ސަރުކާރު ވެއްޓޭ ގޮތާއި އެކަމުގެ ހިތި އަސަރު އިހްސާސް ކުރެއްވިފައިވާ ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ނުވެއްޓޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މައްޗަންގޯޅި މެދު ދާއިރާ އަށް ވާދަ ކުރައްވާނެ ކަން އިއުލާން ކުރައްވައި ނަޝީދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު އައީ އިއްތިހާދެއްގެ ތެރެއިން ކަމަށްވާ އިރު، އެ އިއްތިހާދު ދަމަހައްޓަން ޖެހޭ ކަމަށެވެ. އަދި މަޖިލީހަށް ވެންނެވުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ސަރުކާރު ދިފާއު ކުރުން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑަށް އެނގޭ ސަރުކާރު ވެއްޓޭ ގޮތް، ދުށިން، ދެކިއްޖެއިން. އަޅުގަނޑަށް އެނގޭ އޭގެ ހިތި، އޭގެ އަސަރު. މުއުމިނުންގެ ގަޔަށް އެއް ހޮރުން ދެ ކައްޓެއް ނުޖެހޭނެ،" އެމްޑީޕީ ސަރުކާރު ފެބްރުއަރީ 7، 2012 ވަނަ އަހަރު ވެއްްޓުނު ގޮތް ހަނދުމަފުޅު ކުރައްވައި ނަޝީދު ވިދާޅުވި އެވެ.
ނަޝީދުގެ ސަރުކާރު އޭރު ވެއްޓުނީ، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ގަދަކަމުން ފޮރުވައިގެން ކ. ގިރިފުއްޓަށް ގެންދިޔަ މައްސަލައިގައި، އޭރުގެ އިދިކޮޅު ފަރާތްތަކުން މެދުކެނޑުމެއް ނެތި 22 ދުވަސް ވަންދެން ކުރި މުޒާހަރާގެ ސަބަބުން އިސްތިއުފާ ދެއްވުމަށް މަޖުބޫރުވެގެންނެވެ. އަދި މުޒާހަރާތަކުގައި ބައެއް ފުލުހުންނާއި ސިފައިން ބައިވެރިވެ، ސަރުކާރާ ދެކޮޅަށް ނުކުތުމުންނެވެ.
ނަޝީދު މިރޭ ވާހަކަފުޅު ދައްކަވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
މަޖިލީހަށް ވާދަ ކުރައްވަން ނިންމެވި ސަބަބު ތަފްސީލްކޮށް ދެއްވައި، ނަޝީދު ވިދާޅުވި ގޮތުގައި އެމަނިކުފާނު ބޭނުންފުޅު ވަނީ ރާއްޖޭގައި މުޅިން އެހެން ގައުމިއްޔަތެއް ބިނާ ކުރުމަށެވެ. އަދި އެމަނިކުފާނު ބޭނުންފުޅު ވަނީ ރައްޔިތުންގެ ބޭނުންތަކަށް ވަކާލާތު ކުރާ މަޖިލީހެއް އެކުލަވައިލަން ކަމަށް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ މަޖިލީހަށް ދެން "ވަގުން"، އަހުލާގެއް ނެތް އަދި ރައްޔިތުންގެ ފަރާތުން ވަކާލާތު ކުރުމަށް ނޭދޭ މެމްބަރުން އިންތިހާބެއް ނުކުރާނެ ކަމަށެވެ. އަދި މަޖިލީހުގައި "ގޯނި ގޯންޏަށް" ފައިސާ އަޅައިގެންދާ ވާހަކަ ނުދެއްކާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ދެން އެކުލަވައިލާނީ ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހަދައިދޭނެ، ނަޒާހާތްތެރި މަޖިލީހެކެވެ.
ނަޝީދު އެ އިޝާރާތް ކުރެއްވީ، ފައިސާ ހިއްޕަވައިގެން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ އަރިހަށް ވަޑައިގެންނެވި ކަމަށް ހޯރަފުށީ ދާއިރާގެ އެމްޑީއޭ މެމްބަރު މުހައްމަދު އިސްމާއިލް 2015 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވިދާޅުވުމާ ގުޅިގެން އެކަމަށެވެ.
ނަޝީދު ވިދާޅުވި ގޮތުގައި، އެމަނިކުފާނު މަޖިލީހަށް ވަންނަވާނީ ރައްޔިތުންގެ ތާއީދާއެކުގަ އެވެ. އަދި އަމާޒަކަށް ހައްދަވާނީ މެމްބަރުންނަކީ އިއްޒަތްތެރިންނަށް ހަދައި، އެއްވެސް ނުފޫޒަކަށް ނުގުޑާނެ ފަދަ މެމްބަރުންނަށް ހެއްދެވުން ކަމަށް ވެސް، 1999 ވަނަ އަހަރު މަޖިލީހަށް އިންތިހާބުވި ނަޝީދު ވިދާޅުވި އެވެ.
ޖަލުގައި ގިނަ ދުވަސްތަކެއް ހޭދަ ކުރެއްވި ނަޝީދު ވިދާޅުވި ގޮތުގައި، އެމަނިކުފާނަށް ދޭ ވޯޓަކީ ބޯހިޔާވަހިކަމާއި ބޭސްފަރުވާ އާއި އިޖުތިމާއީ ރައްކާތެރިކަމާއި އާއިލާ އެކީގައި ތަނަވަސްކަމާ އެކު ހަމަޖެހިގެން އުޅެވޭނެ ކަމުގެ އުންމީދުގައި ދޭ ވޯޓެއް ކަމަށެވެ. އަދި ރައްޔިތުން ބޭނުންވާ އުންމީދުތައް ހަގީގަތަކަށް ހައްދަވައި ދެއްވަން ބޭނުންފުޅުވާ ކަމަށް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ "ވައްކަން އޯކޭ" ނުވާ އިރު، ހަޒާނާ އިން ވައްކަން ކުރުން ރައްޔިތުން ބަލައި ނުގަންނަ ކަމަށެވެ. އަދި ރައްޔިތުންގެ ވަކީލުންގެ ގޮތުގައި "ވަގުންނާއި" އިންސާނީ ހައްގުތަކަށް ކަމޭ ނުހިތާ މީހަކު އިންތިހާބު ނުކުރާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
އަންނަ މާޗު މަހު އޮންނަ މަޖިލީހުގެ އިންތިހާބުގައި ނަޝީދު ވާދަކުރެއްވުމަށް ހުރަހެއް ނެތީ ޓެރަރިޒަމްގެ ކުށުގައި އެމަނިކުފާނުގެ މައްޗަށް އިއްވި 13 އަހަރުގެ ޖަލު ހުކުމް، މިދިޔަ މަހު ސުޕްރީމް ކޯޓުން ބާތިލްކޮށް، އެމަނިކުފާނަކީ މިނިވަނެއްގެ ގޮތުގައި ކަނޑައެޅުމާ ގުޅިގެންނެވެ.
އިއްތިހާދު ދަމަހައްޓަން ޖެހޭ، ސަރުކާރު ނުވެއްޓޭނެ: ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ