މިސްރުގެ ރައްޔިތުން ހިކެން ގޮވާލުމުން ސީސީއަށް ފާޑުކިޔުން

ގާހިރާ (ޑިސެމްބަރު 27): މިސްރުގެ ރައްޔިތުން ހިކެން ގޮވާލެއްވުމުން އެގައުމުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީއަށް ގިނަ ބަޔެއްގެ ފާޑު ކިޔުން އަމާޒުވެއްޖެއެވެ. މިމަހުގެ ކުރީކޮޅު ޓީވީ މެދުވެރިކޮށް ވާހަކަ ދައްކަވަމުން ސީސީ ވަނީ އެގައުމުން، މާ ބޮޑަށް ބަރު މީހުން ގިނަ އަދަދަކަށް ފެންނަ ކަމަށާއި އެމީހުން ބަރުދަން ލުއި ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި ސްކޫލުތަކާއި ޔުނިވާސިޓީތަކުގެ ކަރިކިއުލަމްގައި ފިޒިކަލް އެޑިއުކޭޝަން ހިމަނަން ޖެހޭ ކަމަށާއި މާބޮޑަށް ފަލަ މީހުން ޓީވީ ޝޯތަކަށް އެރުވުން ހުއްޓާލަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ބައެއް ފަރާތްތަކުން ވަނީ ސީސީގެ ބަސްފުޅަށް ފާޑު ކިޔާފައެވެ. އަދި އެއީ ފަގީރު ކަމާ ގުޅުން ހުރި މައްސަލައަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަންވީ ރަނގަޅު ގޮތެއް ނޫން ކަމަށް ބުނެފައެވެ. މީގެ އިތުރުން، އެފަދައިން ވާހަކަ ދެއްކެވުމުގެ ބަދަލުގައި އެގައުމުގައި ދުޅަހެޔޮކަން އިތުރު ކުރުމަށް ޕްލޭނެއް އެކުލަވާލުން މާ ރަނގަޅު ވާނެ ކަމަށްވެސް އެފަރާތްތަކުން ބުނެއެވެ. އެގޮތުން ސިއްހަތަށް ފައިދާ ހުރި ކާނާގެ އަގު ހެޔޮކޮށް، ކަސްރަތު ކުރާނެ ތަންތަން ހަދައި، ދައުލަތުގެ ސިއްހީ ނިޒާމުގެ ދަށުން އޮބީސިޓީ އޮޕަރޭޝަން ކުރެވޭނެ ގޮތް ހަދަން ޖެހޭ ކަަމަށް ފާޑު ކިޔާ ފަރާތްތަކުން ބުނެއެވެ. ދެހާސްސާދަ ވަނަ އަހަރު ސީސީ މިސްރުގެ ވެރިކަމަށް ވަޑައިގެންނެވި ފަހުން ތައާރަފް ކުރެއްވި އިގުތިސާދީ އިސްލާހުތަކުގެ ސަބަބުން އެގައުމުގައި މޭވާ އާއި ތަރުކާރީ ފަދަ ކާނާގެ އަގު ވަނީ އުފުލިފައެވެ. އަދި ޔުނިވާސިޓީ އޮފް ވޮޝިންޓަންއިން މިދިޔަ އަހަރު ހެދި ދިރާސާއަކުން ދެއްކި ގޮތުގައި މިސްރުގެ ކޮންމެ ތިން މީހުންގެ ތެރެއިން އެކަކަކީ ބަރުދަން ހުންނަން ވާ ވަރަށް ވުރެ މާ ބަރު މީހެކެވެ. އެއީ ދުނިޔޭގެ ނިސްބަތުން ބަލާ އިރު އޮބީސިޓީ އެންމެ ބޮޑަށް އިތުރުވެފައިވާ ގައުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ