މޫސުން ގޯސްވުވާ ގުޅިގެން ކަނޑުމަތީގެ ތިން ހާދިސާއެއް ހިނގައިފި

މޫސުން ގޯސްވުމާ ގުޅިގެން ވޭތުވެދިޔަ ސައުވީސް ގަޑިއިރުގެ ތެރޭގައި ކަނޑުމަތީގެ ތިން ޙާދިސާއެއް ހިނގައިފިއެވެ.
އެގޮތުން، މޫސުން ގޯސްވެ ކަނޑު ގަދަވުމުގެ ސަބަބުން ދިޔަވަމުންދިޔަ، ލޯންޗަކަށާއި ސަފާރީއެއްގެ އިތުރުން ފަރަށް އެރި މުދާ އުފުލާ ބޯޓަކަށްވެސް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އެގޮތުން 42 މީހުންނާއެކު އ.ދ ދިގުރަަށަށް ދަތުރުކުރަމުންދިޔަ ލޯންޗެއް، އ.ދ މަހިބަދޫ ކަރިން ދިޔަވާތީ އެހީތެރިކަން ފޯރުކޮށްދީ އެ ލޯންޗުގައި ތިބި މީހުން ފުލުހުންގެ އެހީއާއި، މަހިބަދޫ އުޅަނދެއްގެ އެހީގައިވަނީ މަހިބަދޫއަށް ގެންގޮސްފައެވެ. މި ހާދިސާގައި ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މީގެ އިތުރުން، ވ.ފުލިދޫ ކައިރިން ދަތުރުކުރި ސަފާރީއެއް ދިޔަވާކަމުގެ މަޢުލޫމާތު ލިބިގެން އެމްއެންޑިއެފުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. މި ސަފާރީ ދިޔަވަމުންދިޔައީ، ސަފާރީގެ ކުރީކޮޅު ފަޅައިގެން ދިއުމާ ގުޅިގެންނެވެ. މި ހާދިސާ ހިނގިއިރު ސަފާރީގައި 16 ފަތުރުވެރިންނާއި 8 ފަޅުވެރިން ތިބި. އެމްއެންޑީއެފުން ބުނީ މި ހާދިސާ ހިނގަން މެދުވެރިވީ ސަފާރީ ބާވުމުގެ ސަބަބުން ސަފާރިގެ ކުރީކޮޅު ފަޅައިގެން ދިއުމާއި އިންޖީނަށް ދިމާވި މައްސަލަ ތަކަކާ ގުޅިގެން ކަމަށެވެ. ނަމަވެސް އިންޖީނަށް ދިމާވި މައްސަލަ އާއި ދިޔަވި މައްސަލަ ފަހުން ވަނީ ހައްލުވެފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ކަމެއް ވެފައެއް ނުވެއެވެ.
މި ހާދިސާގެ އިތުރުން ލ.ގަމު މުދާ އުފުލާ ބޯޓެއްވެސް މ.ކޮޅުފުށި ފަރުމައްޗައް އަރާފައިވެއެވެ. "ދާނިޝް"ނަމަކަށްކިޔާ މި ބޯޓު މިހާރު ފުންކުރެވިފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި މި ހާދިސާ ހިނގިއިރު ބޯޓުގައި 11 މީހުން ތިބި ކަމަށާ އެއްވެސް މީހަކަށް ކަމެއް ވެފައި ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ވިއްސާރަވެ ކަނޑުގަދަވުމާއި ގުޅިގެން ވޭވެދިޔަ 24 ގަޑިއިރު ކަނޑުމަތީގެ މިފަދަ ޙާދިސާތައް ހިނަގާފައިވާއިރު، މޫސުމަށް ސަމާލުވުމަށް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއާއި މޫސުމާބެހޭ ޤައުމީ އިދާރާއިންވެސް ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ކަނޑު ދަތުރު ކުރުމުގައި އިތުރަށް ސަމާލުވެ، ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި، ކަނޑުދަތުރުފަތުރުގެ ޤަވައިދުތަކަށް ސަމާލުކަންދިނުމަށް އެމްއެންޑީއެފުންވެސް ވަނީ އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ