މެމްބަރު އަލީ ވަހީދު މާދަމާ ރޭ ޕޮލިހަށް ހާޒިރުކުރަނީ

ތޮއްޑޫ ދާއިރާގެ މަޖިލިސް މެމްބަރު އަލީ ވަހީދު މާދަމާ ރޭ ފުލުސް އޮފީހަށް ހާޒިރުވާން މިއަދު އަންގައިފި އެވެ. ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން އަލީ ވަހީދު މާދަމާ ރޭ 9:00 ފުލުސް އޮފީހަށް ހާޒިރުވުމަށް ޗިޓު ފޮނުވާފައިވާނެ ކަމަށެވެ. ނަމަވެސް، އެއީ ކޮން މައްސަލައެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ. އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ނައިބު ލީޑަރު އަލީ ވަހީދު މިރޭ ޓްވިޓާގައި ވިދާޅުވީ މާދަމާ ރޭ ނުވައެއް ޖަހާއިރު ފުލުސް އޮފީހަށް ހާޒިރުވާން ފުލުހުންގެ ފަރާތުން ޗިޓެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް، އޭނާ ފޯނަށް ޖަވާބު ނުދެއްވާތީ އިތުރު މައުލޫމާތު ސާފުވާ ގޮތެއް ނުވެ އެވެ. އަލީ ވަހީދު ޕޮލިހަށް ހާޒިރުވުމަށް ޗިޓު ފޮނުވާފައިވާ އިރު އޭނާގެ މައްޗަށް ތުހުމަތު ކުރާ ކޮރަޕްޝަންގެ މައްސަލައެއް ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގުޅިގެން ދަނީ ތަހުގީގު ކުރަމުންނެވެ. އެ މައްސަލައިގެ ތަހުގީގަށް އެކި ފަހަރު މަތިން އަލީ ވަހީދު ފުލުހަށް ހާޒިރުކޮށްފައިވެ އެވެ. އަދި އަލީ ވަހީދުގެ އަނބިކަނބަލުން އައިޝަތު ލީޝާ އާއި އަލީ ވަހީދުގެ މަންމަ އއ. ތޮއްޑޫ، ހަނީމޫން، ޒުހުރާ އަބްދުﷲ އާއި ބައްޕަ މުހައްމަދު ވަހީދު އަދި ޓެޕް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލި މަނިކު (ޓެޕް އައްޔަ) ވެސް ވަނީ ޕޮލިހަށް ހާޒިރުކޮށްފަ އެވެ. "ހަވީރަ"ށް އެނގިފައިވާ ގޮތުގައި ފުލުހުން ބަލަނީ އަލީ ވަހީދުގެ މަންމަ 7.9 މިލިއަން ރުފިޔާ އަށް މާލެ އިން ގަނެފައިވާ ގޯއްޗެއްގެ މައްސަލަ އެވެ. މީގެ ކުރިން މީޑިއާ އަށް ހާމަވި ލިޔުންތަކުން އެނގޭ ގޮތުގައި އަލީ ވަހީދުގެ މަންމަ މާލެ އިން ގަތް ގޯއްޗަށް ފައިސާ ދައްކާފައި ވަނީ އޭނާގެ ފިރިމީހާ ކަމަށް ބުނި ނަމަވެސް އެ ފައިސާ ދައްކާފައި ވަނީ ޓެޕް ކޮންސްޓްރަކްޝަނުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ