ގާސިމް އިބްރާހީމްގެ އިސްތިއުނާފު ޝަރީއަތް ފަށަނީ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ޖަލުހުކުމްގެ އިސްތިއުނާފު ޝަރީއަތް އާދީއްތަ ދުވަހު ފެށުމަށް ނިންމައިފިއެވެ.
ގާސިމް އިބްރާހީމް 3 އަހަރާއި 2 މަހާއި 12 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 2017 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 24 ވަނަ ދުވަހުގެ ރޭ ދަންވަރެވެ.
ގާސިމް އިބްރާހީމްގެ މައްޗަށް އިއްވާފައިވާ މިހުކުމްގެ އިސްތިއުނާފު ޝަރީއަތް 7 މަސް ފަހުން ފެށުމަށް ނިންމައި މިހާރު ވަނީ އާދީއްތަ ދުވަހަށް އަޑުއެހުން ތާވަލުކޮށްފައެވެ. އެގޮތުން އާދީއްތަ ދުވަހު ހެނދުނު 9:30 ގައި ހައި ކޯޓުގައި އަޑުއެހުން ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ.
ގާސިމް އިބްރާހީމްގެ ވަކީލު ހިސާން ހުސައިން ވީނިއުސްއަށް ވިދާޅުވީ އާދީއްތަ ދުވަހު އަޑުއެހުން އޮންނާނެކަން އަންގާފައިވާ ކަމަށާއި 9:15 އަށް ވަކީލުން ކޯޓަށް ހާޒިރުވުމަށް އަންގާފައިވާ ކަމަށެވެ.
ހިސާން ވިދާޅުވީ މިދިޔަ އަހަރުގެ އޮގަސްޓު މަހު ގާސިމްގެ މައްޗަށް ހުކުމް އިއްވުމާއެކު ހައި ކޯޓަށް އިސްތިއުނާފަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އަދި ކޯޓުން އަންގާފައިވާ ގޮތަށް އާދީއްތަ ދުވަހު އެބޭފުޅުން ކޯޓަށް ހާޒިރުވާނެ ކަމަށް ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 24 ވަނަ ދުވަހުގެ ރޭ ދަންވަރު ގާސިމް އިބްރާހީމްގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވީ އެމަނިކުފާނު އާލާސްކަންފުޅާ އައިޖީއެމްއެޗުގައި އެޑްމިޓް ކޮށްފައި ވަނިކޮށް އެމަނިކުފާނާއި އަދި ވަކީލުންގެ ވެސް ޣައިރު ހާޒިރުގައެވެ.
އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ޖަލުހުކުމްގެ އިސްތިއުނާފު ޝަރީއަތް ފެށުމަށް ނިންމާފައި މިވަނީ އެމަނިކުފާނުގެ ދަރިކަލުން ސިޔާދު ގާސިމް ވެސް ރިޝްވަތުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާތާ ދޮޅުމަސް ދުވަސް ވެފައި ވަނިކޮށެވެ. ސިޔާދަށް ދައުވާ އުފުލައި ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފައެވެ.
ގާސިމް އިބްރާހީމަށް 3 އަހަރުގެ ޖަލުހުކުމެއް އައީ ޓީވީތަކުން ވަގުތުން ދައްކަމުންދިޔަ ޖަލްސާއެއްގައި ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ. އެވާހަކަފުޅާ ގުޅިގެން އެމަނިކުފާނުގެ މައްޗަށް ތަހުގީގު ހިންގައި ޝަރީއަތްކޮށް ޖަލުހުކުމެއް އިއްވާފައިވަނީ އެމަނިކުފާނު ދެއްކެވި ވާހަަކަފުޅު ފިޔަވަައި އެއްވެސް ހެއްކެއް ނެތިއެވެ. މިއީ ބޭއިންސާފު ހުކުމެއް ކަމަށް ސިޔާސީ ބޭފުޅުންނާއި އެމަނިކުފާނުގެ ވަކީލުން ވެސް ވަނީ ވިދާޅުވެފައެވެ.
ގާސިމް އިބްރާހީމް މިހާރު ހުންނެވީ ޖަރުމަންވިލާތުގައެވެ. އެގައުމަށް ވަޑައިގަތީ ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގެން އޮޕަރޭޝަނެއް ކުރެއްވުމަށްފަހު ޖަރުމަން ސަރުކާރުގެ ޚާއްސަ ހުއްދައެއްގެ ދަށުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ