ވީޑިއޯ މެދުވެރިކޮށް ސުޕްރީމް ކޯޓުގެ ޝަރީޢަތެއް ފުރަތަމަ ފަހަރަށް ބާއްވައިފި
ސުޕްރީމް ކޯޓުގެ ޝަރީޢަތްތައް ދުރުން ކުރިއަށްގެންދާނެ ގޮތުގެ ގަވާއިދުގެ ދަށުން ސުޕްރީމް ކޯޓުގެ ޝަރީޢަތެއް ފުރަތަމަ ފަހަރަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މިއަދު ބާއްވައިފިއެވެ.މިއަދު މެންދުރު 13:00 ގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންގޮސްފައި ވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ މައްޗަށް ދައުވާކޮށް ބ. ތުޅާދޫ ގުލްބަހާރުގެ އަދުނާން ހުސައިންގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައެވެ.މި މައްސަލައިގެ ބެންޗްގައި ހިމެނި ވަޑައިގެންނެވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މަޙާޒް ޢަލީ ޒާހިރު އާއި، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އާއި، ފަނޑިޔާރު އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދު އެވެ. މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު މަޙާޒް ޢަލީ ޒާހިރު އެވެ. މީ ފަނޑިޔާރުން ކޯޓަށް ހާޒިރުވެޑައިނުގެން އޮންލައިންކޮށް ރާއްޖޭގައި ބޭއްވި ފުރަތަމަ ޝަރީއަތުގެ މަޖީލެހެވެ.މި ޝަރީޢަތުގެ މަޖިލީހުގައި ފަނޑިޔާރުންނާއި، ދަޢުވާކުރާފަރާތާއި އެ ފަރާތުގެ ވަކީލު އަދި ދަޢުވާލިބޭ ފަރާތާއި ކޯޓުގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވީ އެ ފަރާތެއް ޤާއިމްވެހުރި ތަނުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ.ސުޕްރީމް ކޯޓުގެ ޝަރީޢަތްތައް ދުރުން ކުރިއަށްގެންދާނެ ގޮތުގެ ގަވާއިދުގެ ދަށުން ބާއްވާ ޝަރީޢަތްތައް ލައިވްކުރުމަށް ހަމަޖެހިފައިވީނަމަވެސް، މިއަދު ކުރިއަށް ގެންދެވުނު ޝަރީޢަތުގެ މަޖިލީހަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ ދަށުން ޢާންމުކޮށް ހުޅުވައިނުލައި ކުރިއަށް ގެންދަންޖެހޭ ބާވަތުގެ މައްސަލައަކަށްވާތީ މިއަދުގެ ޝަރީޢަތް ލައިވްކޮށްފައެއް ނުވެއެވެ.ސުޕްރީމް ކޯޓުގެ ޝަރީއަތްތައް ފުރަތަމަ ފަހަރަށް އޮންލައިންކޮށް ފަށާ ޝަރީއަތުގެ އަޑުއެހުންތައް ޓްވިޓަރ އަދި ޔޫޓިއުބް މެދުވެރިކޮށް ޝަރީއަތުގެ މަޖިލިސް ވަގުތުން އަޑުއެހުމުގެ ފުރުސަތު ހުޅުވާލުމަށް ނިންމާ އެކަމާއި ގުޅޭ ޤަވައިދު އެކޯޓުން ވަނީ އާއްމުކޮށްފައެވެ.ކޯވިޑުން ރައްކާތެރިވުމަށް މާލޭ ސަރަހައްދުގައި އިއުލާންކުރި ފުރަ ބަންދާއިއެކު ކްރިމިނަލްކޯޓުން ވެސް އަންނަނީ ޝަރީއަތްތައް ވީޑިއޯ ކޮންފެރެންސް މެދުވެރިކޮށް ބާއްވަމުންނެވެ. އެކަމަކު އެކޯޓުން މައްސަލަތައް ކުރިޔަށް ގެންގޮސްފައިވަނީ ފަނޑިޔާރުން ކޯޓަށް ނުކުންނަވާ ދައުވާ ލިބޭ މީހުންނާއި ވަކީލުން އެހެން ތަނެއްގައި ތިއްވެގެން ވީޑިއޯ ކޮންފަރަނެސް މެދުވެރިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ