ރިޝްވަތުގެ ގޮތުގައި އެއްވެސް މީހަކަށް ފައިސާ ދީފައި ނުވާނެ ކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ﷲ ގަންދީ ހުވާކުރައްވައިފި އެވެ.
ގާސިމް އިބްރާހީމް މިއަދު ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އިންޑިއާ ސަރުކާރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ފައިސާ ދިނުމުން އެ ފައިސާ ރައީސް މައުމޫން، އެމަނިކުފާ ހަވާލުކޮށް ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންނަށާއި އެހެން ބައެއް މީހުންނަށް ރިޝްވަތު ދެއްވާފައިވާ ކަމަށް ބުނެ ދައްކަނީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. ރިޝްވަތުގެ ގޮތުގައި ދުވަހަކުވެސް މީހަކަށް ފައިސާ ނުދޭ ކަމަށާއި އެކަމުގައި ﷲ ގަންދީ ހުވާ ކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ. އަދި އެ ހުވާ އެމަނިކުފާނު ވަނީ ތަކުރާރުވެސް ކުރައްވާފަ އެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ ފުލުހުން އެމަނިކުފާނުގެ ދޮށީދަރިކަލުން ގާސިމް އިބްރާހީމްގެ މައްޗަށް ރިޝްވަތު ދިނުމާ ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުކުރާއިރު ސިޔާދުއަކީ ދުވަހަކުވެސް ސިޔާސީ ކަންކަމުގައި އުޅުއްވި ކުއްޖެއް ނޫން ކަމަށެވެ. އެހެންކަމުން އެމަނިކުފާނާއި އަދި އެމަނިކުފާނުގެ ދަރިކަލުންނާއި ގުޅުވައިގެން ދައްކާ ވާހަކަތަކަކީ އިއްޒަތާ ނަފްސު ހަލާކުކޮށްލުމަށް ދައްކާ ވާހަކަތަކެއް ކަމަށްވެސް ވިދާޅުވި އެވެ.
"ކޮންތާކުން ކިހިނެއް ހޯދައިގެން އުޅޭ ކޮން ވާހަކައެއްތޯ މިއީ. އެެއްވެސް ހަގީގަތެއް އޮތް ވާހަކައެއް ނޫން އިނގޭތޯ. ﷲ ގަންދީ ހުވާކޮށްފައި މިދަންނަވަނީ މިއީ އެއްވެސް ހަގީގަތެއް އޮތް ވާހަކައެއް ނޫން. މިހަމަ ހުސް ބަދުނާމު މިއަޅުވަނީ. މިސަރުކާރުން މީހުން ފްރޭމްކުރަމުންދާކަން އެއީ އަޅުގަނޑުމެންނަށް ސާބިތުވެފައި ހުރި ކަންތައް ދެއްތޯ. ޕޮލިސްގެ ތެރެއިން ކާނަލް ނާޒިމް ފްރޭމް ކުރެވިފައި ވަނީ ކިހިނެއްކަން ވަރަށް ރަނގަޅަށް މިބޭފުޅުންގެ ޑީއެންއޭ ރިޕޯޓްތަކުން ފެނިގެން ގޮސްފައި ވަނީ ދެއްތޯ،" ރިޝްވަތު ދެއްވާފައި ނުވާ ކަން ޔަގީންކޮށްދެއްވަމުން ގާސިމް އިބްރާހީމް ވިދާޅުވި އެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ އެމަނިކުފާނާއި ދަރިކަލުން ސިޔާދު އެއްވެސް މީހަކަށް ރިޝްވަތު ނުދޭކަން ވަރަށް އަވަހަށް ހާމަވާނެ ކަމަށެވެ. އެމަނިކުފާނުގެ މައްޗަށް ރިޝްވަތުގެ މައްސަލައެއްގައި ކޮށްފައިވާ ހުކުމެއް އޮތް ކަން ފާހަގަކުރައްވަމުން ގާސިމް އިބްރާހީމް ވިދާޅުވީ ރިޝްވަތުގެ ތުހުމަތަކީ މިސަރުކާރުން މީސްމީހުން ހައްޔަރުކޮށް އެންމެ ގިނައިން ކުރާ ތުހުމަތު ކަމަށެވެ. އެކަމަކު ރިޝްވަތުގެ މައްސަލަތައް ސާބިތުކުރެވޭ ވަރަށް ރައީސް އަބްދުﷲ ޔާމީން އަމިއްލަފުޅަށް އިއުތިރާފްވެފައި ހުރި އެތައް މައްސަލަތަކެއް އެބަހުރި ކަމަށާއި މުއައްސަސާތަކުން އެ މައްސަލަތައް ބެލުމަށްވެސް ގާސިމް އިބްރާހީމް ވަނީ ގޮވާލައްވާފަ އެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ އެމަނިކުފާނުގެ ދަރިކަލުންނާއި، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ އިސްތަށިފުޅުގައި ރިޝްވަތުގެ ތުހުމަތު އަޅުވާ ހައްޔަރުކުރީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން މިމަހުގެ އެއްވަނަ ދުވަހު ނެރުނު އަމުރު ތަންފީޒު ނުކޮށް ގާނޫނާ ހިލާފަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށްފަހު އެބޭފުޅުން ހައްޔަރުކޮށް އަނިޔާ ދިނުމަށް ކަމަށެވެ.
ރައީސް ޔާމީނަކީ އަނިޔާވެރިކަން އިސްކުރާ ވެރިއެެއް ކަން ފާހަަގަކުރައްވަމުން ގާސިިމް އިބްރާހީމް ވިދާޅުވީ ރައީސް ޔާމީންގެ ބޭބެ އަދި ކުރީގެ ރައީސް މައުމޫނާއި އެމަނިކުފާނުގެ ދަރިކަލުންނާއި، ދަނބިދަރިކަލުން ޖަލަށް ލައިގެން އަމަލުކުރައްވާ ގޮތުން ރައީސް ޔާމީންގެ އަނިޔާވެރިކަން ހާމަވާ ކަމަށެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްގެން ރައީސް ޔާމީން ހިންގަވާ ޣައިރު ގާނޫނީ އަމަލުތަކާ ގުޅިގެން މިގައުމު ބަނޑަށް ޖެހި ބޭރުގެ ދަތިކުރުމުގެ ފިޔަވަޅުތަކާ ކުރިމަތިލާންޖެހުމަކީ ވަރަށް ކައިރި ކަމެއް ކަމަށާއި ރައީސް ޔާމީންގެ އަމަލުތަކާ ގުޅިގެން މިގައުމަށް އެފަދަ ދެރަ ގޮތެއް ހެދުމަށް ފުރުސަތު ދީގެން ނުވާނެ ކަމުގައިވެސް ގާސިމް އިބްރާހީމް ވަނީ ވިދާޅުވެފަ އެވެ.
ރިޝްވަތު ނުދެއްވާ ކަމަށް ވިދާޅުވެ ގާސިމް ހުވާ ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ