އެކައުންޓުގައި ހުރީ ޖާއިޒް ފައިސާކަމަށްވާ ނަމަ އެ ފައިސާ ހޯއްދެވީ ކޮން ގޮތަކުން ހެއްޔެވެ!

ހުދުމުތާރުވެރި، އަނިޔާވެރި ވެރިކަމެއްކުރެއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަމިއްލަފުޅު އެކައުންޓުތަކުގައިވާ 100 މިލިއަން ރުފިޔާ ފްރީޒްކޮށްފައީވާ ކަމަށް ފުލުހުންގެ އިދާރާއިން ހާމަކުރުމާއެކު، ޔާމީން ވިދާޅުވީ އެކައުންޓުތަކުގައިވާ ފައިސާއަކީ ޖާއިޒް ފައިސާކަމަށެވެ. އަދި "ގާނޫނާ ހިލާފަށް ހޯދި އެންމެ ލާރިއެއް ވެސް ނޯންނާނެ" ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 
"މީގައި ހުންނާނީ ޖާއިޒު ފައިސާ، ދައުލަތުގެ ފައިސާއެއް ވެސް ނޫން. މިއީ އެހެން މީހެއްގެ ވެސް ފައިސާއެއް ނޫން،" ޔާމީން ވިދާޅުވިއެވެ.
ސުވާލަކީ، އެ 100 މިލިއަން ރުފިޔާއަކީ ޖާއިޒް ފައިސާކަމުގައިވާ ނަމަ އެ ފައިސާ ޔާމީން ހޯދެވީ ކޮންތާކުންތޯއެވެ. އެއީ ކޮން މަސައްކަތެއްކުރައްވައިގެން ހޯއްދެވި ފައިސާއެއްތޯއެވެ. ކާކު ދެއްވިި ދީލަތި އެހީއަކުން ލިބިވަޑައިގެންނެވި ފައިސާއެއްތޯއެވެ. އެ ފައިސާ ޖާއިޒް ފައިސާއަށްވީ ގޮތެއް ބުނެދެއްވަން އެބަޖެހެއެވެ. 
ޤާނޫނު އަސާސީގެ 119 ވަނަ މާއްދާގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަވާ ބޭފުޅަކު އެއްވެސް ވިޔަފާރިއެއް ކުރެއްވުމަކީ ޤާނޫނީ ކުށެކެވެ. އަދި އެމަނިކުފާނުގެ އަނބިކަނބަލުން ވެސް އެއްވެސް މާލީ މަންފާއް ލިބޭ މަސައްކަތެއްކުރުމަކީ ޤާނޫނީ ކުށެއް ކަން އެ މާއްދާގައި ބަޔާންކޮށްފައި ވެއެވެ. 
އެހެންކަމުން ޔާމީން އެ ވިދާޅުވާ ޖާއިޒް ގޮތުގައި ހޯދެއްވި ފައިސާއަކީ ދެކަނބަލުން ވިޔަފާރިއެއް ކުރައްވައިގެން ހޯދެއްވި ފައިސާއެއް ނޫންކަން އެއޮތީ ސާފުކޮށް އެނގެންށެވެ. ދެން އޮތީ ދެ ކަނބަލުންގެ މުސާރައިގެ ވާހަކައެވެ. 
ފަސް އަހަރުގެ ތެރޭގައި ދެ ކަނބަލުންނަށް ލިބިވަޑައިގެންނެވި މުސާރައިގެ އެންމެ ފައިސާ ފޮއްޗެއްގައި ނުޖެހި، އެ ރައްކާ ކުރެއްވި ނަމަވެސް، އެންމެ ގިނަވެގެން ވެސް ދެ ކަނބަލުންނަށް ރައްކާކުރެވިފައިވާނީ 11 މިލިއަން ރުފިޔާއެވެ. 100 މިލިއަން ރުފިޔާއެއް އެކަންޓުގައި ރައްކާކުރެއްވުމަކީ ކުރެއްވޭނެ ކަމެއް ނޫނެވެ. އޭގެ އިތުރުން އަބްދުﷲ ޔާމީނަކީ ވެރިކަމުގެ ފުރަތަމަ ދެ ވަރަކަށް އަހަރު މުސާރައިގެ ދެ ބައިކުޅައެއްބައި ނެންގެވި ކަމަށް ވިދާޅުވާ ބޭފުޅެވެ. އެމަނިކުފާނުގެ ބަހުން ނަމަ، މުސާރާ އެއްކޮށް ނަންގަވަން ފެށީ ވެސް ދަރިކަލުންގެ އެޕާޓްމެންޓްގެ ކުލި ދެއްކެވުމުގެ ގޮތުންނެވެ. 
ދެން އޮތް ގޮތަކީ، އަބްދުﷲ ޔާމީން އަބަދުވެސް ވިދާޅުވަމުންގެންދަވާ ގޮތަށް އެ ފައިސާއަކީ ހަދިޔާގެ ގޮތުގައި ލިބިވަޑައިގެންނެވި ފައިސާއަށް ވުމެވެ. ސުވާލަކީ ވިޔަފާރިވެރިޔަކު ނަމަވެސް އަބްދުﷲ ޔާމީނަށް މިލިއަނުން މިލއަނުން ފައިސާ ހަދިޔާކުރައްވަންވީ ކީއްވެތޯއެވެ. އަބްދުﷲ ޔާމީނަކީ، މިލިއަނުން މިލިއަނުން ފައިސާ ހަދިޔާކުރައްވަން ކާކުތޯއެވެ. 
ވިޔަފާރިވެރިން، އާންމުކޮށް މީހަކަށް ފައިސާ ހަދިޔާގެ ގޮތުގައި ދީ، އުޅެނީ އެ މީހަކު ހުރި މަޤާމެއްގެ ސަބަބުން، ވިޔަފާރިވެރިން ބޭނުންވަ ކަންތައްތަކެއް ހާސިލްކުރުމަށެވެ. ވިޔަފާރީގެ މަސްލަހަތުތަައް ކުރިއަށް ނެރުއްވުމަށެވެ. އެހެންގޮތަކަށް ބުނާ ނަމަ، ކޮރަޕްޝަންގެ ގޮތުގައެވެ. ވަކިން ހާއްސަކޮށް، ހަމަ ބޭފުޅަކަށް ވީތީ މިލިއަނުން މިލިއަނުން ފައިސާ ހަދިޔާކޮށްފައިވާ ނަމަ އެއީ ކޮރަޕްޝަންގެ ގޮތުގައި ދެއްވި ފައިސާއަށް ނޫނީ ނުވާނެ އެވެ. އަނެއްކޮޅުން ވެރިކަމުގައި ހުންނަވާ އިރު ހަދިޔާގެ ގޮތުގައި ވެސް ފައިސާއާ ހަވާލުވުމަކީ ގާނޫނީ ކުށެކެވެ. 
ފެނަން ހުރި ހަޤީޤަތްކަށް ބަލާކަމުގައިވާ ނަމަ އަބްދުﷲ ޔާމީންގެ އެކަންޓުގައިވާ 100 މިލއަން ރުފިޔާއަކީ ޖާއިޒް ފައިސާއަށް ވާނެ ހަމަ އެއްގޮތެއް ވެސް ނެތެވެ. އެއީ ޖާއިޒު ފައިސާކަމުގައިވާ ނަމަ އެ ފައިސާ ހޯދެވިި ގޮތަކާއި، އެ ފައިސާ ދެއްވި މީހަކާއި، ދެއްވި ތާރީހަކަށް ދާންދޭން ރައްޔިތުންނަށް ހާމަކުރައްވަން އެބަޖެހެއެވެ. 
ދެން އޮތީ ޖާއިޒް ގޮތުގައި އެ ހޯއްދެވި 100 މިލިއަން ރުފިޔާގެ ބޭރުން މިހާރު ވެސް ކުރައްވަމުންގެންދަވާ ހަރަދުތަކުވެ ވާހަކަ އެވެ. އަމިއްލަފުޅު ގެކޮޅު ބުރިބުރިއަށް ނަންގަވަމުންގެންދަވާއިރު، އެއީ ވެސް ކޮންތާކުން ހޯއްދެވި ފައިސާއެއްކަން އަބްދުﷲ ޔާމީން އެބަ ވިދާޅުވެދެއްވަން ޖެހިވަޑައިގަންނަވައެވެ. 
އަބްދުﷲ ޔާމީންއެވެ. މިއަދު މަނިކުފާނުގެ އެކައުންޓުގައިވާ 100 މިލިއަން ރުފިޔާއަކީ ޖާއިޒް ފައިސާކަމަށް ވިދާޅުވި ނަމަވެސް ރައްޔިތުން އެ ވާހަކަތައް ގަބޫލެއް ނުކުރާނެއެވެ. އެހެނީ ރައްޔިތުންގެ ހަޒާނާ އިން ކުރި ވައްކަމާއި، ޕްރޮޖެކްޓުތަކުގެ ތެރެއިން ނެގި ކަޓުތަކާއި، ނެގި މާލީ މަންފާތަކާއި އެ ހުރިހާ ކަމެއް ވެސް އޮތީ ރައްޔިތުންނަށް އެނގި ހާމަވެފައެވެ. ހަމައެކަނި ޖާއިޒް ފައިސާއެއް ވިދާޅުވުމުގެ ބަދަލުގައި ތަންކޮޅެއް ކެރިވަޑައިގެން، އެ ފައިސާ ލިބިވަޑައިގެންނެވި ގޮތެއް ވެސް ވިދާޅުވެދެއްވަން އެބަޖެއެވެ. 
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ