އެމްއެމްޕީއާރްސީގެ ފައިސާ ކަމަށް ތުހުމަތު ކުރެވޭނެ ޖާގަ އެބައޮތް: ޔާމީން

އެސްއޯއެފް ކުންފުނިން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ނަމުގައި އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އަކައުންޓަށް ޖަމާކުރި 100 މިލިޔަން ޑޮލަރަކީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާކަމަށް ތުހުމަތު ކުރެވޭނެ ޖާގަ އެބަ އޮތްކަމަށް ޔާމީން ވިދާޅުވެއްޖެއެވެ. ރައީސް ޔާމީންގެ އެކައުންޓުގައި ފައިސާތަކެއް ހުރި މައްސަލާގައި އެމަނިކުފާނު ވަނީ މިއަދު ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ. ހަމަ އެމައްސަލާގައި މިދިޔަ މަހު 15 ވަނަ ދުވަހު ވެސް ރައީސް ޔާމީން ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރު ކޮށްފައެވެ. މިއަދު މެންދުރުފަހު 1:30 ހާއިރު ފުލުހުންގެ އިދާރާއަށް ހާޒިރުވެ، ހަތަރު ގަނޑިިރަށް ފަހު އެ އިދާރާއިން ނިކުމެވަޑައިގެން އެ މަނިކުފާނުގެ ގެކޮޅު ކުރިމަތީގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި ރައީސް ޔާމީން ވިދާޅުވީ، އެމްއެމްޕީއާރުސީ ގެ ހިޔާނާތުގައި ހިމެނޭ އެސްއޯއެފް ކުންފުނިން އެމަނިކުފާނުގެ އިސްލާމިކް ބޭންކު އެކައުންޓަށް ޖަމާކުރި 100 މިލިޔަން ޑޮލަަަކީ ހިޔާނާޓުގެ ފައިސާ ކަމަށް ތުހުމަތު ކުރެވޭނެ ޖާގަ އެބަ އޮތް ކަމަށާއި އެއީ އެމްއެމްޕީއާރުސީ ގެ ހިޔާނާތުގެ ފައިސާ ކަމަށް ވެސް ވެދާނެ ކަމަށެވެ. "އަޅުގަނޑު ގަބޫލުކުރަން [އެ ކައުންޓަށް ވަން ފައިސާ އަކީ ހިޔާނާތުގެ ފައިސާކަމަށް] ތުހުމަތު ކުރެވޭނެ ޖާގަ އެބައޮތް ކަމަށް. ވެދާނެ އެއީ އެމްއެމްޕީއާރުސީގެ ފައިސާ ކަމަށް ވެސް. އެކަމަކު އެއީ ގާނޫނީ ހަމަތަކުގެ މަތިން އެގޮތަށް ނިންމާފަ އޮތް ކަމެއް ނޫން،" ރައީސް ޔާމިން ވިދާޅުވިއެވެ. "އެ ފައިސާތަކުގެ ތެރެއިން އަޅުގަނޑަށް އެސްއޯއެފް އިން ދިން ޗެކަކީ އެމްއެމްޕީއާރުސީ ފައިސާތޯ ނުނީ އެނޫން އެހެން ފައިސާތޯ އަދި އެއީކީ ނިންމިފަ އޮތް ކަމެއް ނޫން. އެއީ އެކަމެއްގެ ތުހުމަތު،" ރައީސް ޔާމީން ވިދާޅުވިއެވެ. ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރި އެ ފައިސާތަކަކީ އެމްއެމްޕީއާރްސީގެ ފައިސާތަކެއް ކަމަށް މިހާތަނަށް ތަހުގީގީ އޭސީސީ އިން ވެސް އަދި އެހެން ތަހުގީގީ އިދާރާއަކުން ވެސް ނިންމާފައިނުވާ ކަމަށެވެ. ރައީސް ޔާމިން މިއަދު ފުލުހަށް ހާޒިރުކުރުވެ، ހަތަރު ގަނޑި އިރަށް ފަހު އެ އިދާރާއިން ނިކުމެވަޑައިގަންނަވަނީ -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް ރައީސް ޔާމީން ވިދާޅުވީ، ޖުލައި މަހު ކުރީ ކޮޅު އެމަނިކުފާނުގެ އެކައުންޓަށް ވަނީ ފާއިސާއާ ގުޅޭ ގޮތުން އޭސީސީއާއި އެމަނިކުފާނާ ދެމެދު މިދިޔަ މާޗު މަހު 25 ވަނަ ދުވަހު އެއްބަސްވުމެއް ވި ކަމަށާއި އެ އެބަސްވުމުގައިވާ ގޮތުން އެ ފައިސާ އެސީސީގެ ބާރު ހިނގާގޮތަށް ވަކި އެކައުންޓަކަށް ޖަމާކުރި ކަމަށެވެ. "އޭސީސީއާއި އަޅުގަނޑާ ދޭތެރޭ އޮތް އެގްރިމަންޓަކީ ހަމަ އިން ގުޑް ފެއިތް، ރަގަޅު ނިޔަތުގައި އަޅުގަނޑު އިސްވެ ފައިސާ ވަކިން ބަހަށްޓަން ބޭނުމޭ ބުނެގެން ކޮށްފަ އިން އެގްރިމަންޓެއް. ހަގީގަތުގައި އަޅުގަނޑު އެ ފައިސާ ބަހައްޓާކަށް ނުވެސް ޖެހޭ. އެއީ އެސީސީ އިން ސާބިތު ކުރައްވާފަ ދެން ހަގީގަތުގައި ގާނޫނާ ހިލާފު ފައިސާ ކަމުގައި ވާނަމަ އެފައިސާ އަޅުގަނޑު އަތުން ގެންދަން ޖެހޭނީ. ވަކިން ބަހަށްޓާކަށް ނުވެސް ޖެހޭ،" އޭސީސީއާއެކު ވެވުނު އެއްބަސް ވުމާ ގުޅޭ ގޮތުން ރައީސް ޔާމީން ވިދާޅުވިއެވެ. ރައީސް ޔާމީން މިއަދު ފުލުހަށް ހާޒިރުކުރުވުމަށް ފަހު ނޫސްވެރިންނަށް މައުލޫމަރު ދެއްވަނީ -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް ރައީސް ޔާމީން ވިދާޅުވީ އެގޮތަށް ކަންތައް ކުރީ އެރު އެމަނިކުފާނަކީ ރާއްޖޭގެ ރައީސްކަމަށް ވާތީއާ އަދި އޭސީސީ އިން ވެސް އެގޮތަށް އެދިވަޑައިގަންނަވާތީ ކަމަށެވެ. "އަޅުގަނޑުވެސް އެދުނީ އެބޭފުޅުންވެސް އެދިވަޑައިގަންނަވަމުން ގެންދަވާތީ މި ފައިސާ އަޅުގަނޑުވެސް އަތްނުލާ ގޮތަށް ވަކި މުއްދަތެއް ވަންދެން އޭސީސީ ތަހުގީގު ނިމެންދެން ނުވަތަ ޝަރުއީ ކޯޓަކުން މި މައްސަލަ ބަލާފައި މީ އެމްއެމްޕީއާރުސީ ފައިސާތޯ ނުވަތަ ނޫންތޯ ގޮތެއް ނިމެންދެން އަޅުގަނޑު އެއްބަސްވީ ހަމަ ވަކި އެކައުންޓެއްގައި އޭސީސީ އަށް ބާރު ފޯރާގޮތަށް ވަކި އެކައުންޓެއްގައި ފައިސާ ބަހައްޓަން އަޅުގަނޑު އެއްބަސްވީ،" ރައީސް ޔާމީން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ