ހުޅުމާލޭގައި ސްޓިކާ ޖަހާނެ: ފުލުހުން

މާލޭގައި ގަވާއިދާ ހިލާފަށް ޕާކް ކުރާ އުޅަނދުތަކުގައި ސްޓިކާ ނުޖެހި ނަމަވެސް ހުޅުމާލޭގައި އެކަން ކުރިއަށް ގެންދާނެ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފިއެވެ.
މާލޭގައި ސްޓިކާ ޖެހުން ހުއްޓާލާފައި ވަނީ ސަރުކާރުގެ އެންގުމުގެ މަތިން މީގެ ކުޑަ ދުވަސް ކޮޅެއް ކުރިންނެވެ. އެހެން ނަމަވެސް މާލޭގައި ސްޓިކާ ޖެހުން ހުއްޓާލި ނަމަވެސް ހުޅުމާލޭގައި އަދިވެސް ސްޓިކާ ޖަހާތީ ގިނަ ބަޔަކު އަންނަނީ އެކަމާ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
މިކަމާ ބެހޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ހުޅުމާލޭގައި ގަވާއިދާއި ހިލާފަށް ޕާކު ކޮށްފައި ހުންނަ އުޅަނދުތަކުގައި ސްޓިކާ ޖަހާނެ ކަމަށެވެ. އަދި ހުޅުމާލޭގައި ޕާކް ކުރާނެ ގިނަ ސަރަހައްދުތައް އެބަ ހުރި ކަމަށާއި މާލޭގައި ޕާކު ކުރުމުގެ ދަތިތައް ކުރިމަތިވެފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ވެސް ސްޓިކާ ޖަހަމުންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ހުޅުމާލޭގައި އެބަ ހުރި ވަރަށް ގިނަ ތަންތަން ޕާކު ކުރާނެ، އެކަމަކު އެޔާ ހިލާފަށް މާލޭގައި ވަރަށް ދަތި، މާލޭގައި ވެސް އެކަމަށް ހައްލެއް އަންނަންދެން ވަގުތީ ގޮތުން ސްޓިކާ ޖެހުން ހުއްޓާލާފައި ވާނީ،" އޮފިޝަލް ވިދާޅުވިއެވެ.
އެކްޓިން ޕޮލިސް ކޮމިޝަނާ މުހައްމަދު ހަމީދު ކުރިން ވިދާޅުވީ، ޕާކް ކުރާނެ ޖާގަ ތަނަވަސްކޮށްނުދީ ފުލުހުން ނިކުމެ ސްޓިކާ ޖެހުން ގަބޫލު ނުކުރެވޭ ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕޭން ތެރޭގައި ކުރެއްވި އެއް ވައުދަކީ މާލޭގައި ޕާކް ކުރާނެ ޖާގަ ނުދައްކައި ސްޓިކާ ނުޖަހާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ