ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު މާލޭން ހަ ދިވެއްސަކު ހައްޔަރުކޮށްފި އެވެ.
ވީ ކިހިނެއް؟ - ފުލުހުން މިއަދު ބުނި ގޮތުގައި، ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އެ މީހުން ހައްޔަރުކުރީ މިިދިޔަ ބުދަ ދުވަހު އެވެ.
އެއަށް ފަހު ކޯޓު އަމުރެއްގެ ދަށުން މާލޭގެ ދެ ތަނެއް ބަލައި ފާސްކުރިއިރު، ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް، ފެނުނު މަސްތުވާތަކެތީގެ މިންވަރެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ:
މުހައްމަދު މާހިރު، 36، ހަނީސީޒަން/ދ. މީދޫ
އަލީ އީޝާދު، 32، ސޯސަން/ސ. ހުޅުދޫ
އާހިލް އަލީ، 23، ގ. ކަނދުމާގެއާގެ
ރިކްޒު އާދަމް، 23، ފައިވްރޯސް/ގދ. ތިނަދޫ
މުހައްމަދު ސުހާން އަހުމަދު، 39، ދުންތަރި/ޅ. ހިންނަވަރު
އަބްދުލްމާޖިދު އިބްރާހީމް، 38، މަތަރެސްމާގެ/ލ. ގަން
ތަފްސީލް - މި މީހުންގެ ތެރެއިން ރިކްޒު އާދަމްގެ ބަންދަށް ފަސް ދުވަސް ވަނީ ޖަހާފަ އެވެ. އަދި،އާހިލުގެ ބަންދަށް ޖަހާފައިވަނީ 12 ދުވަހެވެ. ދެންތިބި އެންމެންގެ ބަންދަށް ޖަހާފައިވަނީ 15 ދުވަހެވެ.
ރިކްޒު އާދަމްގެގެ ބަންދު އަމުރުގައިވާ ގޮތުން، އޭނާ ހައްޔަރުކުރީ 'ޓައުން ސްޓޭ' ނަމަކަށް ކިޔާ ގެސްޓްހައުސްގެ ކޮޓަރިއެއް ބަލައި ފާސްކުރިއިރު ގިނަ އަދަދެއްގެ މަސްތުވާތަކެތި ހާމައަށް ހުއްޓާ ފެނިގެންނެވެ. އެ ތަނުގެ ތެެރޭން އޭނާގެ ޕާސްޕޯޓް ސައިޒު ފޮޓޯއެއް ފެނިފައިވެ އެވެ.
މަސްތުވާތަކެތި ބަންދުކޮށް ވިއްކާ ވިޔަފާރިކުރުމަށް ބޭނުންކުރާ އާލާތްތަކުގެ އިތުރުން، ގިނަ އަދަދެއްގެ ދިވެހި ފައިސާ ވެސް އެ ތަނުން ފެނިފައިވެ އެވެ.
ދެން ތިބި މީހުންގެ ބަންދު އަމުރުގައިވާ ގޮތުން، އެ މީހުން ހައްޔަރުކޮށްފައިވަނީ އެ މީހުން ތިބި ކޮޓަރިއެއް ބަލައި ފާސްކުރުމުން އެ ކޮޓަރީގައި ހުރި އެނދުގެ ހެޑްބޯޑް ތެރެއިންނާއި އެނދުމަތިން ހާމައަށް މަސްތުވާތަކެތި ފެނިގެންނެވެ.
އެ ކޮޓަރީގެ ފްރިޖު ތެރޭން ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފުޅިއެއް ވެސް ފެނިފައިވެ އެވެ.
މި އެންމެންގެ ވެސް ކުޑަކަމުދާތަކެތީގެ ވަގުތީ ނަތީޖާ އިން އޯޕިއައި، ބެންޒޯ، އޭއެމްޕީ، ސީއޭޓީ އަދި ޑީއެކްސްއެމްއަށް ޕޮޒިޓިވް ކަމަށް ދައްކާ ކަމަށް ބަންދު އަމުރުގައިވެ އެވެ.
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު މާލޭން 6 މީހުން ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ