ފިޠުރު އީދު ބަންދާއި ދިމާކޮށް އެމްއެންޑީއެފް ކޯސްޓްގާޑުން އޮޑި ދޯނި ފަހަރު ބަލާ ފާސްކުރުމުގެ ޕްރޮގްރާމެއް މިއަދު ފަށައިފި އެވެ.
އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށްގެންދާ މި ޕްރޮގްރާމްގައި އުޅަނދު ފަހަރުގެ ސަލާމަތީ ސެޓްފިކެޓްގައި ބަޔާންކޮށްފައި ހުންނަ ކަންތައްތައް ފުރިހަމަ ކުރެވިފައިވޭތޯ ބެލުމަށްވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި އުޅަނދުގެ ކެޕްޓަން އަތުގައި ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތްތޯ ބެލުމާއި، މެރިން ވީއެޗްއެފް ޗެކް ކުރުމާއި އަދި އުޅަނދުގައި މީހުން އުފުލުމަށް ކަނޑައެޅިފައިވާ އަދަދަށް ވުރެ ގިނައިން މީހުން އުފުލާތޯ ބެލުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގިނަ ކަންތައްތައް ބެލުމަށްވަނީ ހަމަޖެހިފައި ކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދެއެވެ.
އެމްއެންޑީއެފްއިން ބުނީ، މި ޕްރޮގްރާމްގައި ބަނދަރު ސަރަހައްދުންނާއި ކަނޑުމަތިން އުޅަނދުތައް ބަލާ ފާސްކުރުމަށް ހަމަޖެހިފައިވާއިރު، އެމްއެންޑީއެފްގެ އޭރިއާތަކުގައި ޤާއިމުކުރެވިފައިވާ ކޯސްޓްގާޑް ސްކޮޑްރަންތަކުން އޭރިއާގައި ހިމެނޭ ރަށްތަކުގެ އުޅަނދުތައް ޗެކްކުރުމަށް ވެސް ވަނީ ހަމަޖެހިފައި ކަމަށެވެ.
އެމްއެންޑީއެފް ކޯސްޓްގާޑުން ފެށި މި ޕްރޮގްރާމަކީ ފިޠުރު އީދު ބަންދާއި ދިމާކޮށް ގިނަ އަދަދެއްގެ ރައްޔިތުން ކަނޑުމަގުން ދަތުރު ކުރާ ދުވަސްވަރެއްކަމުން ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށް ވެސް އެމްއެންޑީއެފްއިން މައުލޫމާތު ދެއެވެ.
އީދު ބަންދާއި ދިމާކޮށް އޮޑި ދޯނި ފަހަރު ބަލާ ފާސްކުރުމުގެ ޕްރޮގްރާމެއް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ