އަރިއަތޮޅަށް އެންމެ ބޮޑު ހިދުމަތެއް ކޮށްދެއްވީ ގާސިމް އިބްރާހީމް: އަލީ ވަހީދު

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އަރިއަތޮޅަށް ކޮށްދެއްވި ހިދުމަތާ އެއްވަރުގެ ހިދުމަތެއް ރާއްޖޭގޭ އެއްވެސް ސަރުކާރަކުން އެ އަތޮޅަށް ކޮށްދީފައިވާ ނުވާ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
އަލީ ވަހީދު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އިސްވެ ހުންނަވައިގެން ރޭ އއ. މަތިވެރީގައި ވެރިކަން ކުރާ ޕީޕީއެމުން ބޭއްވި ޖަލްސާގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އަރިއަތޮޅުގެ ތަރައްގީއާ ގުޅޭގޮތުން ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުންނެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ވިލާ ގުރޫޕްގެ ޗެއާމަން ގާސިމް އިބްރާހީމަށް އަމާޒުކުރައްވާ މުހައްމަދު ސައީދު ވިދާޅުވީ އަރިއަތޮޅު ތަރައްގީ ނުވެ އޮތީ އިދިކޮޅު ޕާޓީތައް އެ އަތޮޅުގެ ތަރައްގީއަށް ހުރަހަކަށް ވެފައި އޮތުމުން ކަމަށެވެ.
ސައީދު އިތުރަށް ވިދާޅުވީ އަރިއަތޮޅުގެ ތަރައްގީއަށް ހުރަސްއަޅަމުން އައީ އަމިއްލަ ވިޔަފާރި އާއި އަމިއްލަ ވެރިކަމުގެ ބޭނުމުގައި އުޅުނު ބައެއް ކަމަށެވެ.
"ވިޔަފާރިވެރިއެއްގެ ޝައުގާއި ނުވަތަ އަމިއްލަ ބޭނުމަށް ބޭނުން ކުރަން އެއްވެސް ރަށެއް، އަތޮޅެއް، މީހަކަށް، ހުންނަން ޖެހޭނެ ކަމަކަށް ގާނޫނު އަސާސީގައި ބުނެފައެއް ނެތް،" ގާސިމަށް އިޝާރާތް ކުރައްވަމުން ސައީދު ވިދާޅުވި އެވެ.
މިނިސްޓަރު ސައީދުގެ ފާޑުކިޔުންތަކަށް ރައްދުދެއްވަމުން އަރިއަތޮޅަށް ނިސްބަތްވާ ތޮއްޑޫ ދާއިރާގެ މަޖިލިސް މެންބަރުކަން ވެސް ކުރިން ކުރައްވާފައިވާ އަލީ ވަހީދު ވިދާޅުވީ ގާސިމް އިބްރާހީމަކީ އަރިއަތޮޅަށް އުފަންވި، އަދި މުޅި ރާއްޖެއަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވި ދަރިއެއް ކަަމަށެވެ. އަދި ވިދާޅުވީ ގާސިމަކީ ދިވެހި ތައުލީމީ ޖީލެއްގެ ބައްޕަ ކަމަށެވެ. 
"އެއްވެސް ސަރުކާރަކަށް ގާސިމް އިބްރާހީމް އަރިއަތޮޅަށް ކޮށްދެއްވި ހިދުމަތާ އެއްވަރަށް އަދި ކަމެއް ކޮށްނުދެވޭ. އިރަށް ވޮށް ދިއްކުރުމަކީ މޮޔަ ކަމެއް،" މިނިސްޓަރު ސައީދާއި ގުޅޭ ހަބަރެއްގެ ސްކްރީން ޝޮޓަކާއެކު އަލީ ވަހީދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ