ރާއްޖެ-އިންޑިއާ އެއްބަސްވުމުގައި ސޮއިކުރަން ހެޔޮނުވާނެ: ގާސިމް

ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ދިނުމާ ގުޅޭގޮތުން ރާއްޖެ އާއި އިންޑިއާއާއި ދެމެދު ގާއިމުކުރުމަށް މަސައްކަތް ކުރަމުން ގެންދާ އެއްބަސްވުމުގައި ސޮއިކޮށްފި ކަމަށްވާނަމަ ދިވެހިންނަށް ވަރަށް ބޮޑެތި ނިކަމެތި ކަމެއް ލިބިގެންދާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިނގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ގާސިމް އިބްރާހީމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމިޓީން މިއެއްބަސްވުން ދިރާސާކުރުމަށްފަހު މަޖިލީހުގެ ތަޅުމަށް ހުށަހަޅާފައިވާ ކޮމިޓީ ރިޕޯޓަށް ބަހުސްކުރައްވަމުންނެވެ.
މިއެއްބަސްވުމާ ގުޅޭގޮތުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވަމުން ގާސިމް އިބްރާހީމް ވިދާޅުވީ މިއެއްބަސްވުން ދިރާސާކުރުމުގެ މަސައްކަތް ކޮމިޓީން ކުރަމުންދިޔައިރު އެމަސައްކަތް ކުރިއަށް ދިޔައީ ވަރަށް ހުދުމުހުތާރު އުސޫލުން ކަމަށެވެ. ގައުމީ ސަލާމަތު ކޮމެޓީގައި 13 މެންބަރުން ތިއްބަވާއިރު މި އެއްބަސްވުމަށް އަމަލުކުރަން ފެންނަ ކަމަށް ކޮމިޓީން ނިންމީ ފަސް މެންބަރުންގެ ތާއީދު އެކު ކަންވެސް ގާސިމް ވަނީ ފާހަގަކުރައްވާފަ އެވެ. ގާސިމް ވިދާޅުވީ ރައްޔިތުންނާ ގުޅިފައިވާ މިފަދަ މުހިއްމު އަދި ހައްސާސް އެއްބަސްވުންތަކުގައި ސޮއިކުރާއިރު ކޮމެޓީއާއި މަޖިލީހުގެ ފުރިހަމަ އަގުލަބިއްޔަތު ލިބެންޖެހޭ ކަަމަށް އެމަނިކުފާނު ގަބޫލުކުރައްވާ ކަމަށެވެ.
ގާސިމް ވިދާޅުވީ މިއެއްބަސްވުމުގައި ސޮއިކޮށްފި ނަމަ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ބޮޑެ ލޮޅުންތަކެއް އަރާނެ ކަމަށާއި އެހެންކަމުން މިއީ ސޮއިކުރަން ހެޔޮވާވަރުގެ އެއްބަސްވުމެއް ނޫން ކަމަށެވެ.
"އަޅުގަނޑު މިއުޅެނީ ކޮންމެހެން ގަވާއިދުގެ ވާހަކަތަކެއް ދައްކާކަށް ނޫން. މިއަދު ގަވާއިދު އޮތް ގޮތް އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް އެބަ އެނގޭ ކަންކަން ހިނގަމުންދާ ގޮތުގެ މައްޗަށް ބަލާލީމަ. އަދި ހަމައެއާއެކު އަޅުގަނޑު ދަންނަވާލަން މިއުޅެނީ މިއީ ހެޔޮވާވަރުގެ އެގްރީމަންޓެއް ނޫނޭ އަޅުގަނޑުމެން ސޮއިކުރަން،" ފެށުނީއްސުރެ މިއެއްބަސްވުމަށް ދެކޮޅު ހައްދަވަމުން ގެންދާ ގާސިމް ވިދާޅުވި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގާސިމް އިބްރާހީމް ވާހަކަދައްކަވަމުން ގެންދަވަނިކޮށް އެމްޑީޕީގެ ދެ މެންބަރަކު ވަނީ ނިޒާމާ ބެހޭ ނުކުތާއެއް ނަންގަވާ ގާސިމްގެ ވާހަކަތައް ހުއްޓުވުމަށް މަސައްކަތް ކުރައްވާފަ އެވެ. އެގޮތުން ނިޒާމީ މައްސަލައެއް ނަންގަވާ މެދު ހެންވޭރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ސޮއިކުރަން މަސައްކަތް ކުރަމުން ގެންދާ އެއްބަސްވުމާ ގުޅޭގޮތުން ގާސިމް އިބްރާހީމް އިތުރުފުޅު ހައްދަވަމުން ގެންދަވާ ކަމަށެވެ.
ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ދިނުމާ ގުޅޭގޮތުން ރާއްޖެ އާއި އިންޑިއާއާއި ދެމެދު ގާއިމުކުރުމަށް މަސައްކަތް ކުރަމުން ގެންދާ އެއްބަސްވުން ދިރާސާކުރި އިރު ކޮމިޓީ މަރުހަލާގައި ގާސިމްގެ އިތުރުން އެހެން ބައެއް މެންބަރުން ވެސް ވަނީ މިއެއްބަސްވުމުގައި ކަންބޮޑުވާ ކަންތައްތަކެއް ހުރިކަން ފާހަގަކުރައްވާ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
މިއެއްބަސްވުން ފާސްކުރުމާ މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތެއް ބެލުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވޯޓަށް އަހާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ