ހަށިވިއްކަމުން ދިއުމުގެ ތުހުމަތުގައި 98 މީހުން ހައްޔަރުކޮށްފި

މަސާޖް ހާނާގެ ނަމުގައި ފައިސާއަށް ހަށިވިއްކާކަމަށް ތުހުމަތުކުރެވޭ 25 ތަންތަން މިއަހަރުގެ މިހާތަނަށް ބަންދުކޮށް ހަށިވިއްކަމުން ދިޔަކަމުގެ ތުހުމަތުގައި 98 މީހުން ހައްޔަރުކޮށްފައިވާކަމަށް ފުލުހުންބުނެފިއެވެ.
ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާރޓްމަންޓްގެ ޑެޕިއުޓީ ހެޑް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ދާޢޫދާއި ހަވާލާދީ ފުލުހުންބުނީ މިއަހަރުގެ ތެރޭގައި ހިންގާފައިވާ މި އޮޕަރޭޝަންތަކުގައި ފުލުހުން ބަންދުކޮށްފައިވާ ތަންތަނުގެ ތެރޭގައި ހިމެނެނީ މާރޗް މަހު ބަންދުކޮށްފައިވާ 3 ތަނަކާއި އޭޕްރީލް މަހު ބަންދުކޮށްފައިވާ 3 ތަނަކާއި މެއި މަހު ބަންދުކޮށްފައިވާ 5 ތަނަކާއި ޖޫން މަހު ބަންދުކޮށްފައިވާ 6 ތަނަކާއި ޖުލައި މަހު ބަންދުކޮށްފައިވާ 5 ތަނަކާއި އޮގަސްޓްމަހު ބަންދުކޮށްފައިވާ ތަނެއްގެ އިތުރުން މި ސެޕްޓެމްބަރު މަހު ބަންކޮށްފައިވާ 4 މަސާޖްކުރާ ތަންތަންކަމުގައެވެ.
އަދި މިތައްތަނުން ހައްޔަރު ކުރެވުނު 98 މީހުންގެ ތެރެއިން 58 މީހަކު ޑީޕޯރޓް ކުރުމަށްފަހު އަނބުރާ އެމީހުންގެ ޤައުމަށް ވަނީ ފޮނުވާލާފައިވާކަމަށާއި ޑީޕޯރޓް ކުރެވުނު މީހުންގެ ތެރޭގައި ހިމެނޭ ބަންގްލަދޭޝް ރައްޔިތަަކު ނަން ބަދަލުކޮށްގެން 2 ވަނަ ފަހަރަށް ރާއްޖެއައިސް މިކަމުގައި ޙަރަކާތްތެރިވަނިކޮށް ފުލުހުން ވަނީ އޭނާ ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިކަމަށްވެސް ފުލުހުންބުނެއެވެ.
އަދި މިވަގުތު ތައިލޭންޑް 4 އަންހެނަކާއި ބަންގްލަދޭޝް 2 އަންހެނަކާއި ދިވެހި 3 ފިރިހެނެއްގެ އިތުރުން ބަންގްލަދޭޝް ދެ ފިރިހެނުން ފުލުހުންގެ ބެލުމުގެ ދަށުގައި ތިބިކަމަށް ފުލުހުންވަނީ ބުނެފައެވެ.
މީގެ އިތުރުން މަސާޖު ޕާލާތަކުން -/138783 (އެއްލައްކަ ތިރީސް އަންހާސް ހަތްސަތޭކަ އައްޑިހަ ތިން ރުފިޔާ) ދިވެހި ރުފިޔާއާއި 3155 (ތިން ހާސް އެއްސަތޭކަ ފަންސާސް ފަސް ޑޮލަރު) ފެނިފައިވާކަމަށްވެސް ފުލުހުންބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ