ވަކި ވޯޓެއް ނުލާން ނިންމުމުން, 3 ވޯޓު ކަރުދާސް ދޫނުކުރުން: ގާނޫނީ ވަކީލުން ސިފަކުރީ ނުފޫޒު ފޯރުވުމުގެ ގޮތުގައި!

މިހާރު ކުރިއަށްދާ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބާއި، އާންމުންގެ ޚިޔާލު ހޯދާ ވޯޓުގެ ތެރެއިން ވޯޓެއްގައި ބައިވެރިވާން ބޭނުން ނޫން ކަމަށް، ވޯޓުލާން ދާ މީހަކު ބުނެފި ނަމަ، އެ ވޯޓެއްގެ ކަރުދާސް އެ މީހަކަށް ނުދޭނެ ކަމަށާއި، އެ މީހެއްގެ ނަން ވޯޓުލާ މަރުކަޒުގައި އިއުލާނުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނުމުން، ގާނޫނީ ވަކީލުން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވީ، ވޯޓުލާން ދާ ކޮންމެ މީހަކަށް ތިން ކަރުދާސްކޮޅު ދޭނެ ކަމަށެވެ. ނަމަވެސް ވޯޓުލާން ދާ މީހަކު، އެއް ވޯޓުގައި ބައިވެރިވާން ބޭނުން ނޫން ކަމަށް ބުނެފި ނަމަ، އެ ވޯޓެއްގެ ކަރުދާސް ނުދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. "އަޅުގަނޑުމެން އިއުލާން ކުރާނީ މިވެނި މީހަކު އެ ކަރުދާސްކޮޅު ބޭނުންނޫން ކަމަށް، ހާމަކޮށްފައި އިއުލާން ކުރާނެ، އެއީ އޮބްޒާވަރުންނާއި ހުރިހާ އެންމެންނަށް ނޯޓު ކުރެވި، ފަހުން ޓެލީ ކުރުމުގައިއާއި އެ ހުރިހާ ކަމަކަށް އިންތިޒާމު ހަމަޖެހިގެންދާނެ،" ޒާހިދު ވިދާޅުވިއެވެ. ވޯޓުލާ މަރުކަޒެއްގައި އޮފިޝަލުން ކަރުދާސްތައް ތަރުތީބުކުރަނީ --- ސަން ފޮޓޯ: ޢާއިޝް އަޝްރަފް އިލެކްޝަންސް ކޮމިޝަނުން އެފަދައިން ހާމަކުރުމާ ގުޅިގެން، ގާނޫނީ ދާއިރާގެ ތަޖުރިބާކާރު އަދި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޙުސްނުއްސުޢޫދު 'އެކްސް'ގައި ލިޔުއްވި ޕޯސްޓެއްގައި ވަނީ، އިލެކްޝަންސް ކޮމިޝަނުގެ މި ނިންމުމުގެ ސަބަބުން ވޯޓުގެ ސިއްރުކަން ހިފަހައްޓަން ނޭނގޭކަން ހާމަވާ ކަމަށާއި، ސަރުކާރުން އިންތިޚާބަށް ނުފޫޒު ފޯރުވަން ޖާގަ ލިބިގެންދާކަން ދޭހަވާ ކަމަށެވެ. ވޯޓުލާ މީހަކަށް ގިނަ ކަރުދާސް ދޭނަމަ، އެއް ކަރުދާސްކޮޅުގައި އެއްވެސް ފާހަގައެއް ނުޖަހައި ވޯޓު ފޮށްޓަށް ލެވޭ ގޮތަށް އިލެކްޝަންސް ކޮމިޝަނަށް ހެދޭނެ ކަމަށާއި، މިއީ އެމެރިކާގެ ނިއުޔޯކުގައި އަމަލުކުރަމުން އަންނަ ގޮތެއްކަން ސުޢޫދު ފާހަގަކުރެއްވިއެވެ. https://x.com/husnusuood/status/2040136001797099737 ހަމަ މި މައްސަލައިގައި، ބޮޑެތި އެކި މައްސަލަތަކުގައި ވަކާލާތުކުރައްވާ ގާނޫނީ ވަކީލު އަދި ކެންދޫ ދާއިރާގެ ކުރީގެ މެންބަރު ޢަލީ ޙުސައިން ލިޔުއްވާފައި ވަނީ، ވޯޓުލާންދާ އެންމެންނަށް ތިން އިންތިޚާބުގެ ވެސް ކަރުދާސްކޮޅު ދޭންވާނެ ކަމަށާއި، ވޯޓުލާ މަރުކަޒުތަކުގައި ތިބޭ އޮފިޝަލުން ވޯޓުލާން ދާ މީހުންނާ އިތުރު ވާހަކައެއް ދައްކައިގެން ނުވާނެ ކަމަށެވެ. "ވޯޓުލާން ދާ މީހާއަށް އެއްވެސް ސުވާލެއް ނުކޮށް ތިން ވޯޓުގެ ކަރުދާސް ދޭންޖެހޭނެ. ވޯޓުލާނެ ގޮތެއް ނުވަތަ ނުލާނެ ގޮތެއް ކަނޑައަޅާނީ ވޯޓުލާންދާ މީހާ. ވަކި ވޯޓެއް ލާތޯ ނުލާތޯ އިލެކްޝަންސް ކޮމިޝަނުގެ މީހަކު ނުވަތަ އެހެން މީހަކުވިޔަސް ވޯޓުލާންދާ މީހާގެ ގާތު އެހުމަކީ ވޯޓަށް ނުފޫޒު ފޯރުވުން،" ޢަލީ ލިޔުއްވި އިތުރު ޕޯސްޓެއްގައިވެއެވެ. https://x.com/AleeVoice/status/2040282979306701172 ގާނޫނީ ވަކީލު އަދި އިދިކޮޅު އެމްޑީޕީގެ ގާނޫނީ ޓީމުގައިވެސް އިސް ދައުރެއް އަދާކުރައްވާ މަޙްފޫޒު ސަޢީދު ލިޔުއްވި ގޮތުގައި، ވަކި ވޯޓެއްގައި ބައިވެރިނުވާ މީހެއްގެ ނަން އިއުލާނުކުރުމަކީ ވޯޓުގެ ސިއްރުކަމަށް އަސަރުކުރާނެ ކަމެކެވެ. "އޭގެ ސަބަބުން ވަކި އިންތިޚާބެއްގައި ވޯޓުލުން ނުވަތަ ނުލުން ޝަރުތުކުރުމާއި އޭގެ ބަދަލު ކަނޑައަޅައި މީހާގެ މިނިވަން އިޚްތިޔާރަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ހުޅުވޭނެ. މިއީ ގޯހެއް!" މަޙްފޫޒު ލިޔުއްވައިފައިވެއެވެ. https://x.com/MahfuzSayd/status/2040165802448666984 ކައުންސިލު އިންތިޚާބާއި ފެންނަ ނުފެންނަ ވޯޓުލުން މިއަދު ހެނދުނު 8:00 އިން ފެށިގެން ހަވީރު ހަތަރެއް ޖަހަންދެން ކުރިއަށްދާނެއެވެ. އެކަމަކު ހުރިހާ ފޮށިތަކެއްގައި ވޯޓުލާން ފެށުނީ 9:30 ގައެވެ. https://www.sun.mv/220112 އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން، 10 ޖެހުމާ ހަމައަށް، 253،714 މީހުންގެ ތެރެއިން ވޯޓުލީ 41،162 މީހުންނެވެ. އެއީ ވޯޓުލެވޭ އާބާދީގެ 14 އިންސައްތައެވެ. އޭގެ ތެރޭ ހިމެނެނީ 16،166 އަންހެހުންނާއި 24،996 ފިރިހެނުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ