ކުށްވެރިއަކީ ހަމައެކަނި ފައިސާ ބަހާ މަހުޖަނެއް ނޫން - ޝައިހް ޒައިދު

ކުށްވެރިއަކީ ހަމައެކަނި ފައިސާ ބަހާ މަހުޖަނު ނޫން ކަމަށާއި އެ ފައިސާގަ ހިފާ ފަނޑިޔާރުވެސް ކުށްވެރިވާނެ ކަމަށް ޝައިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޝައިހް ޒައިދު މިހެން ވިދާޅުވެފައިމިވަނީ ރާއްޖެއަށް މިއަދު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ "ރިޝްވަތު ދޭ މަހުޖަނު" ކަމަށާއި އެކަން ހައްލުކުރަން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
ހއ.ދިއްދޫގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރިޝްވަތު ދޭ މީހުން އެކަން ކުރަމުން ގެންދަނީ އިތުރު ފައިސާ ހޯދަން ކަމަށާއި އެހެންކަމުން ކަންކަން އިސްލާހު ކުރުމަށްޓަކައި މިއަދު އެންމެ މުހިންމު ކަމަކީ ފައިސާ ދެމުންދާ މަހުޖަނު އިސްލާހު ކުރުން ކަމަށެވެ. އަދި މިއަދުގެ ކުށްވެރިންނަކީ ފަނޑިޔާރުން ނޫން ކަމަށާއި ކުށްވެރިއަކީ ފަނޑިޔާރުންނަށް ރިޝްވަތުގެ ފައިސާ ބަހަމުން ހިނގާ މަޖުހަނު ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
"އޭނާ ދޭ ފައިސާއިން އަޅުގަނޑުމެންގެ ރާއްޖެ ހަލާކުވަނީ. އޭނާގެ މަގުސަދަކަށް ވަނީ އޭނާގެ ބޭނުމަކަށް ވަނީ އިތުރު ފައިސާ ހޯދުން. އެ ހޯދުމަށްޓަކައި ނާޖާއިޒު ގޮތުގައި ކަންކަން ހިންގުމަށް ފައިސާ ބޭނުން ކުރަނީ،" ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ މި ވާހަކަތަކާ ގުޅިގެން ޝައިހް ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފައިސާގައި ހިފާ ފަނޑިޔާރުގެ އިތުރުން އެ ޑީލް ހިފައިގެން ހިނގާ މީހާ އާއި އެ ޑީލަށް ހެކިވާ މީހާވެސް ކުށްވެރިވާނެ ކަމަށެވެ. އަދި ކީރިތި ރަސޫލާގެ ހަދީޘްގައި ވަނީ ރިޝްވަތުގެ ޑީލްގެ އެންމެހައި ފަރާތްތަކަށް ލައުނަތް ލައްވާފައި ކަމަށް ވެސް ޝެއިޚް ޒައިދު ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ވާހަކަފުޅުގައި "ރިޝްވަތު ދޭ މަހުޖަނަކީ" ކާކު ކަމެއް ވިދާޅެއް ނުވެއެވެ. ނަމަވެސް ރައީސް ނަޝީދު އެވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވާހަކަފުޅުތޯ ބައެއް ފަރާތްތަކުން ގެންދަނީ މީސް މީޑިއާގައި ސުވާލު ކުރަމުންނެވެ.
ރައީސް ނަޝީދުގެ ވާހަކަފުޅު ތަރުޖަމާ ކުރުމުގެ މަސައްކަތް މީސް މީޑިއާގައި ގިނަ ބަޔަކު ގެންދަނީ ކުރަމުންނެވެ. އަދި އެމަނިކުފާނު ތަންކޮޅެއް ސާފުކޮށް ވާހަކަފުޅު ދެއްކެވުމަށް ވެސް ގިނަ ބަޔަކު ދަނީ އެދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ