ބީޖީ އަތުން ނިއު އަށް އުނދަގޫ މޮޅެއް

ބީޖީ ސްޕޯޓްސް އަތުން އުނދަގުލުން 1-0 އިން މޮޅުވެ އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ތާވަލުގެ ތިން ވަނަ މަގާމަށް ނިއު ރޭޑިއަންޓް މިރޭ އަރައިފި އެވެ. ނިއު އަށް ހަތް ޕޮއިންޓް ލިބިފައިވާއިރު އެއް ވަނައިގައި ހަތް ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން އޮތީ ކްލަބް އީގަލްސް އެވެ. ދެ ވަނައިގައި އޮތް މާޒިޔާ އަށް ވެސް ހަތް ޕޮއިންޓް ލިބިފައިވާއިރު އެ ޓީމަށް ނިއު އަށް ވުރެ ކުރި ލިބެނީ ޖެހި ގޯލް ގިނަވުމުންނެވެ. ނިއު އޮތީ ތިން ވަނައިގަ އެވެ. ބީޖީ އޮތީ ތިން ޕޮއިންޓާ އެކު ހަ ވަނައިގަ އެވެ. މިރޭގެ މެޗުގެ ހަމައެކަނި ލަނޑު ހަ ވަނަ މިނެޓުގައި ނިއު އަށް ކާމިޔާބުކޮށްދިނީ ކެޕްޓަން އަަސްހަދު އަލީ (އަޑުބަރޭ) އެވެ. ވިލިއަމް މެކޯ ނެގި ހުރަސް، އަޑުބަރޭ ކޮންޓްރޯލް ކޮށްލުމަށް ފަހު އޮއްސާލީ ގޯލުގެ ކަނަށެވެ. ބީޖީ އަށް ނަތީޖާ ހަމަހަމަކުރަން 17 ވަނަ މިނެޓުގައި ރަނގަޅު ފުރުސަތެއް ލިބުނެވެ. އެކަމަކު އިބްރާހިމް ޝިޔާމް (ދޮނާ) ނެގި ހުރަސް އަލީ ހައިޝަމް މެއިން ކޮންޓްރޯލްކޮށްލުމަށް ފަހު ފޮނުވާލުމުން ނިއުގެ ގޯލްކީޕަރު އަލީޝާ އަހްމެދޯފް ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން 32 ވަނަ މިނެޓުގައި ނިއުގެ ވިލިއަމް އޭރިއާ ބޭރުން ނުރައްކާތެރި ބޯޅައެއް ފޮނުވާލިއިރު އެ ބޯޅަ އަމާޒުވީ ގޯލް ދަނޑިއަށެވެ. ދެ ވަނަ ހާފު ފަށައިގެން 53 ވަނަ މިނެޓުގައި ނިއު އަށް ލީޑު ފުޅާކުރަން ރަނުގެ ފުރުސަތެއް ލިބުނެވެ. އެގޮތުން އޭރިއާ ތެރެއިން ހުހަށް ހުރި ވިލިއަމް ފޮނުވާލި ބޯޅަ ބީޖީގެ ޑިފެންޑަރެއްގެ ގައިގައި ޖެހި ބްލޮކްވި އިރު އެ ބޯޅަ ދެ ވަނަ ފަހަރަށް، ނިއުގެ ނައިޖީރިއާ ފޯވާޑް ފޮނުވާލުމުން ދިޔައީ ހުރަސް ދަނޑިމަތިންނެވެ. މެޗުގެ ފަހުކޮޅު ބީޖީ އަށް ނަތީޖާ ހަމަހަމަކުރަން ރަނގަޅު ދެ ފުރުސަތު ލިބުނެވެ. އޭގެ ތެރެއިން ދޮނާ އޭރިއާ ތެރެއިން ފޮނުވާލި ބާރު ބޯޅަ ނިއުގެ ކީޕަރު އަލީޝާ މަތަކުރިއިރު، ފަހު މިނެޓުގައި އަރިމަތިން ނެގި ހުރަހެއް ގޯލްކުރިމަތީ އެކަނިމާއެކަނި ހުރި އިބްރާހިމް ހަމްދާން ފޮނުވާލުމުން ދިޔައީ ގޯލް ކުރިމަތިން ހުރަސްވެގެންނެވެ. މެޗުގައި ރެފްރީ ޒައީމް އަލީގެ ނިންމުންތަކާ މެދު ދެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރި އެވެ. މެޗުގެ ފަހުކޮޅު ބީޖީގެ ބަދަލު ކުޅުންތެރިޔާ އާދަމް ފަޒީހް (ފަދިއްކޮ) ބެންޗުގައި ހުއްޓާ ވަނީ ރަތްކާޑެއް ދައްކައިފަ އެވެ. އެއީ ރެފްރީގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރުމުންނެވެ. ބީޖީގެ ކޯޗު މުހައްމަދު ޝާޒްލީ ބުނީ އޭނާގެ ޓީމުން ނުކުތީ އެންމެ ފަހުގެ ތިން އަހަރުގެ ޗެމްޕިއަން ނިއުއާ ދެކޮޅަށް ކުޅެ ރަނގަޅު ނަތީޖާއެއް ނެރެން އުނދަގޫވާނެކަން އެނގި ތިބެ ކަމަށާއި އެކަމަކު އޭނާގެ ޓީމުން ވަރަށް ރަނގަޅަށް ކުޅުނު ކަމަށެވެ. "ބީޖީ އަށް ކުރެވޭނެ ހުރިހާ ކަމެއް ކުރީ. ވަރަށް ރަނގަޅަށް ކުޅުނު. އެކަމަކު ނަސީބު ވެސް ދިޔައީ ދެރަކޮށް. އެކަމަކު އެންމެ ބޮޑަށް ފާހަގަކުރެވުނީ މެޗު އޮފިޝަލުންގެ މައްސަލަ. ޓީމުތަކުން ވަރަށް ބޮޑަށް ތައްޔާރުވެގެން ދަނޑަށް އަރާއިރު މެޗު އޮފިޝަލުން ވެސް އެވަރަށް ތައްޔާރުވެގެން އަރަން ޖެހެނީ. ވަރަށް ބޮޑަށް މިރޭ އޮފިޝަލުންގެ މައްސަލަ ފާހަގަކުރެވުނު،" ޝާޒް ބުންޏެވެ. ނިއުގެ އެސިސްޓަންޓް ކޯޗު ހަސަން ހަމީދު (ޑަކޭ) ބުނީ ކުޅުމާ މެދު އެހާ ހިތްހަމަނުޖެހޭ ކަމަށާއި އެކަމަކު ތިން ޕޮއިންޓް ލިބުމުން ހިތްހަމަޖެހޭ ކަމަށެވެ. ޑަކޭ ވެސް ވަނީ މެޗު އޮފިޝަލުންގެ ފަރާތުން މައްސަލަތައް ފެނުނު ކަމަށް ބުނެ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ