މެމްބަރު ރަޝީދު ހައްޔަރުކުރި މައްސަލަ ބަލަން އިމްތިޔާޒު ކޮމިޓީން ނިންމައިފި

މިދިޔަ ހަފުތާގެ ބުދަ ދުވަހުގެ ރޭ އައްޑޫގައި ތަންތަން ރޯކޮށް ގެއްލުންދީ ހަމަނުޖެހުންތައް ރާވައި ހިންގުމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު މުހަންމަދު ރަޝީދު، ފުލުހުން ހައްޔަރުކުރީ މަޖިލީހުގެ ގަވާއިދާ ހިލާފަށްތޯ ބެލުމަށް އިމްތިޔާޒު ކޮމިޓީން މިއަދު ނިންމައިފި އެވެ. އިމްތިޔާޒު ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ މެމްބަރުން ވިދާޅުވީ މުހައްމަދު ރަޝީދު ހައްޔަރުކޮށްފައި ވަނީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށާއި ކޯޓުގެ އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރިއިރު، ހައްޔަރުކުރުމުގެ ކުރިން މަޖިލީހުގެ ރައީސަށް އަންގަން ޖެހޭނެ ކަމަށެވެ. މަޖިލީހުގެ ގަވާއިދުގެ 202 ވަނަ މާއްދާގެ (ށ) ގައި ބުނެފައި ވަނީ، "ޖިނާއީ ކުށެއްގެ ތުހުމަތުގައި ބަންދުކޮށްގެން ނޫނީ، ތަހުގީގު ކުރިއަށް ގެންދެވެން ނެތް ހާލަތެއްގައި، މެމްބަރަކު ބަންދުކުރަން ޖެހިއްޖެ ހިނދެއްގައި، މެމްބަރަކު ބަންދުކުރަންވާނީ، މަޖިލީހުގެ ރައީސަށް އެންގުމަށްފަހުގަ އެވެ،" މިހެންނެވެ. މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ މުހައްމަދު ރަޝީދު ހައްޔަރުކުރީ މިދިޔަ ހޮނިހިރު ދުވަހު ކަމަށް ވިޔަސް، އެކަން މަޖިލީހަށް އަންގާފައިވަނީ އިއްޔެ ކަމަށެވެ. "ކޯޓު އަމުރެއްގެ ދަށުން މެމްބަރަކު ހައްޔަރުކުރާއިރު، ހައްޔަރުކުރުމުގެ ކުރިން މަޖިލީހުގެ ރައީސަށް އެކަން އެންގެންވާނެ. މުހައްމަދު ރަޝީދުގެ އިތުރުން މިފަހަރު ފުލުހުން ހައްޔަރުކުރި އެހެން މެމްބަރުން ހައްޔަރުކުރިކަން މަޖިލީހުގެ ރައީސަށް އަންގާފައެއް ނެތް. މަޖިލީހުގެ ރައީސް ވެސް އެހެން ވިދާޅުވި،" އިމްތިޔާޒު ވިދާޅުވި އެވެ. އުނގޫފާރު ދާއިރާގެ މެމްބަރު ޑރ. އަފްރާޝީމް އަލީ ވިދާޅުވީ މަޖިލީހުގެ ގަވާއިދާ ހިލާފަށް މެމްބަރަކު ހައްޔަރު ނުކުރެވޭނެ ކަމަށާއި އެކަން މަޖިލީހުން ވަރަށް ސީރިއަސްކޮށް ބަލަންޖެހޭ ކަމަށެވެ. އަދި މަޖިލީހުގެ ގަވާއިދާ އެއްގޮތަށް ފުލުހުން އަމަލުކޮށްފައިވޭތޯ ކޮމިޓީން ބަލަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. މުހައްމަދު ރަޝީދު ހައްޔަރުކުރި މައްސަލަ ބެލުމަށްޓަކައި ފުލުހުން ހާޒިރުކުރުމަށް އިމްތިޔާޒު ކޮމިޓީން ނިންމި ނަމަވެސް، ހާޒިރުކުރާނެ ބޭފުޅުންނެއް ނުނިންމަ އެވެ. ކޮމިޓީގެ މުގައްރިރު، މަތިވެރީ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ވިދާޅުވީ މި މައްސަލަ ވީހާ ވެސް އަވަހަކަށް ނިންމުމަށް ފަހު، މަޖިލީހުގެ ރައީސަށް ރިޕޯޓެއް ފޮނުއްވާނެ ކަމަށެވެ. މުހައްމަދު ރަޝީދު ހައްޔަރުކުރި މައްސަލަ ބެލުމަށްޓަކައި ޕީޕީއެމްގެ މެމްބަރުން ހުށަހެޅުއްވި ހުށަހެޅުން ފާސްވިއިރު، އެމްޑީޕީގެ މެމްބަރުން ހުށަހެޅުއްވީ މުހައްމަދު ރަޝީދު ވަގުތުން ދޫކޮށްލުމަށް ކޮމިޓީން ނިންމުމަށެވެ. ނަމަވެސް އެ ހުށަހެޅުމަށް ވޯޓަށް ނޭއްސެވީ މަޖިލީހުގެ ގަވާއިދާ ހިލާފު ހުށެހެޅުމަކަށް ވާތީ ކަމަށް މުގައްރިރު ވިދާޅުވި އެވެ. އައްޑޫގައި ހުންނަވަނިކޮށް ހައްޔަރުކުރި މުހައްމަދު ރަޝީދު ރޭ ވަނީ ގޭ ބަންދަށް ބަދަލުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ