ލީޑަރުން ހަދާފައިވާ ޑީލްތައް ހާމަނުކޮށްފިނަމަ ކޯލިޝަނަށް އިތުބާރެއް ނެތް – ޝަހީދު

އިދިކޮޅު ކޯލިޝަންގެ ވެރިން ހައްދަވާފައިވާ ޑީލްތައް މިމަހުގެ 17 ވަނަ ދުވަހުގެ ކުރިން ހާމަ ނުކުރައްވައިފިނަމަ ކޯލިޝަންގެ އެއްވެސް ވެރިކަމަށް އިތުބާރު ނުކުރެވޭނެ ކަމަށް ކުރީގެ ފޮރިން މިނިސްޓަރ ޑރ.އަހްމަދު ޝަހީދު ވިދާޅުވެއްޖެއެވެ.
އދ.ގެ ދީނީ މިނިވަންކަމާއި ބެހޭ މަންދޫބުގެ މަގާމު މިހާރު ފުރުއްވަމުން ގެންދަވާ ޑރ.ޝަހީދު މިހެން ވިދާޅުވީ 12 މެންބަރުންނަށް ޕްރައިމަރީ އަކާއި ނުލާ ޓިކެޓް ދިނުމަށް އިދިކޮޅު ލީޑަރުން އެއްބަސްވެފައިވާ ކަން ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ކަށަވަރު ކޮށްދެއްވާފައި ވަނިކޮށެވެ.
އިދިކޮޅު ކޯލިޝަންގެ ވެރިން ހައްދަވާފައިވާ ޑީލްތައް މިމަހުގެ 17 ވަނަ ދުވަހުގެ ކުރިން ހާމަ ނުކުރައްވައިފިނަމަ ކޯލިޝަންގެ އެއްވެސް ވެރިއަކަށް އިތުބާރު ނުކުރެވޭނެ ކަމަށް ޑރ.ޝަހީދު ވިދާޅުވިއިރު އިދިކޮޅު ލީޑަރުންގެ މެދުގައި ގާއިމު ކޮށްފައި އޮތް އެއްބަސްވުމުގެ ތަފްސީލީ މައުލޫމާތެއް މިހާތަނަށް ހާމަކޮށްފައެއް ނެތެވެ.
ހަމައެކަނި ހާމަކޮށްފައި ވަނީ ރިޔާސީ އިންތިޚާބާއި ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ގުޅިގެން މަސައްކަތް ކުރުމަށް ލީޑަރުން އެއްބަސްވެފައިވާ ކަމެވެ.
12 މެންބަރުންނަށް ގޮނޑި ދިނުމަށް އިދިކޮޅު ލީޑަރުން އެއްބަސްވި ކަމަށް މައުމޫން ވިދާޅުވި ނަމަވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެކަމާއި ދެކޮޅަށް ވާހަކަފުޅު ދައްކަވާފައެވެ. ނަޝީދު ވިދާޅުވެފައި ވަނީ އެމްޑީޕީ އިން އިންތިޚާބަށް ނެރޭނެ ކެންޑިޑޭޓަކު ކަނޑައެޅޭނީ ޕްރައިމަރީ އަކުން ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އަންނަ މާޗް މަހު ބާއްވަން ތައްޔާރުވަމުން ދާއިރު މަޖިލީހުގެ އިދާރާތައް ކޯލިޝަންގެ މެންބަރުންނަށް ބެހުމުގައި ޚިޔާލުތަފާތުވުންތައް އުފެދޭނެ ކަމަަށް މިހާރު ފެންނަމުންދާ މަންޒަރުތަކުން ވެސް ލަފާކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ