ގާޒީ ބާރީއާ ބައްދަލުކުރިކަން ސާބިތުކޮށްދީފިއްޔާ މި މަގާމަކު ނުހުންނާނަން: ޕީޖީ
ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުލްބާރީ ޔޫސުފާ އެކު ކެފޭއެއްގެ ތެރޭގައި އިންނެވި ކަމަށް ބުނެ ބައެއް މީޑިއާތަކުން ފަތުރަމުންދާ ވާހަކަތައް، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) މުހުތާޒް މުހްސިން މިއަދު ދޮގުކުރައްވައިފި އެވެ. ޕީޖީ ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން ދައުވާ އުފުލީ އޭނާ ކަމަށްވާ އިރު، އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ތެރޭގައި ހިމެނޭ ގާޒީ ބާރީއާ އެކު ސިއްރު ބައްދަލުކުރުމެއް ބޭއްވި ކަން ސާބިތުކޮށްދީފިއްޔާ އެ މަގާމުގައި ނުހުންނަވާނެ ކަމަށެވެ. "އަޅުގަނޑު މިހާރު ވެސް މި ދަންނަވަނީ، އެއީ ކަނޑައެޅިގެން ދޮގެކޭ. އެކަން ރާއްޖެ ޓީވީން ސާބިތުކޮށްދީފިއްޔާ ވަގުތުން އަޅުގަނޑު އިސްތިއުފާ ދޭނަން. އަޅުގަނޑު ތަނަކަށް ދާއިރު އެ ތަނުގައި ގާޒީ ބާރީ އިންނެވުމަކީ އަދި އަމުދުން މުޅިން ވަކިން ދުރުގައި ހުރި ދެ މޭޒެއްގައި އަޅުގަނޑުމެން ދެ މީހުން ވަކިން ތިބުމަކީ އަޅުގަނޑު ގާޒީ ބާރީއާ އެކު ބައްދަލުކުރެއްވީ ކަމަށް ނުވާނެ. އަޅުގަނޑު ރޭގައި ބާރީއާ ވާހަކައެއް ވެސް ނުދައްކަން، ބައްދަލެއް ވެސް ނުކުރަން،" މުހުތާޒް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ބާރީ ގާޒީ އިންނެވި ކެފޭއަކަށް ރޭގައި ދެވުމަކީ އިއްތިފާގެކެވެ. "އަޅުގަނޑު ރޭ އެ ކެފޭ (ކެފޭ ލަޔާލީ) އަށް ދިޔައީ އަޅުގަނޑުގެ ދެ ރައްޓެއްސަކާ އެކު. އެ ތަނަށް އަޅުގަނޑު ވަން އިރު ވެސް ގާޒީ ބާރީ އިންނެވި މޭޒެއްގެ ކައިރީގައި ބަޔަކާ ވާހަކަ ދައްކަވަން. ދެން އަޅުގަނޑު ވެސް ތަންކޮޅެއް ދުރުގައި ހުރި މޭޒެއްގެ ކައިރީގައި އިށީނީ އަޅުގަނޑުގެ ދެ ރައްޓެހިންނާ އެކު،" މުހްތާޒު ވިދާޅުވި އެވެ. "އަޅުގަނޑުމެން ވާހަކަ ދައްކަން ތިއްބާ، އަޅުގަނޑުގެ ފުރަގަހުން ބޮތްކެއްގެ އަލި ވީމާ، އަޅުގަނޑު ވެސް ބަލައިލީ. އޭރު އަޅުގަނޑުގެ ފުރަގަހުގައި ހުރި މީހަކު ގާޒީ ބާރީ އިންނެވި މޭޒާ ދިމާލަށް މޫވީ ކެމެރާއެއް ދިއްކޮށްގެން ހުރި." މުހުތާޒު ވިދާޅުވި ގޮތުގައި އެ ތަނަށް ކެމެރާ ކުރަން ދިޔަ ބަޔަކަށް އޭނާ ނުވެސް ފެންނާނެ އެވެ. އެހެން ނޫން ނަމަ، އެ ބަޔަކު ވީޑިއޯ ކުރާނީ އޭނާ އެތާ އިންނެވި މަންޒަރު ކަމަށް ވެސް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ ބަޔަކު ކެމެރާކުރަން ފެށުމުން އެ ކެފޭގެ ވެރިޔާ އަޒްހާން ފަހުމީ (އަލްހާން ފަހުމީގެ ކޮއްކޮ) އެކަމަށް ހުރަސް އެޅުއްވުމުން، ކެފޭގެ ތެރޭގައި ކޮންމެވެސް ވަރަކަށް އަޑުގަދަވި ކަމަށެވެ. "މަސްރަހު މާ ބޮޑަށް ގޯސްވެ ގަޔަތް އަތްލާ ހިސާބަށް ހިނގައިދާނެ ހެން ހީވީމާ، އަޅުގަނޑު އެތަނުން ފައިބައިގެން އައީ. އަޅުގަނޑު ތިރިއަށް ފޭބި އިރު، އެތާ ކުރިމަތީ ހުރި، ރާއްޖެ ޓީވީ ރިޕޯޓަރު ފަޒީން. އެއީ ވެސް ރައްޓެއްސަކަށް ވާތީ އަޅުގަނޑު އަހާލިން ކީއްހޭ ތި ކުރަނީ، މި ތަނަށް ކެމެރާމަނުން ގެނެސްގެން. އޭނާ ބުނީ ތިމަންނާ ކުރި ކަމެއް ނޫނޭ. އަކްރަމް ބުނެގެން އައި ބައެކޭ،" މުހްތާޒް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އާންމުކޮށް ހުޅުވާލާފައި ހުންނަ ތަނެއްގެ ތެރޭގައި ވަކިން ހުރި ދެ މޭޒެއްގެ ކައިރީގައި ދެ މީހަކު ތިބުމަކީ ސިއްރު ބައްދަލުކުރުމެއް ކަމަށް ބުނާތީ ހައިރާންވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ