ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ފޮނުވުމަށް ދައުލަތުގެ ކަމާ ގުޅޭ މުއައްސަސާތަކުގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރާ ގުޅޭ ހުކުމް ބަންޑާރަނައިބްގެ އޮފީހުން އިސްތިއުނާފް ކުރި ނަމަވެސް ގާސިމް އިބްރާހީމް ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުން ފަސްކުރެވޭނެ ހާލަތެއް އަދިވެސް ނެތް ކަމަށާއި އެހެންކަމުން ގާސިމަށް އަވަހަށް ފުރާވަޑައިގެންނެވޭނެ ގޮތެއް ހަމަޖައްސައިދިނުމަށް ގާސިމްގެ އާއިލާ އިން އެދިވަޑައިގެންފި އެވެ.
ގާސިމްގެ އާއިލާގެ ފަރާތުން މިވަގުތު ވާހަކަދައްކަވަމުން ގެންދަވާ ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނަރަލް އަހްމަދު ސަމީރު ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ގާސިމްގެ މައްޗަށް ހުކުމްކޮށް ކްރިމިނަލް ކޯޓުން ނެރެފައިވާ ހުކުމްގައި ގާސިމް އިބްރާހީމް ބޭސް ފަރުވާ އަށް ރާއްޖެއިން ބޭރަށް ފޮނުވައިދިނުމަށް ދައުލަތުގެ މުއައްސަސާތަކުގެ މައްޗަށް އަމުރުކޮށްފައިވާތީ އެ ހުކުމް އޮތްހާ ހިނދަކު އެއަށް އަމަލުކުރަން މުއައްސަސާތަކަށް ލާޒިމްވާނެ ކަމަށެވެ. އެހެންކަމުން އެ ހުކުމް އިސްތިއުނާފް ކުރި ނަމަވެސް ގާސިމަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ހުއްދަދިނުން ފަސްކުރެވޭނެ އެއްވެސް ހާލަތެއް މިވަގުތު ވެސް ނެތް ކަމަށް ވިދާޅުވި އެވެ.
ސަމީރު ވިދާޅުވީ ގާސިމް ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވައިދިނުމަށް ކޯޓު ހުކުމަކުން އަމުރުކޮށްފައިވަނިކޮށް އެ އަމުރަށް ތަބާނުވެ މައްސަލަ އިސްތިއުނާފް ކުރުމަކީ ސަރުކާރުގެ އިހްލާސްތެރިކަމެއް ނެތް ކަން އަންގައިދޭ ކަމެއް ކަމަށެވެ. އެއީ ހިތާމަކޮށް ކަންބޮޑުވާންޖެހޭ ކަމެއް ކަން ފާހަގަކުރައްވަމުން ސަމީރު ވިދާޅުވީ ގާސިމާ ދޭތެރޭ ސަރުކާރުން އަމަލުކުރަނީ ވަރަށް އަނިޔާވެރި ނޭއްގާނީ ގޮތަކަށް އަދި އިންސާނިއްޔަތާ ވެސް ހިލާފަށް ކަމަށެވެ.
"ސަރުކާރުން މިގޮތަށް ގާސިމް ފަދަ ހިދުމަތްތެރި ބޭފުޅަކާ މެދު އަމަލުކުރުމުން ސަރުކާރަށް ރައްޔިތުންގެ ނަފްރަތާއި ހިތްހަމަނުޖެހުން ނޫން އެއްޗެއް ނުލިބޭނެ،" ސަމީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިސަރުކާރުގެ އަމަލުތަކާ ގުޅިގެން ސަރުކާރުގެ އިހްލާސްތެރިކަމާ ދޭތެރޭގައި ސުވާލު އުފެދޭ ކަަމަށާއި، ހާއްސަކޮށް ގާސިމްގެ މައްޗަށް އިއްވި ހުކުމް އިސްތިއުނާފަށް ހުށަހަޅާފައިވާ ގޮތުންވެސް ސުވާލު އުފެދޭ ކަމަށެެވެ. އެގޮތުން ޖިނާއީ މައްސަލަތަކުގައި ދައުލަތް ތަމްސީލް ކުރާ ފަރާތަކީ ޕްރޮސެކިއުޓާ ޖެނަރަލް ކަމަށް އޮންނާތީ އެކަމަށް އިޝާރާތްކުރައްވާ ސަމީރު ވިދާޅުވީ ގާސިމްގެ މައްޗަށް އިއްވި ހުކުމް އިސްތިއުނާފް ކޮށްފައިވަނީ ވެސް ބަންޑާރަނައިބް ކަމަށެވެ. އެހެންކަމުން މިއީ އިސްތިއުނާފް ކުރުމުގެ އުސޫލު އެހެން ގޮތަކަށް ބަދަލުވެގެން ހިނގައިދާނެ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.
ސަމީރު ވިދާޅުވީ ގާސިމް އިބްރާހީމަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް މިވަގުތު އެއްވެސް ހުރަހެއް ނެތް ކަމަށާއި ނަމަވެސް ގާސިމް ރާއްޖެއިން ބޭރަށް ވަޑައިގަތުން ލަސްވަމުން ދަނީ ހޯމް މިނިސްޓްރީއާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބޮޑެތި އިހްމާލުތަކެއްގެ ސަބަބުން ކަމަށެވެ. އެހެންކަމުން މުއައްސަސާތަކުން ކޯޓު ހުކުމްތަކަށް ތަބާވެ، ގާސިމަށް އަވަހަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވޭ އިންތިޒާމު ހަމަޖައްސައިދިނުމަށްވެސް ސަމީރު ވަނީ ތަކުރާރުކޮށް އެދިވަޑައިގެންފަ އެވެ.
"މިއީ ދެރައެއް ދޭން ކުރެވޭ ކަމެއް. މިގޮތަކަށް ސަރުކާރަކުން ގާސިމާ ދޭތެރޭ ވެސް އަދި އެހެން ރައްޔިތަކާ ދޭތެރޭ ވެސް އަމަލުކުރެވިގެން ނުވާނެ. މީހެއްގެ ފުރާނައާ ގުޅޭ ކަމެއްގައި މިގޮތަށް އަމަލުކުރެވިގެން ނުވާނެ." ސަމީރު ވިދާޅުވި އެވެ.
ސަމީރު އިތުރަށް ވިދާޅުވީ ހިތާމައިގެ މިވަގުތު ދިވެހި ރައްޔިތުންގެ ކިބައިން ގާސިމް އެދިވަޑައިގަންނަވަނީ އެމަނިކުފާނަށް ހެޔޮ ދުއާ ކޮށްދެއްވުމަށް ކަމަށެވެ.
ހުކުމް އިސްތިއުނާފް ކުރުމަކީ ގާސިމް ފުރުން ލަސްކުރެވޭނެ ސަބަބެއް ނޫން: ސަމީރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ