކުން ރާއްޖެއަށް ފާޑުކިޔާތީ އެކަމާ ކަންބޮޑުވުން ފާޅު ކުރުމަށެވެ. އެ ނޫސްކޮންފަރެންސްގައި ޕީޕީއެމްގެ ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފު ވިދާޅުވީ ބޭރުގެ ފަރާތްތަކުން އެކަމާ ވާހަކަ ދައްކަވަނީ މައުލޫމާތު ނުހޯދައި ކަމަށެވެ. އަދި ރާއްޖޭގެ ކަންތައްތައް އޮތް ގޮތް ބެއްލެވުމަށް އެފަދަ ފަރާތްތަކުން ރާއްޖެއަށް ވަޑައިގެންނެވުމަށް އޭނާ ދައުވަތު ދެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ