ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިއަދު އަނެއްކާ ވެސް ކޯޓަށް ހާޒިރުވާން އަންގައިފި އެވެ.
ގާސިމް ކްރިމިނަލް ކޯޓަށް ހާޒިރުވާން އަންގާފައިވަނީ މިއަދު 2:00 އަށެވެ. ގާސިމަށް ޗިޓް ފޮނުވީ ވެސް މިއަދު އެވެ.
ގާސިމް ކޯޓަށް ހާޒިރުވާން އަންގާފައި މިވަނީ ގާސިމްގެ މައްޗަށް ދައުލަތުން ކުރާ ތިން ދައުވާއާ ގުޅިގެންނެވެ. އެގޮތުން ގާސިމްގެ ދައުލަތުން ކުރާ ދައުވާތަކަކީ ގާނޫނުލްއުގޫބާތުގެ 510 ވަނަ މާއްދާގެ ދަށުން ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ކުށުގެ ދައުވާ އާއި 511 ވަނަ މާއްދާގެ ދަށުން ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އާއި 540 ވަނަ މާއްދާގެ ދަށުން ވޯޓު ދޭން ހުރި މީހަކަށް ނުފޫޒެެއް ފޯރުވަން އުޅުނު ކަމުގެ ދައުވާ އެވެ.
ގާސިމްގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ ލިޔުންތައް މިމަހުގެ 13 ވަނަ ދުވަހު ކޯޓުން ވަނީ ގާސިމް އިބްރާހީމާ ހަވާލުކޮށްފަ އެވެ. އަދި މިމަހުގެ 14 ވަނަ ދުވަހުގެ ރޭ 8:30 އަށް މިމައްސަލައިގެ އަޑުއެހުމެއް ތާވަލްކުރުމަށްފަހު އެ ދުވަހު ވަނީ އަޑުއެހުން ކެންސަލްކޮށްފަ އެވެ. އެހެންކަމުން މިއަދު ބާއްވާ އަޑުއެހުމަކީ ގާސިމްގެ މައްޗަށް ދައުލަތުން ކުރާ ދައުވާ ތަކާއި ގުޅުިގެން ޝަރީއަތް ފެށުމަށް ބާއްވާ އަޑުއެހުމެއް ކަމަށް ބެލެވެ އެވެ.
ކްރިމިނަލް ކޯޓުގެ ޗިޓްގައިވާ ގޮތުން ގާސިމް މިއަދު ކޯޓަށް ހާޒިރުކުރަނީ އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ތިން ދައުވާގެ ތެރެއިން ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ކުށުގެ ދައުވާއާ ގުޅިގެންނެވެ.
މިއީ މިދައުވާތައް ގާސިމް އިބްރާހީމްގެ މައްޗަށް އުފުލުނު ދެވަނަ ފަހަރެވެ. މިދައުވާ ތަކުގައި މީގެ ކުރިން ދައުވާ އުފުލި ޝަރީއަތް ނިމި ހުކުމް ކުރުމާ ހަމައަށް ގޮސްފައިވަނިކޮށް މިމަހުގެ 10 ވަނަ ދުވަހު ބޭއްވި މިމައްސަލަތަކުގެ ޝަރީއަތުގެ ފަހު ބަޔަށް ދައުލަތުގެ ވަކީލުން ހާޒިރު ނުވުމުން ކްރިމިނަލް ކޯޓުން މިމައްސަލަތައް އޭރު ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ މައްސަލަތައް ބޭރުކޮށްލާފަ އެވެ.
ގާސިމްގެ މައްސަލަތައް މީގެ ކުރިން ކްރިމިނަލް ކޯޓުގައި ބެއްލެވި ތިން ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގެންނެވީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފްއާއި، ގާޒީ އަހްމަދު ޝަކީލްގެ އިތުރުން ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް ވަގުތީ ގޮތުން މިހާރު އައްޔަންކުރައްވާފައި ހުންނެވި ގާޒީ އާދަމް އާރިފް އެވެ. ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އޭރު އިންނެވީ ގާޒީ ބާރީ އެވެ. ނަމަވެސް މިމައްސަލަ ކްރިމިނަލް ކޯޓުން ބޭރުކޮށްލި ފަހުން ގާޒީ ބާރީ ޖުވެނައިލް ކޯޓަށް ބަދަލުކޮށް ގާޒީ ޝަކީލް ފެމިލީ ކޯޓަށް ބަދަލުކޮށް އަދި ގާޒީ އާދަމް އާރިފް ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް އައްޔަންކުރަން ޖޭއެސްސީން ވަނީ ނިންމާފަ އެވެ.
ގާސިމްގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދު ބާއްވަން ތާވަލްކުރި ނަމަވެސް މިމައްސަލަ ބައްލަވާ ފަނޑިޔާރުންގެ މައުލޫމާތު އަދި ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.
ގާސިމް އިބްރާހީމްގެ މައްޗަށް ދައުލަތުން އުފުލި ދައުވާތައް ކްރިމިނަލް ކޯޓުން ބޭރުކޮށްލުމުން ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން މިމައްސަލަތައް އަލުން ކޯޓަށް ހުށަހަޅާފައިވަނީ މިމަހުގެ 12 ވަނަ ދުވަހުގެ ވަގުތެއްގަ އެވެ.
ގާސިމް އިބްރާހީމްގެ މައްޗަށް ކުރިންވެސް އުފުލި ދައުވާތައް އަލުން އުފުލާފައި މިވަނީ އެ ދައުވާތައް ކްރިމިނަލް ކޯޓުން މިމަހުގެ 10 ވަނަ ދުވަހު ބޭރުކޮށްލާފައިވާތީ މިހާރު އަމަލުކުރަމުންދާ ޖިނާއީ އިޖުރައާތުގެ ގާނޫނުގެ ދަށުން ދައުވާ ނުކުރެވޭނެ ކަމަށް ގާސިމްގެ ގާނޫނީ ޓީމުން ބުނެފައިވަނިކޮށެވެ.
ގާސިމްގެ މައްޗަށް ދައުލަތުން ކުރާ ދައުވާތަކާ ގުޅިގެން ދައުލަތުން ގާސިމާ ދެކޮޅަށް ހެކީގެ ގޮތުގައި ހަމައެކަނި ހުށަހަޅާފައިވަނީ ކުނޫޒުގައި ބޭއްވި ޖަލްސާއެއްގައި ގާސިމް ދެއްކެވި ވާހަކަފުޅެއްގެ ތަންކޮޅެކެވެ.
ގާސިމްގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް އެމަނިކުފާނުގެ ގެންދަވަނީ ޝަރީއަތުގައި އާއި ނޫސްވެރިންގެ ބައްދަލުވުންތަކުގައި ތަކުރާރުކޮށް އިންކާރުކުރައްވަމުންނެވެ. އަދި ދައުވާތަކުގައިވާ ފަަދަ ކަމެއް ދުވަހަކުވެސް ކުރައްވާފައި ނުވާނެ ކަމަށްވެސް އެމަނިކުފާނު ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.
ޖޭޕީގެ ލީޑަރު ގާސިމް މިއަދު ކޯޓަށް ހާޒިރުވާން އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ