ނަޖީބު އާއި ގުޅުންހުރި ގިނަ އަދަދެއްގެ ފައިސާ ދަބަސްތަކާއި ގަހަނާތަކެއް ހޯދައިފި

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގް އާއި ގުޅުންހުރި އަގު ބޮޑަތި ސާމާނާއި ގިނަ އަދަދެއްގެ ބޭރުފައިސާ ރައްކާކޮށްފައިހުރި އެތައް ސަތޭކަ އަތްދަބަސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް އެގަމުގެ ފުލުހުން ކަށަވަރުކޮށްދީފިއެވެ.
މެލޭޝިއާގެ ފުލުހުން ބުނީ އަގުބޮޑު ތަކެއްޗާއި ބޭރު ގައުމުތަކުގެ ފައިސާއިން ބަރުކޮށްފައިވާ މި އަތްދަބަސްތައް ފެނުނީ ވެރިރަށް ކުއަލަލަމްޕޫރުގައި ހުރި ނަޖީބާ ގުޅުންހުރި ތަންތަން ފާސްކުރުމުގެ ތެރޭގައި ކަމަށެވެ. އަދި އެތަންތަން ބަލާ ފާސްކުރީ ނަޖީބުގެ މައްޗަށް ތުހުމަތު ކުރެވޭ ސަރުކާރުގެ ތަރައްގީގެ ފަންޑު ވަންއެމްޑީބީގެ ހިޔަނާތުގެ މައްސަލައިގެ ތަހުގީގާއި ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ.
މި ހިޔާނާތުގެ މައްސަލައަކީ އިންތިހާބުން ނަޖީބުއަށް ލިބުނު ނާކާމިޔާބީއާއި އެންމެ ބޮޑަށް ގުޅިފައިވާ ސަބަބު ކަމަށް ބެލެވޭއިރު އެ ފަންޑުން އެތައް ބިލިއަން ޑޮލަރެއް ވަނީ ވީ ނުވީއެއް ނޭނގި ގެއްލިފައެވެ.
ސަރުކާރުގެ ތަރައްގީގެ ފަންޑުން ނަޖީބު އަމިއްލަފުޅަށް 700 މިލިއަން އެމެރިކާ ޑޮލަރު ނެންގެވި ކަމަށާއި އެފައިސާ އޭނާގެ އެކައުންޓަކަށް ޖަމާ ކުރައްވާ އަނބިކަނބަލުންނަށް ހެދުމާއި ގަހަނާފަދަ އަގުބޮޑެތި ސާމާނުތައް ބައްލަވައިގެންނެވުމަށް ބޭނުންފުޅު ކުރެއްވިކަމަށް ތުހުމަތު ކުރެވެއެވެ.
އެހެންނަމަވެސް މިހުރިހާ ތުހުމަތުތަކެއް ނަޖީބު ވަނީ ދޮގު ކުރައްވާފައެވެ. އެވަރުގެ ބޮޑު ހިޔާނާތުގެ އަމަލެއް ހިންގަވާފައި ނުވާނެކަމަށް ނަޖީބު ވިދާޅުވި ބައިނަލްއަގްވާމީ ފަރާތްތަކުން އަންނަނީ އެ މައްސަލަ ތަހްގީގު ކުރަމުންނެވެ.
މެލޭޝިއާގެ ބޮޑުވަޒީރު މަހާތީރު މުހައްމަދު ވިދާޅުވީ، އެމައްސަލަ މެލޭޝިއާއިން އަލުން ބަލަން ގަސްދުކުރައްވާ ކަމަށާއި، ސަރުކާރަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯއްދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. މި ތަހްގީގަށް ނަޖީބު ފިއްލަވާފާނެ ކަމަށް ބެލެވޭ ކަމަށް މަހާތީރު ވިދާޅުވެފައިވާއިރު އެގައުމުގެ އިމިގްރޭޝަނުން ވަނީ ނަޖީބާ އޭނާގެ އަނބިކަނބަލުން ރޯސްމާ މަންސޫރު ގައުމުން ބޭރަށް ވަޑައިގެންނެވުން މަނާ ކުރައްވާފައެވެެ.
ނަޖީބުގެ އޮފީހާއި، އޭނާގެ އަމިއްލަ ގެކޮޅާއި، އޭނާއާއި ގުޅުންހުރި އެހެނިހެން ބައެއް ގެތައްވެސް ފުލުހުން ބަލާ ފާސްކުރަމުން އަންނަތާ ދުވަސްކޮޅެ ވެފައިވާއިރު މިތަންތަން ބަލާ ފާސްކުރަމުންދަނީ މީޑިއާއަށްވެސް އަންގައިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ