ނަޝީދާ ދެކޮޅު ޓްވީޓެއް ގާސިމް ރީޓްވީޓް ކުރުމުން ހޫނުވެއްޖެ

ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެ ވަޑައިގެންނެވުމާ ދެކޮޅަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ ކުރެއްވި ޓްވީޓެއް ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމް ރީޓްވީޓް ކުރެއްވުމާއެކު މައްސަލަ ހޫނުވެއްޖެ އެވެ.
އަލްހާން މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ، ޝަރީއަތުން ނިންމާފައިވާ ކަންކަން ޝަރީއަތުން ބޭރުން ހަވަރު އެއްކޮށްގެން ނިންމޭކަށް ނޯންނާނެ ކަމަށެވެ. ވެރިކަން ލިބުނީމާ ގާނޫނާ ހިލާފަށް ވެރިކަން ހިންގަން އުޅުމަކީ ހިތާމަހުރި ކަމެއް ކަމަށާއި އެހެން ބޭފުޅުންނެކޭ އެއްގޮތަށް ރައީސް ނަޝީދު ވެސް ކަންކަން ނިންމަވަން ވާނީ ދައުލަތުގެ ނިޒާމުގެ ތެރެއިން ކަމަށް އަލްހާން ވިދާޅުވެފައިވެ އެވެ.
އަލްހާން އެހެން ވިދާޅުވީ އަންނަ މަހުގެ އެއްވަނަ ދުވަހު ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގަ ކަމަށާއި އެމަނިކުފާނު ހައްޔަރެއް ނުކުރެވޭނެ ކަމަށް އެމްޑީޕީއިން ބުނެފައިވަނިކޮށެވެ. އެމްޑީޕީއިން ވަނީ އެ ދުވަހު ރައީސް ނަޝީދަށް މަރުހަބާ ދެންނެވުމަށް މާލެއަށް މީހުން އެއްވުމަށް ގޮވާލާފަ އެވެ. އަދި ކުލަގަދަ ހަރަކާތްތަކެއް ވެސް އަންނަނީ ރާވަމުން އެވެ.
އަލްހާންގެ ޓްވީޓް ގާސިމް މިއަދު ރީޓްވީޓް ކުރައްވާފައިވާއިރު ފާޑުކިޔުންތައް އަމާޒުވުމުން ވެސް ރިޓްވީޓް، އަންޑޫކޮށްފައެއް ނުވެ އެވެ. އެކަމާ ގުޅިގެން އެމްޑީޕީގެ ގިނަ އެކްޓިވިސްޓުންތަކެއް ދަނީ ނުރުހުން ފާޅުކުރަމުންނެވެ.
އަލްހާންގެ ޓްވީޓް، ގާސިމް ރީޓްވީޓް ކުރައްވާފައި --
އެމްޑީޕީގެ އެކްޓިވިސްޓަކު ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކޮށް ބުނެފައިވަނީ ނިމިދިޔަ ރިޔާސީ އިންތިހާބު ކާމިޔާބުވުމުގެ އެންމެ ބޮޑު ސަބަބަކީ ރައީސް ނަޝީދު ކަމަށާއި އިންތިހާބަށްފަހު ގާސިމަށް ވެސް މިނިވަންކަމާއެކު ރާއްޖެ ވަޑައިގެންނެވިފައިވާއިރު ރައީސް ނަޝީދާ ދެކޮޅު ޓްވީޓެއް ރީޓްވީޓް ކުރެއްވުމަކީ ދެރަ ކަމެއް ކަމަށެވެ.
"ތިޔަ ފަދަ ކޯލިޝަނެއްގައި އަހަރެންނަށް ހުރެވޭކަށް ނެތް،" އެމްޑީޕީގެ އެކްޓިވިސްޓަކު ރުޅި އައިސްގެން ބުނެފައިވެ އެވެ.
އެހެން އެކްޓިވިސްޓަކު ބުނި ގޮތުގައި އެހެން ހުރިހާ އިދިކޮޅު ލީޑަރުން މިނިވަންވެ، ސިޔާސީ މަސައްކަތް ފައްޓަވާފައިވާއިރު ވެސް އިދިކޮޅު ކޯލިޝަނުން ރައީސް ނަޝީދު މިނިވަންކުރުމަށް ކުރާ ކަމެއް ނެތް ކަމަށެވެ. އެކަމަށް ގޮވާލައި، އަދި ރައީސް ނަޝީދަށް ޝުކުރު އަދާކުރާ މީހަކު ވެސް އެމްޑީޕީގައި ނޫނީ ނެތް ކަމަށް އޭނާ ބުންޏެވެ.
ރިޔާސީ އިންތިހާބަށްފަހު ގާސިމް ކަފާލާތުގެ ދަށުން މިނިވަންކުރުމުން ރާއްޖެ ވަޑައިގެންފައިވާއިރު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ދަރިކަލުން އަހުމަދު ފާރިސް މައުމޫން ވެސް ވަނީ މިނިވަންކޮށްފަ އެވެ. އޭގެއިތުރުން ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދާއި ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލު ވެސް ވަނީ މިނިވަންކަމާއެކު ރާއްޖެ ވަޑައިގެންފަ އެވެ.
ބައެއް މީހުން ބުނަމުންދާ ގޮތުގައި އެ ރިޓްވީޓަކީ ގާސިމްގެ އެނގުމަކާ ނުލާކޮށްފައިވާ ރިޓްވީޓަކަށްވުން ވެސް އެކަށީގެންވެ އެވެ. އެއީ ގާސިމަށް ނޭނގި ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުން ގާސިމްގެ އެކައުންޓުން ކޮށްފައިވާ ރިޓްވީޓަކަށް ވެދާނެ ކަމަށް ޖުމްހޫރީ ޕާޓީގެ އެކްޓިވިސްޓަކު ބުނެފައިވެ އެވެ.
މިކަމާހުރެ މައްސަލަ ސޯޝަލް މީޑިއާގައި ހޫނެވެފައިވާއިރު ޖުމްހޫރީ ޕާޓީއިން ވެސް އަދި އެމްޑީޕީއިން ވެސް ރަސްމީކޮށް މިކަމުގައި އެއްޗެއް ނުބުނެވެ.
ގާސިމް މިފަހުން ވެސް ވަނީ އިދިކޮޅު ކޯލިޝަން ބަދަހިކަމާއި ވަރުގަދަކަން މަތީ ދެމި އޮންނާނެ ކަމަށް ބުނެފަ އެވެ. ރައީސް މައުނޫން ވެސް އެހެން ވިދާޅުވެފައިވާއިރު އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ވެސް ވަނީ ކޯލިޝަން ދަމަހައްޓާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
އެހެންނަމަވެސް ކުރީގެ ނައިބު ރައީސް ޖަމީލު ރާއްޖެ ވަޑައިގެންނެވުމުން މަރުހަބާ ދެންނެވުމަށް ވެސް ޖުމްހޫރީ ޕާޓީގެ ބޭފުޅުން ނޫން އެހެން އެއްވެސް ބޭފުޅަކު ވަޑައިގެންފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ