ރިޔާސީ ޕްރައިމަރީ 30،000 ވުރެ ގިނަ މެންބަރުން ވޯޓް ލާނެ: ޕީޕީއެމް

ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީ 30،000 ވުރެ ގިނަ މެންބަރުން ވޯޓް ލާނެ ކަމަށް ޕާޓީން ބުނެފި އެވެ.
ވީނިއުސްއަށް މައުލޫމަތު ދެއްވަމުން ޕީޕީއެމްގެ އިލެކްޝަން ކޮމިޓީގެ ރައީސް މުހައްމަދު ތޮލާލް މިއަދު ވިދާޅުވީ މިހާރު އެ ޕާޓީ އޮފީހުގައި ހުރި ފޯމްތަކާއެކު އެއިރަށް 30،000 މެންބަރުން ހަމަވާނެ ކަމަށާއި، ޕާޓީ އޮފީހުގައި ހުރި ފޯމްތައް ވީހާ އަވަހަކަށް އިލެކްޝަނަށް ފޮނުވައި އިލެކްޝަން ދަފްތަރުގައި ހިމަނާނެ ކަމަށެވެ.
ޕީޕީއެމުން މިހެން ބުނި އިރު އިލެކްޝަން ކޮމިޝަނުން މިއަދު ވަނީ ޕާޓީތަކުގެ ދަފުތަރު އޮތްގޮތުގެ ތަފާސް ހިސާބުތައް ނެރެފަ އެވެ. އެހިސާބުތަކުން ދައްކާ ގޮތުގައި ޕީޕީއެމްގެ މެންބަރުންގެ އަދަދު 22،000 އަށްވުރެ ގިނަ އެވެ.
ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީ ބާއްވަނީ މިމަހުގެ 30 ވަނަ ދުވަހު އެވެ. ތޮލާލް ވިދާޅުވީ ޕީޕީއެމްގެ ޕްރައިމަރީގައި ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށެއްގައި ވޯޓް ފޮށި ބަހައްޓާނެ ކަމަށާއި މިދިއަ ފެބްރުއަރީ މަހުގެ 28 ގެ ކުރިން އެޕާޓީއަށް ސޮއިކޮށްފައިވާ ހުރިހައި މެންބަރުންނަށް ރިޔާސީ ޕްރައިމަރީގައި ވޯޓްލެވޭނެ ކަމަށެވެ.
ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވަނީ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި އުމަރު ނަސީރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ