ދިވެހިރާއްޖޭގައި ވާރޗުއަލް ކަރަންސީގެ ވިޔަފާރި ކުރުމަށް އެއްވެސް ފަރާތަކަށް ހުއްދަދީފައި ނުވާނެކަމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ބުނެފިއެވެ.
މަރުކަޒީ ބޭންކުގެ ޤާނޫނުގެ ދަށުން، ދިވެހިރާއްޖޭގައި ޑޮމެސްޓިކް އަދި އިންޓަނޭޝަނަލް މަނީ ރެމިޓަންސް ވިޔަފާރި އާއި މަނީ އެކްސްޗޭންޖްގެ ވިޔަފާރި ރެގިއުލޭޓްކުރަނީ އެމްއެމްއޭއިންނެވެ.
އެއޮތޯރިޓީއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގައި ކްރިޕްޓޯ ކަރަންސީ ނުވަތަ މިފަދަ ވަރޗުއަލް ކަރަންސީތައް ގަނެވިއްކުމުގެ ވިޔަފާރިކުރާކަން ބަޔާންކޮށް ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާ މެދުވެރިކޮށް އިސްތިހާރު ކުރަމުންދާ ކަމަށެވެ. ނަމަވެސް ވިޔަފާރި ކުރުމުގައި ކްރިޕްޓޯ ކަރަންސީ ނުވަތަ މިފަދަ ވަރޗުއަލް ކަރަންސީ ބޭނުންކުރުމުގެ ހުއްދަ އެއްވެސް ފަރާތަކަށް ދީފައި ނުވާ ކަމަށެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ދިވެހިރާއްޖޭގެ ލީގަލް ޓެންޑަރ ކަމުގައިވާ ދިވެހި ފައިސާގެ ނޫޓާއި ފައިސާ ފޮއްޗާއި އެއްފަދަ ލިއުމެއް ނުވަތަ ނިޝާނެއް ނަމަވެސް އެ އޮތޯރިޓީ ފިޔަވައި އެހެން ފަރާތަކުން ނެރުމަކީ ޤާނޫނީ ގޮތުން މަނާ ކަމެއް ކަމަށެވެ.
ރާއްޖޭގައި ވާޗުއަލް ކަރެންސީގެ ވިޔަފާރި ކުރަން އެއްވެސް ފަރާތަކަށް ހުއްދަ ނުދެން: އެމްއެމްއޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ